އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅަށް ހަރަދުވީ 2.46 މިލިއަން ރުފިޔާ ކަމަށް، ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ނިމިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުން 29 ގެ ނިޔަލަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގެ ޖުމްލަ ހަރަދު އާންމުކޮށް ރައީސް އޮފީހުން ބުނީ، މި ދަތުރުފުޅަށް ސަރުކާރުން ހޭދަކުރީ 2،455،583.01 ރުފިޔާ ކަމަށެވެ. އެކަމަކު ހަރަދުތަކުގެ ތަފްސީލެއް އާންމުނުކުރެއެވެ. އާންމު ގޮތެއްގައި ރައީސް އޮފީހުން ވަކިވަކި ހަރަދުތައް ވެސް އާންމުކޮށްފައިވެއެވެ.

މިދިޔަ ރިޔާސީ ދައުރުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އދ ގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރެއްވި ދަތުރުފުޅުތަކުގެ ހަރަދާ ވެސް ރައީސް އޮފީހުން އަޅާކިޔާފައިވެއެވެ. އެގޮތުން 2019 ވަނަ އަހަރު އެމަނިކުފާނު ކުރެއްވި ދަތުރުފުޅަށް 4.17 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމާއި 2021 ވަނަ އަހަރު 5.35 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް، ރައީސް އޮފީހުން އާންމުކުރި މައުލޫމާތުގައި ވެއެވެ.

"ވީމާ މި ފަހަރުގެ ދަތުރުފުޅުގައި ސަރުކާރުން ކުރެއްވި ހަރަދު ވަނީ މީގެ ކުރީ ދެ ފަހަރާ އަޅާބަލާއިރު ވަރަށް ބޮޑުތަނުން ކުޑަކުރެވިފައެވެ،" ރައީސް އޮފީހުން އާންމުކުރި މައުލޫމާތުގައި ވެއެވެ.