ހިޒްބުއްލޯ އިން އިޒްރޭލަށް ދޭ ހަމަލާތައް ރާވާ ހިންގާ މައި މަރުކަޒުތައް ކަމަށް ބުނެ ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ދާހިޔާއަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

ފުލުފުލުގައި ވަރުގަދަ 10 ބޮމެއް ވައްޓާލައި 4 އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ހިޒްބުއްލޯގެ ލީޑަރު އަވަހާރަ ކޮށްލެވުނު ކަމަށް އިޒްރޭލާ ގުޅުން ހުރި ބައެއް މީޑިއާތަކުން އަންނަނީ ބުނަމުންނެވެ. ނަމަވެސް އެ ވާހަކަ ބައިނަލްއަގުވާމީ އެއްވެސް ޗެނަަލަކުން އަދި ހިޒްބުއްލޯގެ މީޑިއާ އަކުން ވެސް ބުނެފައެއް ނުވެއެވެ.

އިޒްރޭލުން ބުނަނީ އެ ހަމަލާ ދިނީ ބަލާފައި އަމާޒަށް ކަމަށާއި އެއީ ހިޒްބުއްލޯގެ ކޮމާންޑް ސެންޓަރުތައް ކަމަށެވެ.

ލުބުނާނުގައި ތިބޭ ބައެއް ނޫސްވެރިންނާއި އާންމުން ބުނެފައި ވަނީ، ދާހިޔާއަށް ވައްޓާލި 10 ބޮމަކީ 2006 ގެ ފަހުން ލުބުނާނު ގުޑުވާލި އެންމެ ވަރުގަދަ ހަމަލާ ކަމަށެވެ.

މުރާސިލުން ބުނަނީ، އެވަރުގެ ވަރުގަދަ ހަމަލާއެއް ދޭނީ 3 ސަބަބަކަށް ކަމަށް ބެލެވިދާނެ ކަމަށާއި، އެއް ސަބަބަކީ ހިޒްބުއްލޯގެ ލީޑަރު އަވަހާރަ ކޮށްލުމެވެ. ދެވަނަ ސަބަބަކީ ހިޒްބުއްލޯގެ އިސް ކޮމާންޑަރުންތަކެއް އަވަހާރަ ކޮށްލުމެވެ. ތިން ވަނަ ސަބަބަކީ، އިޒްރޭލުގެ ވަރުގަދަކަމާއި ބާރު ދައްކާ ހިޒްބުއްލޯ އަށް ސިހުން ގެނައުމެވެ.

މި ހަމަލާގެ ފަހުންވެސް ބެއިރޫތުގެ ރަށް ބޭރުގެ އެކި ހިސާބުތަކަށް އިޒްރޭލުން ހަމަލާ ދީފައި ވާ އިރު، ހަމަލާތަކުގައި މަރުވެ ދިޔައީ ކިތައް މީހުން ކަމެއް އަދި ޒަހަމްވި މީހުންގެ އަދަދުތައް އަދި ސާފެއް ނުވެއެވެ. ނަމަވެސް މިދިޔަ ހޯމަ ދުވަހުން ފެށިގެން ދެމުން ގެންދާ ހަމަލާ ތަކުގައި މިހާތަނަށް ޖުމްލަ 700 މީހަކު މަރުވެފައި ވާ އިރު އޭގެ ތެރޭގައި 50 ކުޑަކުދިން ހިމެނެއެވެ.

ހިޒްބުއްލޯގެ އަލް މަނާރު ޓީވީން ބުނީ، އިޒްރޭލުން ލުބުނާނު ގުޑުވާލި ހަމަލާގެ ލޮޅުން 30 ކިލޯމީޓަރު ދުރަށް ހުރި ކަމަށާއި ހަމަލާ އަމާޒު ވި 4 އިމާރާތުގެ ކުނޑިކޮޅެއްވެސް ފެންނަން ނެތް ކަމަށެވެ. ނުވަތަ 4 އިމާރާތް ހުރި ތަނުގައި މިހާރު އޮތީ ހުސް ވަޅުގަނޑުތައް ހެދިފައި ކަމަށެވެ.

ލުބުނާނަށް ިއޒްރޭލުން ހަމަލާ ދޭން ފެށި މައިގަނޑު އަމާޒެއް ނުބުނެ ނަތަންޔާހޫ ބުނެފައި ވަނީ، އިޒްރޭލުގެ ބޭނުން ހާސިލް ވަންދެއްނ ހަމަލާ ދޭނެ ކަމަށެވެ.

މުރާސިލުން ބުނާގޮތުގައި އިޒްރޭލުގެ އެ އަމާޒަކީ ހިޒްބުއްލޯގެ ލީޑަރު ނަސްރުއްﷲ އަވަހާރަ ކޮށްލުމެވެ.

އިޒްރޭލުން ލުބުނާނަށް ހަމަލާ ދެމުން ގެންދާ އިރު ގާޒާއަށް ދެމުން ގެންދާ ހަމަލާތައް ވެސް ދަނީ ވަރުގަދަ ކުރަމުންނެވެ. ކޮންމެ ދުވަހަކު އެތައް ބަޔަކު ޝަހީދު ކުރަމުން ދާ އިރު، ހަނގުރާމަ ފުޅާވެ މުޅި މެދުއިރުމައްޗަށް ފެތުރިދާނެތީ ގައުމުތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް ގާޒާ ހަނގުރާމަ ފަދައިން ލުބުނާނު ހަނގުރާމަ އިޒްރޭލުން ކުރިއަށް ގެންދަނީ ސީދާ އެމެރިކާގެ އެހީތެރިކަމާ އެކުގައި ކަމަށް ވާއިރު، އެއް ފަރާތުން ސުލްހަ ގާއިމު ކުރާ ވާހަކަ ދައްކަމުން އަނެއް ފަރާތުން އެމެރިކާއިން ގެންދަނީ ފައިސާ އާއި ހަތިޔާރު ފޯރުކޮށްދެމުންނެވެ. އެގޮތުން ލުބުނާނު ހަމަލާތައް ފެށިފަހުން އެމެރިކާއިން ވަނީ އިޒްރޭލަށް އިތުރު 8.7 ބިލިއަން އެމެރިކާ ޑޮލަރުގެ ޕެކޭޖެއް ދޭން އިއުލާން ކޮށްފައެވެ.