ދުރާލައި އިންޒާރެއް ދިނުމަކައި ނުލައި ރޭ އީރާނުން އިޒްރޭލަށް މިސައިލް ހަމަލާތަކެއް ދީފައި ވާއިރު އެ ހަމަލާތަކުގެ ބަދަލު ހިފާނެ ކަމަށް އިޒްރޭލުން ބުނެފިއެވެ.

އަސްކަރީ ތަޖުރިބާކާރުން ބުނާ ގޮތުގައި ރޭ އީރާނުން ދިން މިސައިލް ހަމަލާތަކުގައި މެދުރާސްތާ ބެލެސްޓިކް މިސައިލް ބޭނުން ކޮށްފައި ވެއެވެ. ޖުމްލަ 200 މިސައިލެއް ފޮނުވާލި އިރު ގިނަ މިސައިލްތައް ވައިގެ ތެރޭގައި އިޒްރޭލުން ވަނީ ނައްތާލާފައެވެ. ނަމަވެސް ބައެއް މިސައިލް އިޒްރޭލަށް އަމާޒު ވި އިރު އީރާނުން ބުނެފައި ވަނީ، މިސައިލްތައް އަމާޒު ކުރީ އިޒްރޭލުގެ އަސްކަރީ މަގާމުތަކަށް ކަމަށެވެ.

އީރާނުން ރޭ ދިން ހަމަލާ އަކީ، ގާޒާ އާއި ލުބުނާނަށް އިޒްރޭލުން ދޭ ހަމަލާތަކާއި ހަމާސް އާއި، ހިޒްބުއްލޯ އަދި އީރާނުގެ ރިވޮލިއުޝަނަރީ ގްރޫޕުގެ އިސް ކޮމާންޑަރުން އިޒްރޭލުން އަވަހާރަ ކޮށްލާފައި ވާތީ ބަދަލު ހިފުމަށް ދިން ހަމަލާއެކެވެ.

މިހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ބުނެ އިޒްރޭލުން ބުނީ ބަދަލު ހިފާނެ ކަމަށެވެ. ރައްދުގައި އީރާނުގެ ރިވޮލިއުޝަނަރީ ގްރޫޕުން ބުނެފައި ވަނީ، ބަދަލު ހިފުމުގެ ގޮތުން ހަމަލާ ދީފި ނަމަ އިޒްރޭލު 'ފުނޑުފުނޑު' ކޮށްލާނެ ކަމަށެވެ.

ރޭގެ ހަމަލާ އާ ގުޅިގެން އީރާނުން އިތުރަށް ބުނެފައި ވަނީ، އީރާނުގައި އުފެއްދި ފަތަހް ބެލެސްޓިކް މިސައިލް ރޭ ފުރަތަ ފަހަރަށް ބޭނުން ކުރި ކަމަށެވެ. ނަމަވެސް އަސްކަރީ ތަޖުރިބާކާރުން ބުނެފައި ވަނީ އީރާނުން ހައިޕަސޮނިކް މިސައިލެއް ބޭނުން ކުރި ކަމާމެދު ޝައްކު ކަމަށާއި ހައިޕަސޮނިކް މިސައިލެއް ނަމަ އޭގެ ސްޕީޑް [ދުވެލި] މާކް5 [ހައިޕަސޮނިކް ސްޕީޑް] އަށް ހުންނަން ވާނެ ކަމަށެވެ.

އިރާނުން ފޮނުވާލި މިސައިލެއް ވައިގެ ތެރޭގައި ގޮއްވާލުމުން ވެއްޓުނު ބައެއްގެ ކައިރީގައި އާންމުން

އީރާނުގެ ރައީސް މަސްއޫދު ޕެޒެސްކިއާން ރޭ ވިދާޅުވީ، އިޒްރޭލަށް ދިން ހަމަލާ އަކީ އީރާނުގެ މިނިވަންކަމާއި އިސްތިގުލާލަށް ނުރައްކާ ވުމުން ދިން ހަމަލާ އެއް ކަމަށާއި އީރާނުން ހަނގުރާއެއް ބޭނުން ނުވާ ކަމަށެވެ.

ރޭގެ ހަމަލާގެ މަންޒަރުތައް ލައިވްކޮށް ޓީވީތަކުން ދައްކަމުން ދިޔަ އިރު ގިނަ އަދަދެއްގެ އަލިފާން ބޯޅަތަކެއްގެ ސިފައިގައި އިޒްރޭލަށް ވެއްޓެމުން ދިޔައީ އީރާނުން ފޮނުވާލި ގިނަ މިސައިލްތައް ވައިގެ ތެރޭގައި ގޮވައިގެން ވެއްޓެމުން ދިޔަ މިސައިލްތަކުގެ ބައިތަކެވެ. ނަމަވެސް ބައެއް މިސައިލް ސީދާ އަމާޒަށް ފޯރި ކަމަށް އީރާނުން ބުނެފައި ވީ ނަމަވެސް އިޒްރޭލުން ވަނީ އެކަން ދޮގުކޮށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ބުނެފައެވެ.

މީގެ ކުރިންވެސް އީރާނުން އިޒްރޭލަށް މިދަފަދަ ހަމަލާތަކެއް ދިނެވެ. އެފަހަރުވެސް ހުރިހާ މިސައިލެއް ވައިގެ ތެރޭގައި ގޮއްވާލި އިރު އިޒްރޭލުގެ ތެރެއަށް [އެއާޕޯޓަކާ ކައިރިއަށް] ވެއްޓުނު މިސައިލެއްގެ ބައަކުން ވަޅުގަނޑެއް ހެދުން ފަދަ ކުޑަ ގެއްލުމެއް ނޫނީ ވެފައެއް ނުވެއެވެ.

ރޭގެ ހަމަލާގައި ގިނަ އަދަދެއްގެ ޕޮރޮޖެކްޓައިލް [މިސައިލްގެ ބައިތައް] އިޒްރޭލުގެ އެކި ސަރަހައްދުތަކަށް ވެއްޓިފައި ވެއެވެ.

އީރާނުގެ ހަމަލާއާ ގުޅިގެން އެމެރިކާގެ ބައިވެރިން އީރާނު ކުށްވެރި ކުރަމުން އިޒްރޭލަށް ފުރިހަމަ ތާއީދު އޮތްކަން ދަނީ ހާމަ ކުރަމުންނެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތާއި، ފްރާންސާއި، ޖަޕާން އަދި އޮސްޓްރޭލިއާ ހިމެނެއެވެ.