ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓާއި އެޑްވަލޮރެމް ރޭޓަށް ބޮޑެތި ބަދަލުތަކެއް ގެނެއުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަ ކުރައްވައިފިއެވެ.

މުއިއްޒު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 1 ނޮވެމްބަރުން ފެށިގެން މި ބަދަލުތައް ގެންނެއުމަށް މި ހަފްތާގައި މަޖިލީހަށް ފޮނުވުމަށް ނިންމަވާފައިވާ ކަމަށެވެ.

އެގޮތުން އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ 7 ވަނަ މާއްދާގެ ޗެޕްޓާ 24 ގެ ދަށުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް 3 ރުފިޔާއިން 8 ރުފިޔާއަށް މަތިކޮށް އެ މުދަލުން ނެގޭ އެޑްވަލޮރަމް ރޭޓް 50 ޕަސެންޓަށް މަތި ކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އާންމު ތަންތާނގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުގެ ދައުރު ވަރުގަދަކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާ ކަމަށް ވެސް އެމަނިކުފާނު ވަނީ އިއުލާން ކުރައްވާފައެވެ. ހަމަ އެހެންމެ، ދުންފަތުގެ އިސްތިއުމާލު ކުރަން އާދަވެފައިވާ ފަރާތްތަކުން އެ އާދައިން ދުރުވެގަތުމަށް އެހީތެރިވުމަށް ގައުމީ ލެވެލްގައި، ފަންނީ ގޮތުން ބަލައިގަންނަ، ވަށާޖެހޭ، ބޮޑު ކެންޕޭނެއް ފެށުމަށް ރައީސް ވަނީ ނިންމަވާފައެވެ.

މި މުޖްތަމައުއަކީ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވެފައިވާ މުޖުތަމައަކަށް ހަދަން ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

ރައީސް މިފަދައިން ނިންމަވާފައިވާއިރު އިއްޔެ ވަނީ ވޭޕާއި އެއާ ގުޅޭ ތަކެތި ރާއްޖެއަށް އެތެރެ ކުރުމާއި ބޭނުން ކުރުން ވެސް މަނާކޮށްފައެވެ. އެގޮތުން ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން ނޮވެމްބަރު 15، 2024 އިން ފެށިގެން މަނާ ވާނެއެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވޭޕްގެ އެކި ބާވަތްތައް އަދި އެކި ފްލޭވާތައް ވިއްކަމުން ދާއިރު ވޭޕު ބޭނުން ކުރުމަކީ ސިއްހީ ގޮތުން ނުރައްކާ ބޮޑު އެއްޗެއް ކަމަށާއި އިންސާނާގެ ފުއްޕާމޭގައި ފެން ހެދި ސިއްހީ ނުރައްކާތަކާ ދިމާވާ ކަމެއް ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. އަދި ރައީސްގެ މި ނިންމެވުމަށް ގިނަ އާންމުން ދަނީ ތައުރީފް ކުރަމުންނެވެ.