ދުވަހަކުވެސް ރާއްޖެ ނާންނަން ބުނި އިންޑިއާގެ ޓީވީ އެކްޓަރު އަރްޖުން ބިޖްލާނި ރާއްޖެ އަތުވެއްޖެއެވެ.

"މިލޭ ޖަބް ހަމް ތުމް" ޑްރާމާއިން އާންމުންގެ މެދުގައި މަގްބޫލުކަން ހޯދި އެކްޓަރު އަރްޖުން ރާއްޖެ އައީ ދުވަހަކުވެސް ރާއްޖެ ނާންނާނެ ކަމަށް ބުނެ ގަދަހެދުމަށް ފަހުއެވެ. މި އަހަރުގެ ކުރީކޮޅު އިންޑިއާގައި ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރަން ސޯޝަލް މީޑިއާގައި ކެމްޕޭންތަކެއް ހިންގި އިރު، އަރުޖުން އޭރު ބުނީ ރާއްޖެ އަކީ އޭނާ ދުވަހަކުވެސް ދިޔަ މަންޒިލެއް ނޫންކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް ރާއްޖެ ނުދާނެ ކަމަށެވެ.

ނަމަވެސް ފުރަތަމަ ފަހަރަށް އެކްޓަރު އަރްޖުން ރާއްޖެ އައިސްފައިވަނީ އޭނާގެ އަނބިމީހާ ނޭހާ ސްވާމީއާ ވެސް އެކުގައެވެ. ދެމަފިރިން ރާއްޖެއައިސް ޗުއްޓީ ހޭދަކުރަމުން އަންނަނީ އެމެރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާގެ ހިތްގައިމު މާހައުލުގައެވެ. ރާއްޖެއައިސް ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯތަކެއް ދެމީހުންގެ އިންސްޓަގްރާމް އެކައުންޓުގައި ވަނީ ހިއްސާކޮށްފައެވެ. މިއީ އަރްޖުން ރާއްޖެ ދަތުރުކުރި ފުރަތަމަ ފަހަރުވެސްމެއެވެ.

ބޮލީވުޑްގެ ފިލްމުތަކުން މަދުމަދުން ފެނިގެންދާ އެކްޓަރު އަރްޖުންގެ ޓީވީ ޑްރާމާ ކެރިއަރުގައި އޭނާ ކުޅުނު އެންމެ ކާމިޔާބު ޑްރާމާ ތަކަކީ "ނާގިން"، "ޔޭ ހޭ އާޝިގީ" އަދި "އިޝްގް މޭ މަރްޖާވާން" އެވެ. އެކްޓަރު ވަނީ ދާދިފަހުން ކަރަން ޖޯހަރް ގެނެސްދިން ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ހާއްސަ ފެނިލުމަކުން ވެސް ފެނިގެން ގޮސްފައެވެ.