ލ. އަތޮޅު ކައުންސިލަށް މިދިޔަ އަހަރުގެ ތެރޭގައި އެކި ފަހަރުގެ މަތިން ޓްރާންސްފާގެ މެދުވެރިކޮށް ލިބުނު ޖުމްލަ 2.6 މިލިއަން ރުފިޔާގެ ރަސީދު ނުހަދާ މައްސަލައެއް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން އާންމު ކުރި ލ. އަތޮޅު ކައުންސިލް އިދާރާގެ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބަޔާން ކޮށްފައިވާ ގޮތުގައި، މިިދޔަ އަހަރުގައި އެ އިދާރާގެ ބޭންކް އެކައުންޓަށް ޓްރާންސްފާގެ ގޮތުގައި ލިބިފައިވާ ބައެއް ފައިސާއަށް ރަސީދު ތައްޔާރުކޮށްފައިވީ ނަމަވެސް، އެކައުންޓަށް ޓްރާންސްފާގެ ގޮތުގައި ލިބިފައިވާ 2,588,918 ރުފިޔާއަށް ރަސީދު ތައްޔާރުކޮށްފައެއް ނުވެއެވެ.
މާލިއްޔަތުގެ ގަވާއިދުގައި ބުނާ ގޮތުގައި، ޗެކުން ނުވަތަ އެކައުންޓް ކްރެޑިޓްކޮށް ނުވަތަ ޑެބިޓްކޮށް ދައްކާ ފައިސާ ނުވަތަ ކްރެޑިޓް ކާޑުން ދައްކާ ފައިސާ ބަލައިގަންނާނީ ރަސީދު ހަދައިގެން ކަމަށާއި އެ ފައިސާ ފޮތުގައި ލިޔެ ހިސާބުތައް ގަވާއިދުން ފުރިހަމަ ކުރަންވާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ.
ހަމައެއާއެކު މާލިއްޔަތުގެ ގަވާއިދުގައި ވަކި ފަރާތެއްގެ ފައިސާއެއް ކަން ނޭނގި ނުވަތަ ކޮން ކަމަކަށް ލިބުނު ފައިސާއެއްކަން ނޭނގި އިތުރުވާ ފައިސާ ދައުލަތުގެ އާމްދަނީގެ ގޮތުގައި އެ ތަނެއްގެ އާމްދަނީއަށް ޖަމާކުރަންވާނެކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އެ ކައުންސިލުން ވަނީ ތަފުސީލު ނޭނގޭ ފައިސާތައް ދައުލަތުގެ އާމްދަނީއަށް ޖަމާކުރުމުގެ ބަދަލުގައި ކައުންސިލްގެ އާމްދަނީ ކަަމށް ނިންމާފައެވެ.
ސަރުކާރު މުއައްސަސާތަކުން، އެހެން ފަރާތްތަކަށް ރައްދު ކުރުމަށް ނުވަތަ ހަރަދު ކުރުމަށް ލިބުނު ފައިސާ ބަހައްޓާ އެކައުންޓްގައި ގިނަ އަހަރުތަކެއް ވަންދެން ތަފުސީލު ނޭނގޭ ގޮތަށް ހުރި 910,619 ރުފިޔާ ޑިސެމްބަރު 12، 2022 ގައި ބޭއްވި ކައުންސިލްގެ އާންމު ޖަލްސާ އިން އެ ފައިސާއަކީ ކައުންސިލްގެ އިދާރާގެ އާމްދަނީކަމަށް ވަނީ ނިންމާފައި ކަމަށް އޮޑިޓް ރިޕޯތްގައި ފާހަގަކޮށްފައި ވެއެވެ. އަދި ދައުލަތުގެ އާމްދަނީއަށް ޖަމާކުރުމުގެ ބަދަލުގައި މިދިޔަ އަހަރުގައި އެ ކައުންސިލްގެ އިދާރާގެ އާމްދަނީ ޖަމާކުރާ އެކައުންޓަށް ވަނީ ޖަމާކޮށްފައެވެ.
މީގެ އިތުރުން ލޯނު ފައިސާގެ ގޮތުގައި ލިބެންޖެހޭ 1,091,032 ރުފިޔާ ނުލިބި ގިނަ އަހަރުތަކެއް ވެފައިވާ މައްސަލައެއް ވެސް އޮޑިޓު ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ކައުންސިލުގެ އިދާރާގެ ލިޔެކިޔުންތައް އޮޑިޓަރުން ބެލި އިރު 2000 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށް 4 ލޯނު ސްކީމެއްގެ ދަށުން 203 ލޯނެއް ވަނީ ދޫކޮށްފައެވެ. މި ސްކީމްތަކުގެ ދަށުން ދޫކޮށްފައިވާ ހުރިހާ ލޯނުތައް އަނބުރާ ދައްކަންޖެހޭ މުއްދަތު ހަމަވެފައިވާއިރު، މި ލޯނުތައް ދޫކުރުން ހުއްޓާލާފައި ވަނީ ޖޫން 19، 2017 އިން ފެށިގެންނެވެ.
މި އޮޑީޓް ހިންގި ތާރީހަކީ މިދިޔަ މެއި މަހުގެ 2 ވަނަ ދުވަސް ކަމަށާއި އެ ދުވަހުގެ ނިޔަލަށް 66 ލޯނަށް ލިބެންވާ 1,091,032 ރުފިޔާ ކައުންސިލްގެ އިދާރާއަށް ލިބިފައި ނުވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެއެވެ. މި ބުނި ދުވަހުގެ ނިޔަލަށް 12 ލޯނުގެ މައްސަލަ ކޯޓަށް ވައްދައި މައްސަލަ ނިމިފައިވީ ނަމަވެސް، ބާކީ 54 ލޯނުގެ މައްސަލާގައި ފައިސާ ހޯދަން ކޯޓަށް ހުށަހަޅާފައި ނުވާ ކަަމަށް އޮޑިޓް ރިޕޯޓްގައ ފާހަގަކޮށްފައި ވެއެވެ.
މިކަމާ ގުޅިގެން ސުވާލު ކުރުމުން އެކި މަރުހަލާތަކަށް ބަހާލައިގެން ފައިސާ އަނބުރާ ހޯދުމުގެ މައްސަލަތައް ކޯޓަށް ހުށަހަޅާ ގޮތަށް ކައުންސިލްގެ އިދާރާއިން މަސައްކަތް ފަށާފައިވާކަމާއި ފުރަތަމަ މަރުހަލާގައި ބޮޑު އަދަދުން ފައިސާ ދައްކަންޖެހޭ 12 މައްސަލަ ކޯޓަށް ވައްދާފައިވާ ކަމަށް ވަނީ ބުނެފައެވެ. އަދި ބާކީ މައްސަލަތައް ވެސް ބަހާލައިގެން ކޯޓަށް ވެއްދުމުގެ އިދާރީ ކަންތައްތައް ކުރަމުންދާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
ކައުންސިލްގެ އިދާރާއިން އެކި ފަރާތްތަކަށް އެހީގެ ގޮތުގައި ދޫކޮށްފައިވާ 1,882,516 ރުފިޔާ އެފަރާތްތަކުން ބޭނުންކޮށްފައިވާ ގޮތް ކައުންސިލްގެ އިދާރާއިން އެކަށީގެންވާގޮތަކަށް މޮނީޓަރ ކޮށްފައި ނުވާ ކަމަށް ވެސް އޮޑިޓުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މިދިޔަ އަހަރު ސްކޫލް ތަކަށާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކަށާއި އަދި އަތޮޅުގެ ރަށު ކައުންސިލްގެ އިދާރާތަކަށް އެހީގެ ގޮތުގައި ރަށުގެ ފަތުރުވެރިކަން ތަރައްގީ ކުރުމަށް، ކުނި މެނޭޖްކުރުމަށް، ޑަސްބިން އަދި ކުނި އުފުލާ ޕިކަޕު ގަތުން ފަދަ ކަންކަމަށް ޖުމްލަ 1,882,516 ރުފިޔާ ދޫކޮށްފައި ވެއެވެ.
އެގޮތުން އެހީ ދިނުމާ ގުޅޭގޮތުން އަތޮޅު ކައުންސިލާ އެކު ވެފައިވާ އެއްބަސްވުންތަކުގައި، ޕްރޮޖެކްޓް ހިންގުމަށް ހަވާލުކުރާ ތާރީހުން ފެށިގެން ޕްރޮޖެކްޓް ހިނގަމުން ދާ ގޮތުގެ ރިޕޯޓު މަހަކު އެއްފަހަރު ފޮނުވަން ވާނެ ކަމަށާއި ޕްރޮޖެކްޓުގެ މަސައްކަތް ނިމުމުން 10 ދުވަސް ތެރޭގައި މަސައްކަތް ހިނގާދިޔަ ގޮތުގެ ރިޕޯޓެއް ފޮނުވަން ވާނެކަމަށް ބަޔާންކޮށްފައި ވެއެވެ. ނަމަވެސް މީގެ ތެރެއިން ބައެއް ރިޕޯޓުތައް ކައުންސިލްގެ އިދާރާއަށް ލިބިފައެއް ނުވެއެވެ.
އަދި މި ރިޕޯޓުތައް ފޮނުވަން ޖެހޭ މުއްދަތު 2023ގެ ނިޔަލަށް ހަމަވެފައިވާއިރު، ކައުންސިލްގެ އިދާރާއިން މި ރިޕޯޓުތައް ހޯދުމަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައިވާކަން ލިޔެ ކިޔުމުން އެނގެން ނެތް ކަމަސް އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ. އެހެންކަމުން އެކިއެކި ފަރާތްތަކަށް އެހީގެ ގޮތުގައި ދޫކޮށްފައިވާ ފައިސާ އެފަރާތްތަކުން ބޭނުންކުރަމުން ގޮސްފައިވާ ގޮތް ކައުންސިލްގެ އިދާރާއިން އެކަށީގެންވާ ގޮތަކަށް މޮނީޓާ ކުރަމުން ގެންގޮސްފައި ނުވާކަމަށް އޮޑިޓް އޮފީހުން ބުނެއެވެ.