ކެމިކަލް ރައްކާކުރާ ތަންތަން ބަލައި ފާސްކުރުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ފަޔާ އެންޑް ރެސްކިޔު ސާވިސަސްއިން ކުރިއަށްގެންދާ "އޮޕަރޭޝަން ހިރާސް ފާސް"ގެ ތެރެއިން މާލެ ސަރަހއްދުގެ 453 ތަނެއް ބަލައި މައުލޫމާތު އެއްކޮށްފިއެވެ.

އެމްއެންޑީއެފް އިން ބުނީ، މި އޮޕަރޭޝަންގެ ފުރަތަމަ 7 ދުވަހުގެ މަތިން އިންސްޕެކްޝަން ޓީމްތަކުން ވަނީ މީހުން ދިރިއުޅޭ 382 އިމާރާތަކާއި، ނުރައްކާތެރި ކެމިކަލް ރައްކާކުރާ 47 ގުދަނަކާއި، ކެމިކަލް ވިއްކާ 24 ފިހާރައެއް ބަލައި މައުލޫމާތު އެއްކޮށްފައި ކަމަށެވެ.

މި މަހުގެ 1 ވަނަ ދުވަހުން 15 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އޮޕަރޭޝަންގައި ކެމިކަލް ރައްކާކުރާ ތަންތަނާއި ވިޔަފާރިކުރާ ތަންތަން ހިންގަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމަށް ވަނީ ހަމަޖެހިފައި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. މީގެ އިތުރުން މާލެ ސަރަހއްދުގައި ފަސޭހައިން އަލިފާން ރޯވާ ފަދަ ތަންތަނާއި އެ ތަންތަނުގައި ހުރި ހިރާސްތައް ވެސް މި އޮޕަރޭޝަންގެ ތެރެއިން ދެނެގަންނާނެ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

ރާއްޖެއަށް އެކި ބޭނުންތަކުގައި އެތެރެ ކުރާ ކެމިކަލްތައް އެތެރެ ކުރުމުގެ ހުއްދަ ދިނުމާއި އެފަދަ ކެމިކަލްތައް ގުދަންކޮށް ރައްކާ ކުރުމަކީ ޑިފެންސް މިނިސްޓްރީ އިން ރެގިއުލޭޓުކުރާ ކަމެކެވެ. ޑިފެންސް މިނިސްޓްރީ އިން މި އޮޕަރޭޝަން ފަށާފައި ވަނީ، މިފަދަ ކެމިކަލްތައް ގެންގުޅުމާއި ގުދަން ކުރުމުގައި ބައެއް ފަރާތްތަކުން ގަވައިދާ ހިލާފުވާންކަން ފާހަގަ ވެފައި ވުމުންނެވެ.

މާލެ ސަރަހައްދުގައި ހުއްދަ ދީފައިވާ 285 ގުދަނެއް ހުންނަ އިރު، މީގެ ތެރޭގައި ހިމެނެނީ މާލޭގައި ހުރި 77 ގުދަނަކާއި ހުޅުމާލޭގައި ހުރި 36 ގުދަނަކާއި ތިލަފުށީގައި ހުރި 172 ގުދަނެކެވެ.