މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރިއަށް ގެންދިޔަ ބޭސިކް ފަޔާ ފައިޓާ ކޯސް ނިންމާލައިފިއެވެ.

އެމްއޭސީއެލް އިން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހިނގާ އަލިފާނުގެ ހާދިސާތަކަށް ތައްޔާރުވުމަށް ފަޔާ ފައިޓަރުން ތަމްރީނު ކުރުމުގެ 29 ވަނަ ބެޗުގެ ކޯސް ކާމިޔާބު ކަމާއެކު ނިންމާލާފައިވާ ކަމަށެވެ. މި ބެޗުގެ ތަމްރީނުތައް އެމްއޭސީއެލް އިން ކުރިއަށް ގެންގޮސްފައިވަނީ 43 ދުވަހުގެ މުއްދަތަކަށެވެ.

އެމްއޭސީއެލް އިން ބުނީ މި ތަމްރީނުތަކުގައި އޭވިއޭޝަން ސޭފްޓީ އާއި އިމަޖެންސީ ހާލަތްތަކުގައި ފުރިހަމައަށް އަމަލުކުރާނެ ގޮތްތައް ކިޔައިދީފައިވާނެ ކަމަށާއި، މި ކޯހުގައި އެއާޕޯޓާއި އެއާޕޯޓު ވަށައިގެންވާ ސަރަހައްދުގެ އިތުރުން މަތިންދާބޯޓުގައި ހިނގާފާނެ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރަންވީ ގޮތުގެ ތަމްރީނުތައްވެސް ދީފައިވާ ކަމަށެވެ.

މި ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވަނީ އެމްއޭސީއެލްގެ އިންހައުސް ޓްރެއިނަރުން ބޭނުންކޮށްގެންނެވެ. އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލައްމާން، މި ކޯހުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވަނީ މި ކޯހުން އެމްއޭސީއެލްގެ އިންހައުސް ޓްރެއިނިން ނިޒާމުގެ ހަރުދަނާކަން ފެނިގެން ދިޔަ ކަމަށް ވިދާޅުވެފައެވެ. ލައްމާން އިތުރަށް ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި މިފަދަ ކޯސްތައް ހިންގުމަށް ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ 'ކޯޑް އެފް ރަންވޭ' ކައިރީގައި ޒަމާނީ ވަސީލަތްތަކާ އެކު އާ ފަޔާ ސްޓޭޝަނެއް މި އަހަރުގެ ޖޫން މަހު ވަނީ ހުޅުވާފައެވެ. މި ފަޔާ ސްޓޭޝަނާ ގުޅޭގޮތުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވީ މި ފަޔާ ސްޓޭޝަނަކީ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ)ގެ އެއާޕޯޓް ފަޔާ ރެސްކިއުގެ ކެޓަގަރީ 9 ގެ އެއާޕޯޓް ޝަރުތުތައް ފުރިހަމަވެ، އޭރޯޑްރޯމް ކެޓަގަރީ 10 ގެ އަލިފާން ނިއްވުމުގެ މިންގަނޑުތަކާ އެއްގޮތަށް ހުޅުވި ސްޓޭޝަނެއް ކަމަށެވެ.

ދެ ފަންގިފިލާ ހިމެނޭ މި އާ ފަޔާ ސްޓޭޝަންގައި ތަމްރީނުތަކުގައި ބޭނުންކުރާނެ ތަނަކާއި ކޮންޓްރޯލް ސެންޓަރެއް ވެސް ހިމެނޭ ކަމަށް، އެމްއޭސީއެލް އިން ބުނެއެވެ. މީގެ އިތުރުން އެ ފަޔާ ސްޓޭޝަންގައި އަލިފާން ނިއްވުމަށް ބޭނުންކުރާ އުޅަނދުފަހަރަށް ހާއްސަ ޖާގައެއް ހަދައި، އުޅަނދުފަހަރަށް ފަސޭހައިން ފެން ރީފިލްކުރެވޭނެ ޓޭންކެއް ވެސް ބަހައްޓާފައިވެއެވެ.