އިޒްރޭލުން ގާޒާ ހަނގުރާމަ ފެށުމުގެ ކުރިން އަދި ފެށިފަހުންވެސް ހަތިޔާރު ވިއްކަމުން ގޮސް، ހަނގުރާމައަށް އަހަރެއް ވީ ފަހުން ހަތިޔާރު ނުވިއްކަން ފްރާންސުން ގޮވާލައިފިއެވެ.
އިޒްރޭލަށް ހުޅަނގުން ހަތިޔާރު ވިއްކާ ގައުމުތަކުގެ ތެރެއިން ފްރާންސަކީ އަހަރަކު ގާތްގަނޑަކަށް 38 މިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކާ ގައުމެކެވެ. އެގައުމުން ވިއްކާ ހަތިޔާރުގެ ތެރޭގައި ބޮޑަށް ހިމަނާފައި ހުންނަނީ އިޒްރޭލުން ބޭނުން ކުރާ ދިފާއީ ނިޒާމުތަކުގައި ބޭނުން ކުރާ މިސައިލެވެ.
އިޒްރޭލަށް ހަތިޔާރު ނުވިއްކަން ފްރާންސުން ގޮވާލި އިރު އެގައުމުން ވަނީ އިޒްރޭލަށް ހަތިޔާރު ވިއްކުން ހުއްޓާލާފައެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުންވެސް އެ ފިޔަވަޅު އެޅުމަށް ގޮވާލައި ފްރާންސުގެ ރައީސް މެކަރޯން ވާހަކަ ދައްކަވާފައި ވާ އިރު، އިޒްރޭލުން ވަނީ، ގާޒާގެ ބޭރުން ލުބުނާނަށް އަރާ އަދި ވައިގެ މަގުން ދޭ ހަމަލާތަކުގައި ފްރާންސުން ބަލަހައްޓާ ތެޔޮ ކާރުހަނާއެއް ގޮއްވާލާފައެވެ.
އިޒްރޭލަށް ހަތިޔާރު ވިއްކުން ހުއްޓާލަން ފްރާންސުން ގޮވާލުމުން އެއީ ދުނިޔެއަށް ދެވޭ މެސެޖެއް ނަމަވެސް އިޒްރޭލަށް އެންމެ ފުޅާދާއިރާއެއްގައި ހަތިޔާރު ފޯރުކޮށްދޭ ގައުމަކީ އެމެރިކާ ކަމުން، އެ ނިންމުމުން ކުރާނެ މާ ބޮޑު އަސަރެއް ނެތް ކަމަށް މުރާސިލުން ބުނެއެވެ.
ފްރާންސުގެ އިތުރުން އިނގިރޭސިވިލާތުންވެސް މީގެ ކުރިން ވަނީ ބައެއް ބާވަތުގެ ހަތިޔާރު އިޒްރޭލަށް ވިއްކުން މަޑުޖައްސާލާފައެވެ. ނަމަވެސް އެމެރިކާއިން އެއްވެސް ހިފެހެއްޓުމެއް ނެތި ހަތިޔާރު ދެމުން ގެންދިޔުމަކީ އިޒްރޭލު ހުއްޓުވުމުގައި ދުނިޔެއަށް ކުރިމަތިވެފައި ވާ ގޮންޖެހުމެކެވެ.
އިއްޔެ، ގާޒާ ހަނގުރާމައަށް އަހަރުވުމާ ދިމާކޮށް އިޒްރޭލުން ވަނީ ގާޒާ އަށާއި ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. ހަނގުރާމަ ފެށިފަހުން ދިން އެންމެ ވަރުގަދަ ހަމަލާތަކުގެ ގޮތުގައި ގުނާލެވޭ މި ހަމަލާގައި ގާޒާގައި ހުރި ސްކޫލުތަކާއި، ބޯހިޔާވަހިކަން ހޯދަން ވަދެ ތިބި އދ އިމާރާތްތަކަށް ވެސް އިޒްރޭލުން ބުން އެޅިއެވެ. އަދި ލުބުނާނަށް ދިން ހަމަލާގައި ބޮޑެތި އަލިފާންބޯޅަތައް އަރައިގެން ދާވަރުގެ ފުޅާމިނެއްގައި ހަމަލާދީފައި ވެއެވެ. މިހަމަލާތަކާއެކު ލުބުނާނުން ގިނަ އަދަދެއްގެ ބަޔަކު މަރުވެފައި ވާކަމަށް ހަބަރުތައް ބުނެއެވެ. އަދި ގާޒާއަށް ދިން ހަމަލާތަކުގައި ވެސް ގިނަ ބަޔަކު ޝަހީދުވި ކަމަށް ރިޕޯޓު ކޮށްފައި ވެއެވެ.