ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމަށް ކޮންމެ އަހަރުވެސް ބާއްވާ ޕިންކް ރިބަން ރަން ވޯކް މިއަދު ބާއްވައިފިއެވެ.
މި ހިނގާލުމަކީ ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހު ބާއްވާ ހިނގާލުމެކެވެ.
މިި ހަރަކާތަކީ ބޭންކް އޮފް މޯލްޑިވްސް ގެ މާލީ އޭހީތެރިކަމާއެކު، ކެންސަރަށް ހޭލުންތެރިކަން އިތުރު ކުރުމަށާއި ކެންސަރު ބަލީގައި ފަރުވާ ހޯދަމުންދާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކަށް ފޯރުކޮށްދެމުންދާ ސައިކޯސޯޝަލް ސަޕޯޓުގެ ހިދުމަތްތަކަށް އެހީވުމުގެ ގޮތުން ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އާގުޅިގެން ހިންގަމުން އަންނަ ހަރަކާތެކެވެ. މި ހަރަކާތަށް ބީއެމްއެލް އިން ވަނީ 200,000 ރުފިޔާ ހަދިޔާކޮށްފައެވެ.
ބީއެމްއެލް އިން ބުނީ މި ހިނގާލުމުގައި ރަޖިސްޓްރީކޮށްގެން ޖުމްލަ 2400 އަށް ވުރެ ގިނަ މީހުން ބައިވެރިވިކަމަށާއި، މި ހިނގާލުން ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެހެން 11 ރަށެއްގައިވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ކޮންމެ އަހަރަކު ވެސް އޮކްޓޯބަރު މަސް ފާހަގަ ކުރަނީ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުމުގެ މަހުގެ ގޮތުގައެވެ. މި ހަރަކާތަކީ 2016 އިން ފެށިގެން ކެންސާ ސޮސައިޓީން ބާއްވަމުން ގެންދާ ހިނގާލުމެކެވެ. 2016 ވަނަ އަހަރުން ފެށިގެން ބީއެމްއެލް އިން ދަނީ ކެންސާ ސޮސައިޓީއަށާއި 'ޕިންކް ރިބަން ރަން ވޯކް' އަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.