ރާއްޖެއަކީ އިންޑިއާގެ ވަރަށް މުހިންމު ބައިވެރިއެއް ކަމަށް ވިދާޅުވެ، ދޭދޭ މަސައްކަތްތަކުގައި އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން، އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ވިދާޅުވެއްޖެއެވެ.

ރޭ އިންޑިއާގެ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައި އެ ގައުމުގެ ރައީސް ދެއްވި ޖާފަތަށް ފަހު ބޭއްވި ބައްދަލުކުރެއްވުމުގައި އެކަމަނާ ވިދާޅުވީ، ރާއްޖެއަކީ އިންޑިއާގެ އަސާސީ ބައިވެރިއެއް ކަމަށާއި، އެގޮތުން އިންޑިއާގެ 'ނެއިބަހުޑް ފަސްޓް' ސިޔާސަތާއި ބޮޑުވަޒީރު ނަރެންދުރާ މޯދީގެ "ސެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް އިން ދަ ރީޖަން"ގެ ތަސައްވުރުގައި ވެސް ރާއްޖެއަކީ މުހިންމު ބައިވެރިއެއް ކަމަށެވެ.

އިންޑިއާގެ ރައީސް އިތުރަށް ވިދާޅުވީ، އެ ގައުމުން ރާއްޖޭގެ ތަރައްގީއަށް ދޭ އެހީތެރިކަން ފަރުމާކޮށްފައިވަނީ ދިވެހީންނަށް ފައިދާކުރާނެ ފަދަ ގޮތަކަށް ކަމަށެވެ.

އެކަމަނާ ވަނީ، އިންޑިއާގައި އިއްޔެ އިއުލާނުކުރި "ކޮމްޕްރިހެންސިވް ސެކިއުރިޓީ އެންޑް މެރިޓައިމް ޕާޓްނަޝިޕް"ގެ ދަށުން، ދޭދޭ ގުޅުން ހަރުދަނާކުރާނޭ އާ އޮނިގަނޑެއް ބިނާކުރެވޭނޭކަމަށް ވިދާޅުވެ، ރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ވާސިލްވުމަށް ކުރާ މަސައްކަތްތަކަށް އިންޑިއާ އިން އަބަދު ވެސް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ދެ ގައުމުގެ ދެމެދުގައި މުތަގާބިލު މަސައްކަތްތަކެއް ކުރައްވާނެކަމުުގެ ޔަގީންކަން ދެއްވައިފައެވެ. އަދި ތައުލީމާއި، ކޮންސްޓްރަކްޝަނާއި، ފަތުރުވެރިކަމާއި ސިއްހީ ދާއިރާ ހިމެނޭ ހެން ގިނަ ދާއިރާތަކުން ތަރައްގީއަށް ކުރާ މަސައްކަތްތަކުގައި އިންޑިއާއިން އަދާކުރާ ދައުރުގެ މައްޗަށް ވެސް އެމަނިކުފާނު އަލިއަޅުވާލައްވާފައިވެއެވެ.

ދެ ބޭފުޅުން ވެސް ވަނީ، ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ވަރުގަދަކުރުމަށާއި، މި ދަތުރުފުޅުގައި ފެށި އެންމެހާ ކަންކަން އެދެވޭ ގޮތެއްގައި ކުރިއަށް ގެންދަން އެއްބަސްވެވަޑައިގެންފައެވެ.