ސައިކަލެއްގެ މަޑި ދަށުން 4 ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައިގައި ހައްޔަރުކޮށްފައިވާ ޖަހަންގިރް އާލަމް ފައިސާ ވަގަށް ނަގާފައި ނުވާނެ ކަމަށާއި ވިޔަފާރީގެ މައްސަލައެއްގައި ފްރޭމްކުރަނީ ކަމަށް އޭނާ ބުނެފިއެވެ.

ބުރުޒުމަގުގައި ހުންނަ ހަބީބް ކެފޭ ކައިރީގައި ހުރި ސައިކަލެއްގެ މަޑިދަށުން ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 45 އަހަރުގެ ޖަހަންގިރް ހައްޔަރުކޮށްފައި ވާއިރު، ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަން 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.

އޭނާގެ ބަންދުގެ މުއްދަތު ހަމަވެ، ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ 5 ދުވަހު ބަންދުގައި ބެހެއްޓުމަށް އަމުރު ނެރެފައެވެ.

މި މައްސަލައިގެ ހެކީގެ ގޮތުގައި ސީސީޓީވީ ފުޓޭޖް ހުށަހަޅާފައި ވާއިރު، ސައިކަލުގެ މަޑި ދަށުން ނެގީ ފައިސާ ނޫން ކަމަށް ޖަހަންގިރު ބުނެފައިވާ ކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ. އަދި އޭނާ ބުނީ މިއީ ވިޔަފާރިއެއްގެ މައްސަލައިގައި އޭނާ ފްރޭމް ކުރުމެއް ކަމަށެވެ.

ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި އޭނާއަކީ ދިވެހިރާއްޖޭގެ 2 މީހުންނާ އިނދެގެން އުޅޭ އަދި އެއިން އެކަކަށް 3 ދަރިން ލިބިފައިވާ މީހެކެވެ. އޭނާއަކީ ގަވާއިދާ އެއްގޮތަށް ރާއްޖޭގައި އުޅެމުންދާ ފަރާތެއް ކަމަށް ވެސް ކޯޓު އަމުރުގައި ވެއެވެ.