އިސްލާމިކް މިނިސްޓްރީގެ ނައިބު އަދި ސަލްމާން މިސްކިތުގެ އިމާމް އަބްދުލް ޖަލީލު އިސްމާއީލް، ސޮއި ފޯޖުކުކުރުމަށް ފަހު ވިޔަފާރިއެއްގެ މިލްކުވެރިކަން އަތުލިކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

މި މައްސަލައަކީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހު ގެއެއްގެ ތެރޭ ޝައްކުކުރެވޭ ގޮތަކަށް ނިޔާވެފައި އޮއްވާ ފެނުނު ވިޔަފާރިވެރިޔާ ހއ. ހޯރަފުށީ ހާޝިމް މުހައްމަދުގެ ވިޔަފާރިތަކަށް އަތްގަދަކޮށް އޭނާގެ ދަރިފުޅުގެ ސޮއި ފޯޖުކޮށް ލިޔެކިޔުން ތައްޔާރުކުރުމަށް ފަހު އެ ވިޔަފާރިތަށް ޖަލީލުގެ ނަމަށް ބަދަލުކުރިކަމަށް ތުހުމަތުކުރާ މައްސަލައެކެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުން ބުނީ ސޮއި ފޯޖު ކުރި މައްސަލަ ފުލުހުންނަށް މި މަހުގެ 19 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށާއި، އެ މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުން ދާ ކަމަށެވެ.

ހާޝިމްގެ އައިލާއިން މައުލޫމާތު ދީފައިވާ ގޮތުގައި ހާޝިމް ވަނީ 2016 ވަނަ އަހަރު ޕާކިސްތާން މީހަކާ އިމްޕޯޓް މުދާ ވިއްކުމުގެ ވިޔަފާރިއެއް ފަށާފައެވެ. މި ވިޔަފާރިއަށް އެހީތެރިވުމަށް ހަދީއުލް އިސްލާމް ނަމަކަށް ކިޔާ ބަންގްލަދޭޝް މީހެއް ގެންގުޅުނު ކަމަށްވެސް އާއިލާ އިން ބުނެއެވެ. "ފޯއެލް" ގެ ނަމުގައި ގިނަ ވިޔަފާރިތަކެއް މާލެ ސަރަހައްދުގައި ހާޝިމް ކުރިކަމަށާއި، މި ވިޔަފާރިތަކާއި މުދާތައް އާއިލާއަށްވެސް ނޭނގި ޖަލީލު "އަތުލާފައި" ވަނީ ހަދީއުލް އިސްލާމް އާއި ގުޅިގެން ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

އަސްފީ މޯލްޑިވްސް ކިޔާ ކުންފުންޏެއްގެ ދަށަށް ހާޝިމްގެ މުދާތަކުގެ މިލްކުވެރިކަން ޖަލީލާއި ހަދީއުލް އިސްލާމް ގުޅިގެން ބަދަލުކުރިކަމަށާއި، ފޯއެލްގެ ވިޔަފާރިތައް ހިންގި ތަންތަނުގައި އަސްފީ މޯލްޑިވްސްގެ ވިޔަފާރިތައް ހިންގަމުން ދާކަމަށްވެސް އާއިލާއިން ވަނީ ބުނެފައެވެ.

އާއިލާއިން އިތުރަށް މައުލޫމާތު ދިން ގޮތުގައި ހާޝިމަށް އެނގުމަކާ ނުލާ ވިޔަފާރީގެ އެކައުންޓްތަކުން ފައިސާ ޓްރާސްފާކުރާކަމަށް ޝައްކުވެ ހާޝިމް ވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހަދީއުލް އިސްލާމް ވަޒީފާއިންވެސް ވަކިކޮށްފައެވެ. އޭނާ ވަޒީފާއިން ވަކިކުރިތާ މަސްދުވަސް ނުވަނީސް ހާޝިމް ކުއްލިގޮތަކަށް ނިޔާވެފައި ވުމުން މި ކަމުގައި ހަދީއުލް އިސްލާމް އާއި ޖަލީލުގެ އަތެއް ވާކަމަށް އާއިލާއިން ވަނީ ތުހުމަތު ކޮށްފައެވެ.

ސޮއި ފޯޖު ކުރި މައްސަލަ އަދި މިހާރުވެސް ފޯ އެލްގެ ނަމުގައި ގެންނަ މުދާ އެކުންފުނީގެ ލޯގޯ ޖަހައިގެން ގެނެސް ޖަލީލު އަލަށް ރަޖިސްޓްރީ ކުރި ކުންފުނީގެ ނަމުގައި ވިއްކަމުންދާ މައްސަލަވެސް އާއިލާއިން ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ސޮއި ފޯޖު ކުރި މައްސަލަ ބަލަމުންދާކަމަށާއި، މުދަލާ ގޯތި ގެދޮރުގެ މައްސަލަ ސިވިލް ކޯޓު މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ދެ ފަރާތަށް ވެސް ފުލުހުން އިރުޝާދުދީފައިވާނެ ކަމަށެވެ.