ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޑޮމެސްޓިކް ޓާމިނަލުން ފުރަންގޮސް ހުއްޓާ ޑްރަގާއެކު ހައްޔަރުކުރި ޒުވާނާގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރު ކޮށްފިއެވެ.

ފުލުހުން ބުނީ، ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެންދަން އުޅޭ ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ އުމުރުން 24 އަހަރުގެ އަބްދުﷲ ފަސީހު، ހަވީރީގެ / ށ. ނޫމަރާ ކަމަށެވެ.

ފުލުހުން ބުނީ ފަސީހު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު 340 ގްރާމްގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނިފައިވާ ކަމަށެވެ. އެކަމަކު އެއީ މަސްތުވާތަކެތީގެ ކޮން ބާވަތެއް ކަމާއި އެ ތަކެތި އަޅާފައި ހުރި އެއްޗެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މިި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހާޒިރުކުރުމުން، ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް ފަސް ދުވަސް ޖަހައިފައެވެ. އޭނާގެ ބަންދަށް ފުރަތަމަޖެހި ފަސް ދުވަސް ހަމަވުމާއި ގުޅިގެން އިއްޔެ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިިނަލް ކޯޓަށް ހާޒިރު ކުރުމުން އެއް މަސް ދުވަހު ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރު ކޮށްފައެވެ.