ރާއްޖޭގެ ކުޅިވަރު ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ސައުދީ އަރަބިއްޔާއާ އެކު، ރާއްޖޭން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ އެކި ކުޅިވަރު ކުލަބުތަކުގެ މެދުގައި ސީދާ މުއާމަލާތުކުރުމަށް އެހީތެރިވުމާއި، ސްޕޯޓްސް މެޑިސިން އާއި، އެންޓި-ޑޯޕިން އަދި މުބާރާތްތައް އިންތިޒާމުކުރުމާއި، ކުޅިވަރު އިވެންޓުތައް ބޭއްވުމާއި އަދި ކުޅިވަރު އިންވެސްޓްމަންޓް ފަދަ އެކި ދާއިރާތަކުން އެއްބާރުލުން ދިނުން ހިމެނެއެވެ.

މީގެ އިތުރުން ޕްރޮފެޝަނަލް ކޯޗުން ތަމްރީން ކުރުމުގެ އިތުރުން ލައިބްރަރީ ރިސޯސަސް ހަރުދަނާކުރުމާއި ދެ ފަރާތުގެ ކުޅިވަރު ތަޖުރިބާތަކުގެ މައުލޫމާތު ބަދަލުކުރުން ވެސް ހިމެނެއެވެ.

ސައުދީގެ ވެރިރަށް ރިޔާދުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، އަބްދުﷲ ރާފިއު (ރާއްޕެ) އެވެ. އަދި ސައުދީ އަރަބިއްޔާގެ ސަރުކާރުގެ ފަރާތުން ސޮއިިކުރެއްވީ، އެ ގައުމުގެ ސްޕޯޓްސް މިނިސްޓަރު، ޕްރިންސް އަބްދުލް އަޒީޒް ބިން ތުރުކީ އަލް ފައިސަލް އެވެ.

ސްޕޯޓްސް މިނިސްޓަރު ރާފިއު އަންނަނީ އެކި ގައުމުތަކުން ރާއްޖޭގެ ކުޅިވަރަށް ފުރުސަތު ހޯދައިދޭން މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން މެލޭޝިއާ، ކިއުބާ، އުޒްބެކިސްތާން ފަދަ ގައުމުތަކުން ރާއްޖޭގެ ކުޅިވަރަށް ހުރި ފުރުސަތުތައް ހޯދަން މަޝްވަރާތައް ވަނީ މީގެ ކުރިން ކުރިއަށް ގެންގޮސްފައެވެ.