ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން، އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަތް އެޕާޓްމަންޓުތައް ރޭ ފުލުހުންނާ ހަވާލުކޮށްފިއެވެ.

ހުޅުމާލެއިން ބައްސާމް ގަތް ދެ އެޕާޓްމަންޓެއް ފުލުހުންނާ ހަވާލުކުރަން ކޯޓުން އަމުރުކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގައެވެ. އެއާ ޖެހިގެން އައި ދުވަހު އެ މުއްދަތު އިތުރުކޮށްދޭން ބައްސާމްގެ ފަރާތުން އޭނާގެ ވަކީލު އެދިފައިވެއެވެ.

އެހެންވެ މި މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ފުލުހުން ވަނީ އެޕާޓްމަންޓްތައް ހަވާލުކުރުމަށް ދިން މުއްދަތު އިތުރުކޮށްދީފައެވެ. އެކަމަކު އެޕާޓްމަންޓްތައް ހަވާލުކުރުމުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްދިނުމަށް ބައްސާމްގެ ފަރާތުން އެދުމުން، ފުލުހުން ނިންމީ އެ މުއްދަތު އިތުރުނުކުރަން ނިންމައިފައެވެ.

އަދި މިދިޔަ އަންގާރަ ދުވަހުގެ ދަންވަރު 12 ޖެހުމުގެ ކުރިން އެޕާޓްމަންޓްތައް ހަވާލުނުކޮށްފިނަމަ ގާނޫނީ އިމުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް އެ ތަންތަން ގެންނާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މީޑިއާތަކަށް ރޭ ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ރޭ ދަންވަރު 12 ޖަހާކަން ހާއިރު ބައްސާމް ގަތް ދެ އެޕާޓްމަންޓް ކަމަށްވާ ހުޅުމާލެ ލޮޓް ނަންބަރު އެން2-25 ގެ ބްލޮކް އޭ ގެ އޭ-1205 އާއި އޭ-1206 ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ފުލުހުން މީގެ ކުރިން ވަނީ، އަމިން އެވެނިއު އިން ދެ ފްލެޓް ގަތުމަށް ބައްސާމް އެފްއޭއެމްގެ ފަައިސާއިން 3.08 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި، 2021 ވަނަ އަހަރުގެ އޭޕްރީލް 14 ގައި ބައްސާމް އަމިން އެވެނިއުއަށް އެއް މިލިއަން ޑޮލަރު ޖަމާކުރިކަމަށާއި، އެ އަދަދަށް ވާ ވަރަށް އެފްއޭއެމްގެ އެކައުންޓަށް ރުފިޔާ ޖަމާކުރި ކަމަށް ދައްކަން ލިޔެކިޔުންތަކެއް ތައްޔާރުކޮށްފައިވާ ކަމަށް ބުނެފައެވެ.

މި މައްސަލައިގައި ފުލުހުން ވަނީ ބައްސާމްގެ އިތުރުން އަމިން އެވެނިއުގެ ވެރިފަރާތް ކަމަށްވާ އަމިން ކޮންސްޓްރަކްޝަން ކުންފުންޏަށާއި، އެފްއޭއެމްގެ އޭރުގެ ފައިނޭންސް ހެޑް މުހައްމަދު އަގީލާއި އެ އެސޯސިއޭޝަންގައި އިސްކޮށް އުޅުނު ހަސަން ވަހީދުގެ މައްޗަށް ދައުވާކޮށްދޭން ޕްރޮސެކިއުޓަރު ޖެނެރަލްގެ އިދާރާ އަށް ފޮނުވައިފައެވެ.

މަނީ ލޯންޑާކުރުމާއި ކޮރަޕްޝަނާއި ޖިނާއީ އިތުރު ކުށްތަކެއް ކުރިކަމުގެ ތުހުމަތުގައި ޕްރޮސެކިއުޓަރު ޖެނެރަލްގެ އިދާރާގެ އެންގުމަކަށް އެފްއޭއެމްގެ މައި އިދާރާ ބަލައި ފާސްކޮށް ކުރި ތަހުގީގުގެ މައްޗަށް ބެލުމަށްފަހު ފީފާއިން ވަނީ ބައްސާމް ނުވަ މަސް ދުވަހަށް ސަސްޕެންޑުވެސް ކޮށްފައެވެ.