ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށް، އެކުންފުނިން ކުރިއަށް ގެންދިޔަ 'ލީޑާޝިޕް އެންހޭންސްމެންޓް ޕްރޮގްރާމް' ގައި މިހާތަނަށް އެ ކުންފުނީގެ 469 މުވައްޒަފަކު ބައިވެރިވެ ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށްފިއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލީޑާޝިޕް އެންހޭސްމެންޓް ޕްރޮގްރާމުގެ ނުވަނަބެޗުގެ ބައިވެރިން އެ ޓްރެއިނިން ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލަފައި ވާކަމަށެވެ. އަދި މި ޓްރެއިނިންގެ ބައިވެރިން ގިރިފުށިން މާލެއަށް އައިސްފައި ވާއިރު ފަހުމީ ވިދާޅުވީ ބެޗުގައި 51 މުވައްޒަފުން ބައިވެރިވެފައިވާ ކަމަށެވެ.

މީގެ އިތުރުން ފަހުމީ ވިދާޅުވީ ސްޓެލްކޯގެ ލީޑާޝިޕް އެންހޭންސްމެންޓް ޓްރެއިނިނިން ޕްރޮގްރާމަކީ މުވައްޒަފުން ބާރުވެރިކުރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އެ ޕްރޮގްރާމުގެ ސަބަބުން މުވައްޒަފުންގެ އިތުރުން ކުންފުންޏަށް ވެސް ފައިދާތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސްޓެލްކޯ ލީޑާޝިޕް އެންހޭސްމެންޓް ޕްރޮގްރާމް ފުރިހަމަކުރި އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު 469 އަށް އަރާފައިވާކަން ފާހަގަކޮށް ފަހުމީ ވަނީ އެ ޕްރޮގްރާމް ބޭއްވުމަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ފަރާތްތަކާއި، އަދި ގައުމުގެ ކުރިއެރުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތުތަކަށް ޝުކުރުއަދާ ކުރައްވާފައެވެ.