މަސްވެރިންނަށް ނުދެވި ހުރި ހުރިހާ ފައިސާއެއް އަންނަ ހަފްތާ ގައި ދައްކާ ހަލާސް ކުރާނެ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީން (މިފްކޯ) އިން ބުނެފިއެވެ.

އެ ކުންފުނީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިމަހުގެ ކުރީ ކޮޅުން ފެށިގެން މަސްވެރިންނަށް ނުދެވި ހުރި ފައިސާއާ ގުޅޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާ އާއި މާލީ ވުޒާރާ އަދި މިފްކޯ ގުޅިގެން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

އަދި މި މަޝްވަރާތަކުގައި މިވަގުތަށް ހައްލު ހޯދިފައިވާ ކަމަށްވެސް އެ ކުންފުނިން ވަނީ މައުލޫމާތު ދީފައެވެ. ސަރުކާރުން ކެނޑިނޭޅި މިފްކޯއަށް ދޭންޖެހޭ އެއްބާރުލުން ދެމުންދާ ކަން ފާހަގަކޮށް މިފްކޯއިން ބުނީ، ސަރުކާރުގެ އަމާޒަކީ މިހާތަނަށް ނުދެއްކި ހުރި ފައިސާ އަންނަ ހަފުތާގެ ނިޔަލަށް އެއްކޮށް ދައްކައި ހަލާސްކުރުން ކަމަށެވެ.

މިދިޔަ އޮގަސްޓު މަހުން 24 އިން ފެށިގެން މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 17 މިލިއަން ރުފިޔާ މަސްވެރިންނަށް ނުދެވި ހުރިކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

މަސް ކިރާތާ 48 ގަޑިއިރުތެރޭ މަހަށްވާ ފައިސާ ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅަކަށްވާއިރު މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ނުދައްކާ ހުރި ގިނަ އަދަދެއްގެ ފައިސާ ނުލިބުމާއެކު މިދިޔަ ޖޫންމަހު މަސްވެރިން ވަނީ ވަރުގަދަ އިހުތިޖާޖުތަކެއް ވެސް ކޮށްފައެވެ. އެ އާއެކު ސަރުކާރުގެ އެހީއާއެކު މިފްކޯއިން ވަނީ މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދައްކާ ހަލާސް ކޮށްފައެވެ.

އަދި ގަވާއިދުން ފައިސާ ދިނުމުގެ އިންތިޒާމު ހަމަޖެއްސުމަށް މިފްކޯއިން ވަނީ ބައިނަލްއަގްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި، މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ހަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ވަކި އަގެއް ހަމަޖެއްސުމަށް ނިންމާ އެ އުސޫލުން ކަން ކުރަމުންނެވެ.