ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ "ބޭންކް ފަންޑް"ގެ ފުރަތަމަ އަހަރުގެ ފަންޑިން ލިބޭ ފަރާތްތައް ހާމަކޮށްފިއެވެ.

"ބޭންކް ފަންޑް"އަކީ ޖަމިއްޔާތައް ބާރުވެރިކުރުމަށާއި ރާއްޖޭގައި ދެމެހެއްޓެނެވި ތަރައްގީގެ މަޝްރޫއުތައް ކުރިއެރުވުމަށް އަމާޒުކޮށް ބީއެމްއެލްއިން ތައާރަފްކޮށްފައިވާ ޕްރޮގްރާމްއެކެެވެ.

މިއަހަރުގެ ބޭންކް ފަންޑް ކާމިޔާބުކުރި ފަރާތްތަކަކީ:

  • މުރަކަ ފާމް: ކަނޑުގެ ދިރުންތައް ރައްކާތެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ބ. ދަރަވަންދޫގައި މުރަކަ އާލާކުރުމުގެ މަޝްރޫއު
  • ޗިލްޑްރަން އޮފް މޯލްޑިވްސް: ތިމާވެއްޓާމެދު ޝައުވެރިކަން އުފައްދައި، ހޭލުންތެރިކޮށް، އިލްމީ މައުލޫމާތު ފޯރުކޮށްދިނުމަށް ވިލިމާލޭގައި ލައިބްރަރީއެއް ގާއިމްކުރުން
  • ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުން: ކާބޯތަކެތީގެ ރައްކާތެރިކަމާއި ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އާދަތަކާއެކު ހިންގާ ދަނޑުވެރިކަމުގެ މަޝްރޫއެއް
  • ވޭމަންޑޫ ޒުވާނުންގެ ގުޅުން: ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް ތ. ވޭމަންޑޫ ސްކޫލުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ސެންސަރީ އަދި ވޮކޭޝަނަލް ތަމްރީނުތަކަށް ޓްރެއިނިން ރޫމެއް ގާއިމްކުރުން
  • ޔުނިޓީ ސްޕޯޓްސް އެކަޑަމީ: ޓެކްނޮލޮޖީ އަދި ކުޅިވަރުގެ ޒަރިއްޔާއިން ޒުވާނުން ބާރުވެރިކުރުމަށް ށ. ފުނަދޫ ސްކޫލުގައި މީޑިއާ އަދި ކުޅިވަރު ލެބްތަކެއް ތަރައްގީކުރުން

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި އިންޗާޖް އޮފް ދަ ބޭންކް އާއިޝަތު ނޫރައްދީން ވިދާޅުވީ ބޭންކް ފަންޑަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހެޔޮ ބަދަލުތަކެއް ގެނައުމަށްޓަކައި ޖަމިއްޔާތަކާއެކު މަސައްކަތްކުރުމަށް ބީއެމްއެލްއިން ކުރާ މަސައްކަތުގެ ފުރިހަމަ މިސާލެއް ކަމަށެވެ. އަދި މި 5 ޕްރޮޖެކްޓުން މުޖުތަމައުއަށް ދެމެހެއްޓެނިވި ގޮތެއްގައި ފައިދާ ކުރާނެ ކަމަށާއި ޕްރޮޖެކްޓްތަކަށް އެހީތެރިވެދެވޭކަމީ ލިބޭ ފަހުރެއް ކަމަށް އާއިޝަތު ނޫރައްދީން ވިދާޅުވިއެވެ.

ބޭންކް ފަންޑަކީ ކޮންމެ އަހަރަކު ފަސް މަޝްރޫއަކަށް 200،000 ރުފިޔާގެ ހިލޭ އެހީ ދިނުމަށް ހިންގާ ޕްރޮގްރާމެކެވެ.