ވޭޕާއި އެއާ ގުޅޭ ތަކެތި މަނާކުރަން ސަރުކާރުން ނިންމައިފިއެވެ.

މިކަން އިއުލާން ކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ، ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން ނޮވެމްބަރު 15، 2024 އިން ފެށިގެން މަނާ ވާނެ ކަމަށެވެ. އަދި ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން ވެސް މަނާކޮށް އެކަން ފެށޭ ތާރީހަކީ ޑިސެމްބަރު 15، 2024 ކަމަށެވެ.

އަދި މިކަން ތަންފީޒު ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައި ވާކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މި ކަމާ ގުޅިގެން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ވޭޕް ކުރުމަކީ މަސްތުގެ މަގަށް ދިވެހި ދަރިން އަނބުރާލައި ފަސޭހަ ގޮތެއް ކަމަށާއި މިއަދު ރައީސް ނިންމެވި ނިންމެވުމަކީ ތާއަބަދަށް މި ގައުމު ޝުކުރުވެރިވާނެ ކަމެއް ކަމަށެވެ.

ރާއްޖޭގައި ވޭޕްގެ އެކި ބާވަތްތައް އަދި އެކި ފްލޭވާތައް ވިއްކަމުން ދާއިރު ވޭޕު ބޭނުން ކުރުމަކީ ސިއްހީ ގޮތުން ނުރައްކާ ބޮޑު އެއްޗެއް ކަމަށާއި އިންސާނާގެ ފުއްޕާމޭގައި ފެން ހެދި ސިއްހީ ނުރައްކާތަކާ ދިމާވާ ކަމެއް ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.