ރުޕޭ ކާޑާއެކު އިންޑިއާގެ ފަތުރުވެރިންނަށް ރާއްޖޭގައި ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތު ކުރެވޭނެކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުނެފިއެވެ.

އެ މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރުޕޭ ކާޑާއެކު ދިވެހިރާއްޖޭގެ މާލީ ނިޒާމު އިތުރަށް ހަރުދަނާ ވެގެން ދާނެ ކަމަށާއި، ވިޔަފާރީގެ މުއާމަލާތު ތަކުގައި ގުޅުން އިތުރަށް ބަދަހި ކުރުމަށް ރުޕޭ ކާޑަކީ އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

އިންޑިއާގެ ފަތުރުވެރިންނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި މުހިންމު ދައުރެއް އަދާކުރާ ބައެއް ކަން ފާހަގަކޮށް އިކޮނޮމިކް މިނިސްޓްރީ އިން ބުނީ މި ކާޑުގެ ސަބަބުން އިންޑިއާގެ ފަތުރުވެރިންނަށް ރާއްޖޭގެ ފަސޭހަކަމާއިއެކު ފައިސާގެ މުއާމަލާތުތައް ހިންގުމަށް މަގުފަހިވާނެކަމަށެވެ.

މީގެއިތުރުން މި ކާޑުގެގެ ސަބަބުން އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދުގައި ކުރެވޭ މާލީ މުއާމަލާތުތައް ފަސޭހަކުރެވި ވިޔަފާރިތައް ފުޅާކުރުމަށް މަގުފަހިވެގެން ދާނެކަމަށާއި، ވަކިން ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން އިންޑިއާޔާއެކު މަސައްކަތްކުރުމަށް ލުއިތަކެއް ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

މިފަދަ ޑިޖިޓަލް ޕޭމެންޓް ސިސްޓަމްތަކާއި ހިދުމަތްތައް ފުޅާކުރުމުގެ މަގުސަދުގައި ދިވެހި ސަރުކާރާއި ނެޝަނަލް ޕޭމެންޓް ކޯޕަރޭޝަން އޮފް އިންޑިއާ އެންޕީސީއައި އާއެކު އެމްއޯޔޫއެއްގައި މިހާރު ސޮއިކޮށް މަސައްކަތް ކުރެވެމުން ދާކަމަށްވެސް އިކޮނޮމިކް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ރާއްޖޭގައި ރުޕޭ ކާޑު ބޭނުންކުރެވޭ ގޮތް ހަދާފައި މި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އާ އެކު ބޭއްވި ބައްދަލުކުރެއްވުމަށް ފަހުގައެވެ. ރައީސާއި އިންޑިއާގެ ބޮޑުވަޒީރުގެ ބައްދަލުކުރެއްވުމަށް ފަހު ދެ ބޭފުޅުން ދެއްވި ބަޔާނުގެ ކުރިން، ރާއްޖޭގައި ހެދި ރުޕޭގެ ފުރަތަމަ ޓްރާންސެކްޝަން ވަގުތުން ދައްކާލާފައިވެއެވެ.

ރާއްޖެއަށް ރުޕޭ ކާޑު ތައާރަފްކުރެވުމާ އެކު ބީއެމްއެލްގެ އޭޓީއެމްތަކާއި ޕީއޯއެސް މެޝިނާއި އެހެނިހެން ޑިޖިޓަލް ޗެނަލްތަކުގައި ވެސް ރުޕޭ ކާޑު ބޭނުންކުރެވޭނެއެވެ.