މިނިވަންދުވަހުގެ ހަރަކާތްތަކަށް ޖުމްހޫރީ މައިދާން ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވީ ނަމަވެސް އިސްލާމީ މަރުކަޒަށް ނަމާދަށް އަރައި ފޭބުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފްއިން އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައި ވާއިރު، އިސްލާމީ މަރުކަޒަށް ނަމާދަށް އެރުމުގެ ފުރުސަތު އެމްއެންޑީއެފްއިން ނުދޭ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެކަން ދޮގުކޮށް ނެރުނު ބަޔާނުގައި އެމްއެންޑީއެފްއިން ބުނީ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތަކާ ގުޅިގެން މިއަދު މެންދުރުފަހު 1:00 އިން ފެށިގެން ހަރަކާތް ނިމެންދެން، ޖުމްހޫރީ މައިދާން ސަރަހައްދުގައި ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. އެގޮތުން އެ ސަރަހައްދަށް އާންމު އުޅަނދުފަހަރު ވަދެނިކުތުން ވަނީ މަނާކޮށްފައެވެ.

އާންމު އުޅަނދުފަހަރުތައް ވަނުން މަނާކޮށްފައިވީ ނަމަވެސް އިސްލާމީ މަރުކަޒަށް ނަމާދަށް އަރައި ފޭބުމަށް އެ ސަރަހައްދުގައި ހިންގާފައި އުޅުމުގައި އެއްވެސް މީހަކަށް އެއްވެސް އިރެއްގައި ހުރަހެއް ނޯންނާނެ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފްއިން ބުނީ ޖުމްހޫރީ މައިދާން ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ގެނެސްފައިވާ ބަދަލާ އެއްގޮތަށް، އާންމު އުޅަނދުފަހަރު އެ ސަރަހައްދަށް ވަދެ ނިކުތުމުގައި ދިމާވެދާނެ ދަތިތަކެއް ހުރެދާނެތީ، މިސްކިތަށްދާ ފަރާތްތަކުން އެ ޒޯނުން ބޭރުގައި ވެހިކަލް ޕާކްކުރުމަށް ފަހު ހިންގާފައި މިސްކިތަށް ދިއުމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފްއިން ވަނީ އެދިފައެވެ.