ހަނގުރާމަ ފުޅާ ނުކުރަން ގައުމުތަކުން ގޮވަގޮވާ އޮއްވާ އިޒްރޭލުން އެއްގަމު މަގުން ލުބުނާނަށް އަރައިފިއެވެ.

އިޒްރޭލުގެ އަސްކަރީ ތަރުޖަމާން ބުނީ، އެއްގަމު މަގުން ލުބުނާނަށް ވަނީ ހިޒްބުއްލޯއިން ކޮންޓްރޯލް ކުރާ ބޯޑަރު ސަރަހައްދުގައި ހުރި ހިޒްބުއްލޯގެ މަގާމުތަކަށް ހަމަލާ ދިނުމަށް ކަމަށާއި، އެއީ މުޅި ލުބުނާނުގެ އާންމު ރައްޔިތުންނަށް ހަމަލާ ދިނުމަށް ނޫންކަމަށެވެ.

ތަރުޖަމާން ޑެނިއަލް ހަގާރީ ބުނީ، ބޮޑަރު ސަރަހައްދުގައި ހުރި ބައެއް އަވަށްތައް ހިޒްބުއްލޯ އިން އަސްކަރީ މަގާމުތަކަށް ހަދައިގެން ތިބެ އިޒްރޭލުގެ ތެރެއަށް ހަމަލާ ދެމުން ގެންދާ ކަމަށާއި އޭގެ ތެރޭގައި ކިބޫޒިން އާއި އަވަށްތައް ހިމެނޭ ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު އިޒްރޭލުން ހިޒްބުއްލޯގެ އެންމެ އިސް ލީޑަރު ހަސަން ނަސްރުﷲ އަވަހާރަ ކޮށްލުމަށް ފަހު ހިޒްބުއްލޯ ނައްތާލުމުގެ ނިޔަތުގައި ދޭ ވައިގެ ހަމަލާތައް ވަނީ ވަރުގަދަ ކޮށްފައެވެ. ނަސްރުއްﷲ އަވަހާރަ ކޮށްލި ހަމަލާގައި 7 އިމާރާތެއް ބިނާ ހަމަކޮށްލި އިރު އިއްޔެ އާއި މިއަދު ދިން ހަމަލާތަކުގައި މިފަދަ 9 އިމާރާތެއް ވަނީ ބިމާ ހަމަކޮށްލާފައެވެ. އަދި މަރާލި މީހުންގެ އަދަދު މިހާރު ވަނީ 1000 އާ ގާތް ކޮށްފައެވެ.

އިޒްރޭލުން މިއަދު ލުބުނާނުގެ ތެރެއަށް ވަދެގަންފައި ވާ އިރު، އެ އޮޕަރޭޝަންގައި ހަރަކާތްތެރި ވަނީ، އެންމެ ހުށިޔާރު އެލީޓް ޕެރަޓްރޫޕާ 98 ވަނަ ޑިވިޝަންގެ ސިފައިން ކަމަށް ހަބަރުތައް ބުނެއެވެ. އެއީ 12،000 އާއި 14،000 އާ ދެމެދުގެ އަދަދެއްގެ މެންބަރުންނާއި ޓޭންކްތަކާއި އެހެނިހެން ހަރިޔާރު ހިމެނޭ ވަރުގަދަ ފައުޖެއް ކަމަށް ވެސް ބުނެއެވެ.

ހަބަރުތައް ބުނާގޮތުން އެއްގަމު މަގުން ޔަހޫދީންނަށް ލުބުނާނުގެ އެތެރެއަށް އަރައިގެން ދިޔުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. ފަރުވަދަ ތަކާއި ހޮހޮޅަތަކުގެ ތެރޭގައި އެތައް އަހަރެއް ވާންދެން ގެރިއްލާ ތަމްރީނު ހަދަމުން ދާ ލުުބުނާނުގެ ރަދްވާން ފޯސް އަކީ ގެރިއްލާ އުކުޅުުތަކަށް ފަރިތަ ވަރުގަދަ ފޯސްއެއް ކަމުން ބޮޑަރު ސަރަހައްދުން އެފޯސް އާ ޔަހޫދީން ކުރިމަތިލާން ޖެހޭނެއެވެ.

2006 ވަނަ އަހަރުވެސް މިފަދަ ހަނގުރާމައެއްގައި އިޒްރޭލުން އެއްގަމު މަގުން އަރައިގަންނަން ކުރި މަސައްކަތް ނާކާބިޔާބު ކޮށްލީ މި ފޯސް އިންނެވެ.