އުތުރު މެރިޓައިމް ސާވިސް (ޔޫއެމްއެސް) ގެ ހިދުމަތް ހޯދުމަށް އައި ފުރަތަމަ އުޅަނދު މިއަދު ހެނދުނު އިހަވަންދިއްޕޮޅުގައި ބަނދަރުކޮށްފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނީ، ޔޫއެމްއެސް ހިދުމަތް ތައާރަފް ކުރި ފަހުން މިއަދަކީ ތާރީހީ ދުވަހެއް ކަމަށާއި މެރިޓައިމް ސާވިސް ހޯދުމަށް މިއަދު ހެނދުނު އިހަވަންދިއްޕޮޅަށް ފުރަތަމަ އުޅަނދު ބަނދަރުކޮށްފައިވާ ކަމަށެވެ. އެގޮތުން ބަނދަރު ކޮށްފައި ވަނީ "ޖިއަން ޖިއޭ" ނަމަކަށް ކިޔާ ތެޔޮ ޓޭންކަރެކެވެ.

މި ބޯޓު ކުރޫ ޗޭންޖްވާ ފަޅުވެރިން ވަނީ މިއަދު ހަވީރު އުލިގަމަށް ފައިބައި އުލިގަމުގައި ހަދާފައިވާ "ސީމަންސް ރެސްޓް އޭރިޔާ" ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެފައި ކަމަށް އެމްޕީއެލް އިން ބުނެއެވެ.

އުލިގަމުގައި މިއަދު ހުޅުވި "ސީމަންސް ރެސްޓް އޭރިޔާ" އަކީ އެމްޕީއެލް އިން ގާއިމްކޮށްފައިވާ އިންޓަނޭޝަނަލް ޝިޕް އެންޑު ޕޯޓު ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓް އިން އެތެރެވާ އުޅަނދު ފަހަރުގެ ފަޅުވެރިންނަށް، އެ ރަށުގައި މަޑުކޮށް، އަރާމުކޮށްލައި ބައެއް ކުޅިވަރުތައް ކުޅެވޭ ގޮތަށް ހަދާފައިވާ ތަނެކެވެ.

އެމްޕީއެލް އާއި އެސްޓީއޯ ގުޅިގެން އުތުރުގައި އޮފް ޝޯ ބަންކަރިން ހިދުމަތް ދޭއިރު، ބޯޓުތަކަށް ބޭނުންވާ އެހެނިހެން ހުރިހާ ހިދުމަތެއް ދޭނީ އެމްޕީއެލް އިންނެވެ. އެމްޕީއެލްއިން މި ހިދުމަތް ދިނުމަށްޓަކައި މިހާރު އެކަމަށް ހާއްސަ ވެބްސައިޓެއް ވެސް ވަނީ ތައާރަފް ކޮށްފައެވެ

މެރިޓައިމްގެ ހިދުމަތް ދޭނީ އުލިގަމުގައި ގާއިމްކޮށްފައިވާ ޕޯޓް ފެސިލިޓީ މެދުވެރިކޮށެވެ. އެގޮތުން އޭޖެންޓު ކޯލްސް ސެންޓަރަށް ގުޅުމުން ޕޯޓް ފެސިލިޓީއާ ގުޅާލެވި ބޯޓަށް ބޭނުންވާ ހިދުމަތްތައް ފޯރުކޯށްދޭނެއެވެ.

މެރިޓައިމް ހިދުމަތުގެ ތެރެއިން ފޯރުކޮށްދޭ ހިދުމަތްތަކަކީ، ޕައިލޮޓޭޖް ހިދުމަާއި، ޔޮޓް ޑޮކިންގް ސާވިސްއާއި، ބޯޓު ކްރޫ ބަދަލު ކުރުމުގެ ހިދުމަތާއި، ފެނަކަ ކުންފުންޏާއި ގުޅިގެން ބޯޓުތަކަށް ފެން ފޯރުކޮށްދިނުމުގެ ހިދުމަތެވެ. ހަމައެއާއެކު ބޯޓުތަކަށް ބޭނުންވާ އެހެނިހެން ސަޕްލައިތައް ފޯރުކޮށްދިނުމާއި، ކުޅުދުއްފުށި ޕޯޓު މެދުވެރިކޮށް މެއިންޓެނަންސް ހިދުމަތުގެ އިތުރުން އެމްޓީސީސީ މެދުވެރިކޮށް އަޑީތެޔޮ ފަދަ ތަކެތި ފޯރުކޮށްދިނުމާއި، ވެމްކޯ މެދުވެރިވެ ބޯޓުތަކުން ކުނި އުކާލުމުގެ ހިދުމަތް ހިމެނެއެވެ.