ދިވެހިރާއްޖެއަށް އެކި ބޭނުންތަކުގައި އެތެރެ ކުރާ ކެމިކަލްތައް ގެންގުޅެނީ ގަވައިދާ އެއްގޮތަށްތޯ ބެލުމަށް ހާއްސަ އޮޕަރޭޝަނެއް ހިންގުމަށް ޑިފެންސް މިނިސްޓްރީ އިން ނިންމައިފިއެވެ.
އެ މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެއަށް އެކި ބޭނުންތަކުގައި އެތެރެ ކުރާ ކެމިކަލްތައް އެތެރެ ކުރުމުގެ ހުއްދަ ދިނުމާއި އެފަދަ ކެމިކަލްތައް ގުދަންކޮށް ރައްކާކުރުމަކީ ޑިފެންސް މިނިސްޓްރީ އިން ރެގިއުލޭޓުކުރާ ކަމެއް ކަމަށެވެ. ޑިފެންސް މިނިސްޓްރީ އިން ބުނީ މިފަދަ ކެމިކަލްތައް ގެންގުޅުމާއި ގުދަން ކުރުމުގައި ބައެއް ފަރާތްތަކުން ގަވައިދާ ހިލާފުވާންކަން އެ މިނިސްޓްރީ އަށް ފާހަގަވެފައިވާ ކަމަށެވެ.
އެހެންކަމުން އަންނަ ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން ކެމިކަލްތައް ގެންގުޅެނީ ގަވައިދާ އެއްގޮތަށްތޯ ބެލުމަށް ހާއްސަ އޮޕަރޭޝަނެއް ހިންގާނެ ކަމަށް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ. ޑިފެންސް މިނިސްޓްރީ އިން ބުނީ ގަވައިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން މުތުލަގަށް ތަންފީޒު ނުކުރެވިއްޖެ ނަމަ މިފަދަ ކެމިކަލްތަކުގެ ސަބަބުން އިއާދަ ނުކުރެވޭ ފަދަ ގެއްލުންތަކަކަށް ދިވެހި ރައްޔިތުން ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
މީގެއިތުރުން ޑިފެންސް މިނިސްޓްރީ އިން ބުނީ ނުރައްކާތެރި ކެމިކަލް އެތެރެކޮށް ގެންގުޅުމާއި ގުދަން ކުރުމުގައި އަމަލު ކުރުމަށް ހަދައިފައިވާ ގާނޫނުތަކާއި ގަވައިދުތަކަށް އާންމުން ހޭލުންތެރި ކުރުމުގެ ހާއްސަ އޮޕަރޭޝަނެއްވެސް ޒޯނުތަކަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ.
ދުޅަހެޔޮ މުޖުތަމައެއް ބިނާކުުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ތަންފީޒު ކުރުމުގެ ގޮތުން މިނިސްޓްރީތަކާއި ދައުލަތުގެ އެންމެހާ މުއައްސަސާތަކުން ދަނީ މަސައްކަތް ކުރަމުންކަން ފާހަގަކޮށް ޑިފެންސް މިނިސްޓްރީ އިން ވަނީ ގާނޫނުތަކުން ރެގިއުލޭޓް ކުރުމަށް ޑިފެންސް މިނިސްޓްރީއަށް މަތިކޮށްފައިވާ ކަންކަން ތަންފީޒު ކުރެވޭކަން ކަށަވަރުކުރުމަށް އެ މިނިސްޓްރީން ވެސް ހާއްސަ މަސައްކަތްތަކެއް ކުރަމުން ދާކަމަށް ބުނެފައެވެ.