ބަލިމީހާއަށް ފަރުވާ ދިނުމުގައި ބަލިމީހާގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެދިވަޑައިގެންފިއެވެ.

ސާޖިދާ މިފަދައިން އެދިވަޑައިގެންފައި ވަނީ ދުނިޔޭގެ ބަލިމީހުންގެ ދުވަސް ފާހަގަ ކުރުމަށް އައްޑޫ ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ސާޖިދާ ވިދާޅުވީ ބަލިމީހާގެ ރައްކާތެރިކަމަށް މަސައްކަތް ކުރުމަކީ މުޅި ސިއްހީ ނިޒާމުގައި ޝާމިލުވުން ބޭނުންވާ ކަމެއް ކަމަށެވެ. އަދި މަސައްކަތް ކުރަން ވާނީ ބަލިމީހާގެ ރައްކާތެރިކަމަކީ ވަކި ކަމެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި އެއީ ކުރާ މަސައްކަތާއި ލާމެހިފައިވާ ކަމެއްގެ ގޮތުގައި ދެކިގެން ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި ބަލިމީހާގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ބޭނުންވާ އުސޫލުތަކާއި ޕްރޮސީޖާތައް އަދި މުޅި ސިއްހީ ނިޒާމު ހަރުދަނާ ކުރުމާއި މުވައްޒަފުން ތަމްރީނު ކުރުމާއި އަހުލުވެރިކުރުވުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެކަމަނާ ވަނީ އެދިވަޑައިގެންފައެވެ.

ބަލިމީހާއަށް ފަރުވާ ދެވޭ ގޮތުންނާއި ދެވޭ ފަރުވާގެ ބާވަތުން ފުރާނައަށާއި ހަށިގަނޑަށް ބޮޑެތި ގެއްލުންތައް ވެފައިވުމަކީ ރާއްޖޭގެ ތާރީހުގައި ވެސް އަދި މިހާރު ވެސް ބައެއް ފަހަރަށް ތަޖުރިބާ ކުރެވޭ ކަމެއްކަން މެޑަމް ސާޖިދާ ފާހަގަކުރެއްވިއެއެވެ. އަދި ހިދުމަތް ދިނުމުގައި ފަރުވާތެތިވެ، މިކަންކަން މަދުކުރުމަށް ނުވަތަ ނައްތާލުމަށް މަސައްކަތް ކުރުމަށް އެކަމަނާ ގޮވާލެއްވިއެވެެ.

ގައުމީ ހުރިހާ ލެވެލްއެއްގައި މިކަމުގައި މަޝްވަރާކޮށް އާރުލާ ނިންމުންތަކެއް ނިންމާ، އެ ނިންމުންތައް ތަންފީޒުކޮށް ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުމަށް މަސައްކަތް ކުރުމަށް ވެސް އެކަމަނާ ވަނީ ގޮވާލައްވާފައެވެ.

ސާޖިދާ ވިދާޅުވީ ބަލިމީހުންގެ ސަލާމަތަށްޓަކައި އާ އުސޫލުތަކާއި އާ ވަސީލަތްތައް ތައާރަފުކުރެވި، ފުރިހަމައަށް އެކަންކަން ތަންފީޒު ކުރެވެން ފަށުމުން ދިވެހި ސިއްހީ ދާއިރާ އުސްމިންތަކަށް ދަތުރުކުރާނެ ކަމަށެވެ. އެހެންކަމުން ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގައި ބަލިމީހާގެ ރައްކާތެރިކަން ނުވަތަ ފަރުވާގެ ސަބަބުން ގެއްލުމެއްވިޔަ ނުދިނުމުގެ މަގުސަދު އަބަދުވެސް އިސްކުރުމަށް ސާޖިދާ ވަނީ ސިއްހީ ހިދުމަތްތެރީންނަށް އިލްތިމާސްކުރައްވާފައެވެ.