އިޒްރޭލުން ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް ދީ ހިޒްބުއްލޯގެ މަގާމުތައް ހަލާކު ކުރަމުން ދަނިކޮށް އެ ޖަމާއަތުން އިޒްރޭލަށް ޑްރޯން ހަމަލާއެއް ދީފިއެވެ.

މިލިއަނެއްހާ މީހުން ދިރިއުޅޭ އިޒްރޭލުގެ ބަނޑަރުމަތީ ސިޓީ، ހައިފާއަށް އަމާޒު ކޮށް ދިން ހަމަލާގައި ޑްރޯން އަރާފައި ވަނީ ހައިފާ އާ 33 ކިލޯމީޓަރު ދުރުން ބިންޔާމިނާ އަށެވެ. އެ ހަމަލާ އަމާޒުވީ އިޒްރޭލު ސިފައިން ތިބި މަރުކަޒަކަށް ކަމަށް ވާއިރު 4 މީހަކު މަރުވެ ގިނަ ބަޔަކު ވަނީ ޒަހަމްވެފައެވެ. ޒަހަމްވި މީހުންގެ އަދަދު 50 އަށް އަރާ ކަމަށް އިޒްރޭލުން ބުނެފައި ވާއިރު އިޒްރޭލުގެ ސިފައިންގެ މީޑިއާ އިން ބުނެފައި ވަނީ، ހިޒްބުއްލޯގެ ހަމަލާގައި ހައިފާއަށް މިސައިލްގެ ބައިތަކެއް ވެސް ވެއްޓިފައި ވާ ކަަމަށެވެ. ނަމަވެސް އެ ކަމުން މީހަކަށް ގެއްލުމެއް ލިބުނު ކަމެއް ހާމަ ކޮށްފައެއް ނުވެއެވެ.

މި ހަމަލާ އާ ގުޅިގެން ހިޒްބުއްލޯގެ ފަރާތުން ބުނެފައި ވަނީ، ހަމަލާ އަމާޒު ކުރީ ތެލްއަވީވާއި ހައިފާ އާ ދެމެދު ގާއިމުވެ ތިބޭ ގޯލާން ބްރިގޭޑަށް ކަމަށެވެ.

އިޒްރޭލުން ހިޒްބުއްލޯ ހަލާކު ކޮށްލުމުގެ ނަމުގައި ލުބުނާނުގެ މެދުތެރެއިން ފެށިގެން ދެކުނަށް އިޒްރޭލާ ވީ ފަޅީގެ އެތަން މިތަނަށް ހަމަލާ ދެމުން ގެންދާ އިރު، ބޮޑެތި ގެއްލުންތައް ދަނީ ލިބެމުންނެވެ. އެގޮތުން އާންމުން ދިރިއުޅޭ ބޮޑެތި އުސް އިމާރާތްތައް ހުރިގޮތަށް ބިނާ ހަމަކުރަމުން، މިސައިލާއި ޓޭންކުތަކުން ދަނީ ހަމަލާ ދެމުންނެވެ. އަދި އެއްގަމު މަގުން ލުބުނާނުގެ ތެރެއަށް އިޒްރޭލު ސިފައިން ވަދެގެންފައި ވާ އިރު، ލުބުނާނާއި އިޒްރޭލު ގުޅޭ އިމުގައި އޮންނަ އަސްކަރީ ހަރަކާތް ހިންގުން މަނާ ސަރަހައްދު ބަލަހައްޓާ އދ ގެ ފައުޖަށް ވެސް އިޒްރޭލުން ވަނީ ހަމަލާ ދީފައެވެ. އެގޮތުން އެ ފައުޖުގެ ޗެކް ޕޯސްޓް ޓަވަރަށާއި ލައިޓްތަކާއި އެނޫންވެސް މަގާމުތަކަށް ހަމަލާ ދީ، ޗެކްޕޯސްޓުގެ ގޭޓް ވައްޓާލައި ވަދެގެންފައި ވެއެވެ.

މި ހާދިސާއާ ގުޅިގެން ސުލްހަ ބަލަހައްޓާ ފައުޖުން ބުނެފައި ވަނީ، އިޒްރޭލުން ބައިނަލްއަގުވާމީ އިންތައް ހުރަސްކޮށްފި ކަމަށާއި، ސުލްހަ ބަލަހައްޓާ ފައުޖަށް ހަމަލާ ދިނުން ބަލައި ނުގަނެވޭނެ ކަމަށެވެ. މިއާއެކު އިޒްރޭލުން ބުނެފައި ވަނީ، ސުލްހަ ބަލަހައްޓާ ފައުޖާކީ "ބޭކާރު ފައުޖެއް" ކަމަށާއި ލުބުނާނުގެ ދެކުނުގައި ހިޒްބުއްލޯ ބަނޑަހަ ޖަހައިގެން ހަރަކާތްތެރިވުން އެ ފައުޖަށް ނުހުއްޓުވުނު ކަމަށެވެ. އެހެން ކަމުން މިއަދު އޮތް ގޮތަކީ، އެ ސަރަހައްދުން ފައިބައިގެން ދިޔުން ކަމަށް ބުނެ އިޒްރޭލުން ވަނީ އިންޒާރު ދީފައެވެ.

ނަމަވެސް އެގައުޖުގެ ފަރާތުން ބުނެފައި ވަނީ، އިޒްރޭލުން ބިރުދެއްކިޔަސް ފަހަތަށް ނުޖެހޭނެ ކަމަށެވެ. ގާތްގަނޑަކަށް 10،000 މެންބަރުން ހިމެނޭ މި ފައުޖަކީ އިޒްރޭލުގެ އަތުގައި ހުރި ކަހަލަ ބަރުހަތިޔާރު ހުރި ފައުޖެއް ނޫން ނަމަވެސް ސުލްހަ ބެލެހެއްޓުމަށް ބޭނުންވާ އެންމެ އަސާސީ ހަތިޔާރު ލިބިފައި ވެއެވެ. މި ފައުޖުގައި އެކިއެކި ގައުމުތަކުގެ ސިފައިން ހިމެނޭ އިރު އިޒްރޭލަށް މަދަދު ދޭ ހުޅަނގުގެ ގައުމުތަކުގެ ސިފައިން ވެސް ހިމެނެއެވެ.