އަޒީމާއި ރިޔާޒްގެ އުނަގަނޑުގައި ތަވީދު އައްސާފައި އޮތްތޯ އަލިތައްކާނު ބަލާލިއެވެ. ނިދާކަމަށް ހަދައިގެން ތިބި ދެކުދިން ގުޑިނުލާ އޮތެއް ކަމަކު އެމީހުން ތިބީ ވަރަށް ބިރުންނެވެ.
"ދެން ހިނގާ އުސްފަސްގަނޑާ ދިމާއަށް... މިހާރު ކިއެވެލި ކިޔަވަން ފަށަންވީ... ވަގުތު ފާއިތު ނުވަނީސް މަސައްކަތް ފެށުނީމަ މިރޭ މި ކަންތަކުން ސަލާމަތް ވެވޭނީ... ފާތުމާއާ އެކީ ތިމާގެ ގިނަ ބަޔަކު ގޭތެރޭގަ އެބައުޅެއެއްނު... އަނެއްކޮޅުން ކަމެއް ދިމާވިޔަސް ވަގުތުން އާދެވޭހާ ކައިރީގަ ދޯ މިތިބީ... އިބްޒީމާމެން ކައިރީ ބުނާތި މިގަޑީގަ އެއްވެސް މީހަކު ބޭރަށް ނުނިކުންނައްޗޭ..." ޟިރާރު އެކޮޓަރިން ނިކުތެވެ. ޟިރާރުގެ ފަހަތުން ހިނގައިގެން އަލިތައްކާނު އެކޮޓަރީގެ ދޮރު ލައްޕާލަމުން ފަހު ފަހަރަށް އަޒީމާ ދިމާއަށް ބަލާލިއެވެ.
ކޮޓަރިއަށް ވެރިވެފައިވާ ހަމަހިމޭންކަން ނަގާލީ ކުޑަވަގުތު ކޮޅެއްގެ ތެރޭގައެވެ. "އުސްފަސްގަނޑުގަ ކޮންކަމެއް ކުރަންބާ އެ އުޅެނީ... މިރޭ ބޮޑު ކަމެއް ކުރަން އެ އުޅެނީ... އަހަރެން ބޭނުން އެތަން ބަލާލަން ދާން..." އަޒީމް ތެދުވެ ދޮރުން ތަންކޮޅެއް ހުޅުވާލަމުން ބޭރު ބަލާލިއެވެ. އެކޮޓަރި ކައިރީ މީހަކު ނެތްކަން ޔަގީން ވުމުން އަޒީމް ބޭރަށް ނުކުންނަން މަސައްކަތް ކުރިއެވެ.
"އޭ އަޒީމް.. މީހަކަށް ފެނިއްޖިއްޔާ ކަޑަވާނެ.. ނިކުންނާނެ ކަމެއް ނެތް..." އަޒީމްގެ އަތުގައި ހިފާ އެތެރެއަށް ދަމައިގަންނަމުން ރިޔާޒް ވާހަކަ ދެއްކިއެވެ. ރިޔާޒް ހުރީ މީހަކަށް ފެނިދާނެތީ ބިރުންނެވެ.
އެތެރެ ކޮޓަރި ތެރެއިން އޭރު އާމިނަ ރޯއަޑު ގޭތެރޭގައި ހިއްޕާލާފައި ހުއްޓެވެ. އަޒީމްގެ ސަމާލުކަން ދިޔައީ އެކޮޓަރިއާ ދިމާއަށެވެ. މިވަގުތު ހުރިހާ އެންމެން އުޅޭނީ އެތާ ކަން އެނގޭތީ އޭނާ އެ ކޮޓަރިއަށް ދާން އޮތް ޝައުގު ބޮޑުވިއެވެ. "އަޒީމް... ކޮންތާކަށް ތިދަނީ.. ބުނިން ދޯ ކޮޓަރިއަށް ވަދެ ދެކުދިން ނިދާށޭ...."
އަޒީމްގެ ފަހަތުން އިވުނު އަޑަށް އަޒީމް ސިހުނެވެ. ފަހަތް ބަލާލިއިރު މިހުރީ އިބްޒީމާއެވެ. އޭނާ ހުރީ ދާހިއްލާ ފޯވެފައެވެ. އުނަގަނޑުގައި އަތް ވިއްދައިގެން ހުރި ގޮތުން އިބްޒީމާ އުޅެނީ ބަނޑުގައި ރިއްސާތީ ކަން އެނގެއެވެ. ބަދިގެ ފަރާތުން އައިސް ގޭތެރެއަށް ވައިން ފާތުމަ ހިފައިގެން ހުރި ތެލިން ދުންއަރައަރަ ހުއްޓެވެ. ފާތުމައަށް ތަން ދައްކަން އިބްޒީމާ އަޒީމްގެ އަތުގައި ހިފާ އެއްފަރާތަކަށް ޖެއްސިއެވެ.
ކައިރިންލާފަ ފާތުމަ ދިޔަ ވަގުތު އަޒީމް ބޯއަރިކޮށްލަމުން އެ ތެލީ ތެރެއަށް ބަލާލިއެވެ. އޭގައި ހުރީ ފެނެވެ. "މަންމާ އެއީ ކީއްކުރާ ހޫނު ފެނެއްތަ؟..." އެއީ ކީއްކުރާ އެއްޗެއްތޯ ބަލަން އަޒީމް ބޭނުންވިއެވެ.
"ބޭކާރު ވާހަކަ ނުދައްކާ ދޭ ކޮޓަރިއަށް..." ހަރުކަށި ރާގަކަށް އިބްޒީމާ އެހެން ބުނުމުން އަޒީމް އިސްޖަހައިގެން ގޮސް ކޮޓަރިއަށް ވަނެވެ. ދޮރު ލައްޕާލި ވަގުތު ފާތުމައަށް އިބްޒީމާ ގޮވާލި އަޑު އިވުނެވެ. "ފާތުމާ އާދެބަލަ... އާ... މަގޭ ބަނޑުގަ ވަރަށް ރިއްސާ...."
"ހިނގާ ކޮޓަރިއަށް އޮށޯންނަން... ތަންމަތި ތައްޔާރުކޮށްފަ އެހެރީ... އަވަހަށް ހިނގާ.. ދެން މާ ގިނައިރެއް ނުވާނެ.... ބަޝީރާ ވެސް އައިއްސި ފޫޅުމާ މިހާ ގޮވައިގެން" ދުވެފައި ފާތުމަ އައިސް އިބްޒީމާ ގޮވައިގެން އާމިނަ އޮތް ކޮޓަރިއަށް ގެންދިޔައެވެ. އޭރު އިބްޒީމާ ބަނޑަށް ތަދުވާތީ ރޮނީއެވެ.
ބޭރަށް ނިކުންނާނެ ގޮތަކާ ދޭތެރޭ ވިސްނަން އަޒީމާ ރިޔާޒް އެތައް އިރަކު ވިސްނިއެވެ. އެންމެ ފަހުން ކުޑަދޮރުން ފުންމާލައިގެން ދިޔުން އެއީ އެންމެ ބުއްދިވެރިގޮތް ކަމަށް ނިންމާ ދެކުދިން ވެސް ކުޑަދޮރު ކައިރިއަށް ލެފިގަތީ ކޮޓަރި ދޮރު އެތެރެއިން ތަޅުލާފައެވެ. ގޭ ބިށްދޮށުން ފޭބެނީ ބޯ ކެޔޮގަސްތައް އިންދާފައިވާ ދިމާއަށެވެ. އެދިމާ އަނދިރިކަމުން އެތަން ފެންނަނީ ވަރަށް ބިރުވެރިކޮށެވެ. ރިޔާޒް ކޮންމެވެސް ވަރަކަށް ފަސްޖެހުނެވެ. "އަޒީމް ހިނގާ ގެއަށް ދާން..."
"ނޫން... މިރޭ... އުސްފަސްގަނޑުގަ އެމީހުން ކުރާ ކަމެއް ބަލާފަ ގެއަށް ދާނީ..." އަޒީމް ކުރިއަށް ހިނގައިގަންނަމުން ރިޔާޒްގެ އަތުގަ ހިފިއެވެ.
"އަހަރެމެން ކޮޓަރީގަ ނެތްކަން އެނގިއްޖިއްޔާ ވަރަށް ސަކަރާތްވާނެ..." ރިޔާޒް އަދިވެސް ހުރީ ދެ ހިޔާލެއްގައެވެ. ގަސްތަކުގެ ތެރެއިން ހިނގަމުން އައިސް ގޮނޑުދޮށާ ހަމައަށް އެކުދިންނަށް ނިކުމެވުނީ ވަރަށް ހާލުންނެވެ. ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ގަސްތަކުގެ ތެރޭގައި އެކުދިން ހިނގީ ވަރަށް ބަލައިގެންނެވެ. އަތިރިއަށް ނިކުމެވުމުން އަލިކަމެއް ފެންނާނެކަމަށް ހީކުރި ނަމަވެސް ގޮނޑުދޮށުން ވެސް ފެންނަމުން ދިޔައީ ކަނު އަނދިރި ކަމެވެ. އެހެންކަމުން ދެކުދިންނަށް އެއްފަހަރާ ބަލާލެވުނީ އުޑުމައްޗަށެވެ.
"ހަނދު ކާލާފާ އޭނީ...." ފުރިހަމަ ކޭތައެއް ހިފާފައިވާ ހަނދަށް އިޝާރާތް ކުރަމުން އަޒީމަށް ބުނެވުނެވެ.
"އެހެންވެ ކަންނޭނގެ ބައްޕަ ބުނީ މިރޭ އެއްވެސް މީހަކު ގެއިން ބޭރަށް ނުނިކުންނައްޗޭ.. ހިނގާ އަވަހަށް ގެއަށް ދާން.. ގިޔާމަތްވަނީ ކަންނޭނގެ..." ރިޔާޒް ހުރީ އިންތިހާއަށް ބިރުގެންފައެވެ. ދެކުދިން އެންމެ ފަހުން ނިންމީ ގެއަށް ދާށެވެ. ވަލުފަރާތުން ދާން ހިނގައިގަތް ވަގުތު އަޒީމްގެ އަތުގައި ހިފާ ރިޔާޒް ދަމައިގަތެވެ. "މަށަކަށް ލާހިކެއްނޫން ތިހެން ދާކަށް... ތިހެން ގެއަކަށް ނުދާނަން..." ރިޔާޒް ބިރުގެންފައި ހުރުމުން އަޒީމް ބެނުންވީ އަތިރިމަގުން އެއްގަމަށް ނިކުންނާށެވެ. ނަމަވެސް އެމީހުންގެ ފިޔަވަޅު ހުއްޓުމަކަށް އައީ އަންހެނެއްގެ ވޭނީ ހަޅޭކުގެ އަޑު ކަންފަތުގައި ޖެހުމުންނެވެ.
ރިޔާޒާ އަޒީމާ ދެކުދިން ބަލާލީ އެކަކު އަނެކަކުގެ މޫނަށެވެ. ބިރުން ހުރެ އެމީހުންނަށް އެއަޑު އައި ދިމާއަށް ބަލާލެވުނެވެ. އުސްފަސްގަނޑު ސަރަހައްދުގައި ޖިފްޓިގަނޑު ޖަހާފައިވާ ތަނުން ގަދަ އަލިކަމެއް އެމީހުންނަށް ފެނުނެވެ. އެމަންޒަރު ކައިރިން ބަލަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުން އަޒީމް އެދިމާއަށް ދުއްވައިގަތެވެ. އެވަގުތު ރިޔާޒަށް އެ ޖިފްޓިގަނޑުގެ މައްޗަށް ވެއްޓުނު އަލިފާން ގުޅަ ފެނުނެވެ.
އެ އަލިފާން ގުޅަ ވެއްޓުމާއެކީ އެ ޖިފްޓީގައި ރޯވިއެވެ. އެހިސާބުން ދެމީހުންގެ ފިޔަވަޅު މަޑުވިއެވެ. ދެމީހުންނަށް އެނބުރި ހަނދާ ދިމާއަށް ބަލާލެވުނެވެ. އޭރު ހަނދު ހުރީ ކުރިން އެމީހުންނަށް ފެނުނު ހަނދު ހުރި ގޮތަކަށް ނޫނެވެ. މިހާރު ފެންނަން ހުރީ ފުރިހަމަ ރީތި ހަނދެކެވެ.
"އެތަނުން މީހުންތައް އެއޮއް ނުކުތީ.. ބައްޕަ މެން ގެއަށް ދާން ނުކުންނާނެ... ފެނިއްޖިއްޔާ އަހަރެމެން މަރާނެ..." ރިޔާޒް އަތުގައި ހިފާ ދަމަމުން އަޒީމް އެތަނުން ދާން ދުއްވައިގަތެވެ. ދެމީހުންނަށް ގެއަށް އާދެވުނު އިރު މާ ނޭވާ ލެވެނީއެވެ. ކުޑަދޮރުން އެތެރެއަށް ވަދެ ކުޑަދޮރު ލެއްޕުމަށްފަހު އެ ދެމީހުން އެނދުގައި އޮށޯތެވެ. އޭރުވެސް މޭގަނޑު ބަންބަންލާފައި ޖެހެއެވެ. މުޅިތަނަށް ވެރިވެފައިވާ ހަމަހިމޭންކަން ނަގާލީ ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑެވެ. އެއީ ޒިމްނާ އާއި ރޫހީ އުފަންވި ރެއެވެ. ހަމަ އެހެންމެ ޖިފްޓީގައި އަލިފާން ރޯވުމުގެ ހާދިޘާގައި އަލިތައްކާނު މި ދުނިޔެ ދޫކުރި ރޭ ވެސް މެއެވެ.
-----------------------------------------------------------------
"ރިޔާޒް ކާން ހަދަންވީތަ؟..." އާމިނަގެ އަޑު ކަންފަތުގައި ޖެހުމުން ރިޔާޒް އެ ފޮތް ލައްޕާލިއެވެ. ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް ހިންދަން މަސައްކަތް ކުރަމުން ރިޔާޒް ހިނގައިގަތީ ފާޚާނާއަށް ވަންނާށެވެ. ރިޔާޒް އެފޮތަށް ގެއްލި ބަލަން ހުރިގޮތް އާމިނައަށް ފެނުނެވެ. ރިޔާޒް ގޮސް ކޮޓަރިއަށް ވަނުމުން އާމިނަ މޭޒާ ގާތްވެލިއެވެ. މޭޒުމަތީ ހުރި ފޮތްތައް ފެނި އާމިނަގެ ހިތް އަވަސްވިއެވެ.
*** *** *** *** *** ***
"މަންޝާ... މަންޝާ...." ދޮރުގައި ތަޅާ ތަޅާ ޒުހާ ހުރީ ވަރުބަލިވެފައެވެ. މަންޝާގެ ހިލަމެއް ނުވުމުން އޭނާ އެނބުރި ގެއަށް ދާން ސިޑިން ފައިބަން ހިނގައިގަތެވެ. އެވަގުތަކީ އެގޭ މައި ދޮރާށިން އެތެރެއަށް އަޒީމް ވަތް ވަގުތެވެ. "އަހާ... ހާދަ އަވަހަކަށް ތި ދަނީ...." ޒުހާ ފެނުމުން އަޒީމް ވާހަކަ ދެއްކިއެވެ.
"މަންޝާ ދޮރެއް ނުހުޅުވި.... ދޮރު ވެއްޓޭ ވަރަށް ޓަކި ޖަހައިފިން.... އަނެއްކާ ނިދާފަ ކަންނޭނގެ..." ޒުހާ ސިޑިމަތީ މަޑުކޮށްގެން ހުރެ ވާހަކަ ދެއްކިއެވެ. "އެހެންތަ... އެކަމަކު އަހަރެން ގެއިން ނިކުތް އިރު ހޭލާ އުޅުނީ... ވެދާނެ ވީ ފާޚާނާގަ ކަމަށްވެސް...ހިނގާ މައްޗަށް...." އަޒީމް ސިޑިން އަރަމުން ޒުހާ ގާތު މައްޗަށް އައުމަށް އެދުނެވެ.
ތަޅުދަނޑި ޖަހާ ދޮރުގެ ތަޅު ހުޅުވާލަމުން އަޒީމް ދޮރު ތަންމިނަށް ހުޅުވާލިއެވެ. ދުވި ވަހުން ޒުހާ ނޭފަތުގައި އަތްއަޅާލަމުން މޫނަށް ވައްތަރެއް ޖައްސާލިއެވެ. "ރެހި ތެލުލީތަ؟... ދޮރުތައް ލައްޕާފަ ހުރީމަ މުޅި ގޭތެރޭގަ ވަސް ހިއްޕާލާފަ މިހިރީ... އަޒީމް މި ކުޑަދޮރުތައް ވެސް ހުޅުވާލަބަލަ..." ޒުހާ ގެ ކުޑަދަރިފުޅަށް އޭރު ހޭލެވިއްޖެއެވެ. ދެލޯ ބޮޑު ކޮށްލަމުން އެމަންޖެ ވަށައިގެން ބަލާލިއެވެ.
އަޒީމް ކުޑަދޮރުތައް ހުޅުވާލުމަށްފަހު ކޮޓަރިި ތެރެއަށް ވަނެވެ. މުޅި ކޮޓަރި ވަނީ އެއްކޮށް އަނދިރި ކޮށްފައެވެ. އެނދުގައި އޭރު މަންޝާ އޮށޯވެގެން އޮތެވެ. ބޮލާ އެކީ ރަޖާ އަޅައިގެން މަންޝާ އޮތް ގޮތް ފެނުމުން އަޒީމް މަންޝާއަށް ގޮވާލިއެވެ. "މަން... އެބަހުރި ޒުހާ އައިސް.. ހިނގާބަލަ ބޭރަށް.. ކުޑަ މީހާ ވެސް ގޮވައިގެން އައިސް ހުރީ... ޒުހާމެން އެ އުޅެނީ މެލޭއަށް ފުރަން.. ދެން ނޭނގެ ކޮން ދުވަހަކުން ކަމެއް ދިމާވާނީކީ ވެސް.. އާދެ ބަލަ..."
"ނޫން އަޒީމް.. އަހަރެން މިއުޅެނީ ވަރަށް ބޮޑަށް ބޮލުގަ ރިއްސާތީ.. ޕްލީސް.. އަހަރެންނަށް ނުތެދުވެވޭނެ... އަހަރެން ބާއްވާލަދީ..." މަންޝާގެ އަޑުން ފާޅުވަމުން ދިޔައީ ބަލިކަމެވެ. އެހެންކަމުން އަޒީމް ޒުހާއަށް ގޮވާލިއެވެ. ބޭރުގައި ހުރި ސޯފާގައި ދަބަސް ބަހައްޓާފަ ކޮޓަރިއަށް ވަންނަން ޒުހާ ހިނގައިގަތެވެ.
ކޮޓަރި ދޮރާހަމައަށް އަރަމުން ޒުހާ ވާހަކަ ދެއްކިއެވެ. "މަންޝާ... އަހަރެންނަށް ކުރިން ދުވަހު ދެވުނީ ހަދިޔާ ދަޅުތައް ވެސް ބަހައްޓާފަ ދޯ... އަނެއްކޮޅުން މި އުޅެނީ ފުރަން.. މަންޝާ ފޯނަށް ގުޅިއަސް ފޯނު ނަގާ ނަމައެއްނު..." ޒުހާ ވާހަކަ ދައްކަމުން އައިސް ކޮޓަރިތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާ އެކީ ތުއްތު ޒަފްރީން ބާރުބާރަށް ރޯން ފެށިއެވެ. ހީވަނީ އެ ތުއްތު ހަށިގަނޑަށް އަނިޔާއެއްވީ ހެއްނެވެ.
"އެ މަންޖެއަށް ކިހިނެއްވީ؟..." ޒުހާ ގާތަށް އަޒީމް ގާތްވެލިއެވެ.
"ނޭނގެ.. ހަމަ އެހެން އޮވެފަ... ކުއްލިއަކަށް.. ހޫންހުން ހޫންހުން... ހުއްޓާލަ... ނާނަނާނަ..." ޒަފްރީން މަސަލަސް ކުރަމުން ޒުހާ ސިޓިންގް ރޫމަށް ނިކުތީ މަންޝާއަށް އުނދަގޫ ވެދާނެތީއެވެ. އަޒީމްވެސް ޒުހާއާ އެކީ ބޭރަށް ނިކުތެވެ.
"މަންޝާ އެއޮތީ ވަރަށް ބޮޑަށް ބޮލުގަ ރިއްސާތީއޯ... ކިހިނެއްތަ ވީ ހާދަވަރަަށް އެރޮވެނީ..." ޒަފްރީނާ ގާތްވެލަމުން އަޒީމް ވާހަކަ ދެއްކިއެވެ.
"ނޭނގެ... ބަނޑުހައި ވީ ކަންނޭނގެ... އަޅެ ހުއްޓާ ވެސް ނުލި... މަންޝާ ވެސް ބަލި ދޯ.. ދެން އަހަރެން ގެއަށް ދާނީ... އެކަމަކު ފުރުމުގެ ކުރިިން މަންޝާއަށް ގުޅާނަން... އަޒީމް... މި ގޭގަ ހުންނާނެ ހަދިޔާ ކޮތަޅެއް އެ ހިފައިގެން އާދެބަލަ... އަހަރެން މި ނިކުންނަނީ ބޭރަށް ޓެކްސީއެއް ހޯދަން..." ކުޑަ ދަރިފުޅު ލާފަ އޮތް ފޮތިގަނޑު ރީތި ކޮށްލަމުން ޒުހާ ކޮނޑުގައި ދަބަސް އަޅުވާލިއެވެ. އެވަގުތު އަޒީމަށް އެ ހަދިޔާ ދަޅުތައް ލާފައި ހުރި ކޮތަޅު ފެނުނެވެ. ޒުހާއާ އެކީ އަޒީމް ތިރިއަށް ފޭބީ ޒުހާއަށް ޓެކްސީއެއް ހޯދައި ދޭށާ އެކީގައެވެ.
އެމީހުން ގެއިން ނިކުތުމުން މަންޝާ ގައިމަތީ އަޅާފަ އޮތް ފޮތިގަނޑު ނެގިއެވެ. އޭރު މަންޝާ އޮތީ ދާހިއްލާ ފޯވެފައެވެ. ގައިގެ ހަންގަނޑު ހިރުވިނަމަވެސް ނުކަހާ ހުރެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ކަނދުރާ މަތިން ވަރަށް ބޮޑަށް ހިރުވާތީ މަންޝާ އެދިމާ އަތުން ކަހާލިއެވެ. ޒުހާ އެގެއިން ނިކުތުމުން މަންޝާގެ ހަށިގަނޑަށް ވަމުން ދިޔަ އުނދަގޫތަކަށް ލުޔެއް ލިބުނެވެ.
ޒުހާ ގެއަށް ފޮނުވާލުމަށްފަހު އަޒީމް ގެއަށް އައިސް ވަނެވެ. އޭރު މަންޝާ ހުރީ ބަދިގޭގައި ކާން ހަދާށެވެ. މަންޝާ ތެދުވެ ހުރިތަން ފެނުމުން އަޒީމް ހައިރާންވިއެވެ. މަންޝާ ކާން ހަދަން މޭޒު ކައިރީ ހުރި އިރު އޭނާ ދިޔައީ ރާގަކަށް ލަވައެއް ކިޔަމުންނެވެ.
"ފިނިފިނި ރެއަކައު، ފިނިފިނި ރެއަކައު، ތުރުތުރު މަމި އެޑަނީ،
ތެރިވެތިރާނީ ގެހުނުން މަމިރެއި ހީފަލުވެއި ދޭކެން....."
މަންޝާ ކިޔަމުން ދިޔަ ލަވައަކީ ޒޭބާއާއި އަޒީމާ އެކުގައި ހުރިރެއެއްގައި ޒޭބާ ކިޔައިދިން ލަވައެކެވެ. މަންޝާއަކީ އެހާ ލަވަ ކިޔާ މީހެއް ނޫނެވެ. އެހެންކަމުން އަޒީމަށް އެކަމުން ހައިރާން ވިއެވެ. މަންޝާއާ ގާތްވަމުން އައިސް އޭނާގެ ފަހަތުގައި ހުއްޓިގެން ހުރި އަޒީމްގެ ލޮލުގަ އަޅައިގަތީ މަންޝާގެ އިސްތަށިގަނޑެވެ. މަންޝާގެ އިސްތަށިގަނޑަކީ ފަން އިސްތަށިގަނޑެކެވެ. ނަމަވެސް އެ އިސްތަށިގަނޑުގައި ހުރީ ކުދި ބުޅިކަމެެވެ. އަޒީމްގެ ގައިން ހީބިހި ނެގިއެވެ. ކުއްލިއަކަށް ޒޭބާ މަތިން ހަނދާން ވުމުންނެވެ.
ކުރިއަށް ފިޔަވަޅު އަޅަމުން ދިޔައިރު އޭނާ ހުރީ މަންޝާއަށް ގޮވާލަން ވެސް ނުކެރިފައެވެ. ހާވާލާފައިވާ އިސްތަށިގަނޑު އެއްފަރާތަކަށް ގެނެސް މަންޝާގެ ކުރިމައްޗަށް އިސްތަށިގަނޑު ވައްޓާލިއެވެ. އޭރުވެސް އެލަވައިގެ ރާގުގަނޑު އަޅުވާލައިގެން ހުރެ މަންޝާ ދިޔައީ ހޫންހޫން ލައްވަމުންނެވެ. އަޒީމަށް ފެނުނު މަންޒަރުން ދެ ފިޔަވަޅު ފަހަތަށް އެޅުނެވެ. މަންޝާގެ ކަނދުރާމަތިން އަޒީމަށް ބޮޑު ލަކުނެއް ފެނުނެވެ.
"ޒެ.. ޒޭބާ..." އަޒީމަށް އެހެން ބުނެވުނީ ބޭއިޚްތިޔާރުގައެވެ.
މަންޝާ އަޒީމާ ކުރިމަތިލާން އެނބުރުނެވެ. އެއީ ޒޭބާއެއް ނޫނެވެ. އެއީ މަންޝާކަން އަޒީމަށް ޔަގީން ވިއެވެ. "މަންޝާ ކަަރަށް ކިހިނެއްވީ؟... ހާދަ ރަތްވެފަ މިހުރީ..." ކަރުދަށުގައި އަޒީމަށް ލަފެއްހެން ފެނުނުތަން ހުރީ ރަތްކޮށެވެ. މަންޝާއާ ގާތްވެލަމުން އަޒީމް ވާހަކަ ދެއްކިއެވެ.
"އާން އެއީ ދެންމެ އެތަން ކަހާލާފަ... އާދޭ ކާން... ވަރަށް ބަނޑުހައި ވެފަ ދޯ ތިހުރީ..." އަޒީމް އިށީންނަން ގޮނޑި ދަމާލަމުން މަންޝާއާ ވާހަކަ ދެއްކިއެވެ.
"މިހާރު ބޮލުގަ ނުރިއްސާތަ؟.. މަންޝާ ވެސް އާދޭ ކާން..." ގޮނޑީގައި އިށީންނަމުން މޭޒުމަތީ ހުރި ތަށިތަކަށް ބަލާލަމުން އަޒީމް ވާހަކަ ދެއްކިއެވެ.
"ބޮލުގަ ރިއްސާ... އަހަރެން ދެންމެ ކައިފިން... އަޒީމް ކައިގެން އާދޭ އެތެރެއަށް..." މަންޝާ މިހެން ބުނެ ކޮޓަރި ތެރެއަށް ދާން ހިނގައިގަތެވެ.
ކައި ނިމިގެން އަޒީމް ފެން ބޮއިގެން އައިސްއަލަމާރިއަށް ފެންފުޅިލާން އަލަމާރި ހުޅުވާލިއެވެ. ކާން މޭޒުމައްޗަށް ނަގާފަ ހުރި ރެހި މަދުކަމުން އަޒީމް ބަދިގެ ތެރެއަށް ބަލާލިއެވެ. އައިސްއަލަމާރި ގަނޑުކުރާ ބައި ހުޅުވާލިއިރު އޭނަ އަލަމާރިތެރޭ ބެެހެއްޓި ރެހި ކޮތަލު ނެތުމުން ހިތުގައި ސުވާލެއް އުފެދުނެވެ. ޑަސްބިން ހުޅުވާލީ އަނެއްކާ މަންޝާ އެ ރެހި ކޮތަޅު ޑަސްބިނަށް ލީތޯ ޔަގީން ކުރާށެވެ. ޑަސްބިންގަ ނެތުމުން އަޒީމް ކޮޓަރިއަށް ވަނީ މަންޝާއާ އެވާހަކަ ދައްކާށެވެ.
"އައިސްއަލަމާރިގަ އިން ރެހި ކޮތަޅު ކޮބާ؟..." އަޒީމް ލައިގެން ހުރި ގަމީސް ބާލާފަ ހެދުން އަޅުވާ ތަނުގައި ގަމީސް އަޅުވާލަމުން މަންޝާއާ ވާހަކަ ދެއްކިއެވެ.
"ރެހި މަދުހެން ހީވީމަ އެބައިވެސް ނެގީ.. އަހަރެން އެބައި ކާލީ.. ލޮނުމިރުސް ނުލާ ހުންނައިރު އަހަންނަށް ވަރަށް މީރު... އަޒީމަށް ބެހެއްޓި ރެހިކޮޅު މަދުވީތަ... އަހަންނަށް ރެހި ވަރަށް މީރު..." އެނދުގައި އޮވެ މަންޝާ ވާހަކަ ދެއްކީ އަޒީމާ ދިމާއަށް އަތުން ހަނާ އަޅަމުން އޭނަ ކައިރިއަށް އައުމަށް އިޝާރާތް ކުރަމުންނެވެ. އަޒީމް އައިސް މަންޝާގެ މަގަތުގައި އޮށޯތެވެ. މަންޝާ އޮތީ އަޒީމަށް ފުރަގަސްދީގެންނެވެ. ފަހަތުން މަންޝާގެ ހަށިގަނޑުގައި އަތް ވަށާލަމުން މަންޝާގެ ބަނޑުގައި އަޒީމް ފިރުމާލިއެވެ. "ކޮން އިރަކު ޑޮކްޓަރަށް ދައްކަނީ؟... ރަށުން އައިފަހުން އަދި ޑޮކްޓަރަކަށް ނުދައްކަމެއްނު...."
"އާން.. އެކޮޅުން އެއްމަސް ދުވަހު ބޭސް ދީފަ ހުރީ... ދެން ދައްކަން ޖެހޭ ދުވަހު ދާން ޖެހޭނީ ޓެސްޓުތަކެއް ހަދައިގެން.... ސޯ މަސް ދުވަސް ވާން ކައިރިވީމަނުން އެކަމާ އުޅޭނީ.. ދެން ހިނގާ ނިދަން... އިރުއޮއްސޭ އިރަށް ހޭލަންވެސް ޖެހެއެއްނު..." މަންޝާގެ ބަނޑުމަތީގައި ބާއްވާލާފައި އޮތް އަޒީމްގެ އަތުގައި ފިރުމާލަމުން މަންޝާ ވާހަކަ ދެއްކިއެވެ.
*** *** *** *** *** ***
ރުޅިއައިސް ރަތްވެފައި ހުރި ޒިބާނަށް ގޭގެ ދޮރާ ދިމާއަށް ބަލާލެވުނީ ސަކޭރާ ގެއަށް ވަތްތަން ފެނުމުންނެވެ. "ކޮބާތަ ބައްޕަ؟.. މިހާރު އެއޮއް އިރުއޮއްސުނީ... ތިންވަނަ ދުވަސް ހަމަވީ... އަހަރެން މިނިވަން ކޮށްދޭން އަންނާކަށް ނުވޭތަ؟..." ޒިބާންގެ އަޑުގައި ރުޅިވެރިކަމެއް އެކުލެވިފައިވާކަން ސަކޭރާއަށް އެނގެއެވެ. އެހެންކަމުން އޭނާ މަސައްކަތް ކުރީ ޒިބާން ހަމައަކަށް އަޅުވާށެވެ.
"ޒިބާން.. ހަމަޖެހިބަލަ.. ބައްޕަ އަންނާނެ... ދެން މާ ގިިނަ އިރެއް ނުވެ މަންޝާ ކައިރިއަށް ދެވޭނެ..." ސަކޭރާގެ ވާހަކަތަކުން ޒިބާންގެ ރުޅި ގަދަވިއެވެ. އޭނާގެ ހުދު އިސްތަށިގަނޑުގެ ތެރެއަށް އަތް ކޮށްޕާލަމުން ވާހަކަ ދެއްކިއެވެ.
"މަށަކަށް ނޭނގެ... އަދި ކިހާ އިރެއް ވާނެތަ؟.. އަހަންނަކަށް ކެތެއް ނުކުރެވޭނެ... މަންޝާއަށް ވާ ކޮންމެ އުނދަގުލެއް އަހަންނަށް އެބަ އިހްސާސްވޭ... ބޮޑު ދައިތަ ދޭބަލަ ބައްޕަ ބަލާ... މި ތަޒްކިޔާ ދެކެ އަހަރެންވަރަށް ފޫހިވޭ..." ޒިބާން އެ ރުޅިގަނޑުގައި ހުރެ ވާހަކަ ދައްކަމުން ދިޔަ ވަގުތު އެގެއަށް ތަޒްކިޔާ ވަނުމުން ޒިބާން ތަޒްކިޔާއާ ދިމާއަށް ބަލާލި އަނގުރު އަލިފާން ބުރަމުން ދިޔަ ރަތް ލޮލުންނެވެ.
ޒިބާންގެ ރުޅިވެރި މޫނު ފެނި ތަޒްކިޔާ ދޮރު ކައިރީ މަޑުކޮށްލިއެވެ. "ތަޒްކިޔާ ދޮގެއް ނުހަދާނެ... ޒިބާން މިއަދު ބިމަށް ފޭބީމަ އެކަން ކަށަވަރުވާނެ.. ތަޒްކިޔާ ދެއްކި ވާހަކަ ގަބޫލުކުރަން..." ތަޒްކިޔާގެ މިލާފައިވާ މޫނު ފެނުމުން ތަޒްކިޔާ ދިފާއުކޮށް ސަކޭރާ ވާހަކަ ދެއްކިއެވެ.
"ތީ ހިވާ ހީވުމެއް... ބަލަ ތަޒްކިޔާ އަހަންނާ އަޅައިގަނެގެން އުޅޭއިރު އޭނާ ބޭނުންވާނެތަ އަހަރެން އެހެން މީހަކާ ގުޅެން.. އެއީ ތަޒްކީ ކުޅުނު މޮޅު ޑްރާމާއެއް.. އޭރުން ދޯ އަހަރެން މަންޝާ ދޫކޮށްފަ ތަޒްކީއާ ކައިވެނި ކުރާނީ... ހަހަހަ... ސަތޭކަ ޕަސެންޓް ޔަގީންކަން މިދެނީ މަންޝާ އަހަންނަށް ބޭވަފާތެރިއެއް ނުވާނެ..." ޒިބާން އޭނާގެ މޭމަތީ ޖަހާލަމުން އެހެން ބުނެލީ ސާބިތުކަމާ އެކީގައެވެ.
"ތިހާ ޔަގީންކަން އޮވެއްޖިއްޔާ މަދައްކާ ވާހަކަވެސް ކަނުލާ އަޑުއަހާ... ތަޒްކިޔާ އެހެދީ ތެދުކަމަށް ވެއްޖިއްޔާ... ޒިބާން ކައިވެނި ކުރަން ޖެހޭނީ ތަޒްކިޔާއާ... އަަހަރެންނަށް ތަޒްކިޔާއަކީ ކިހާވަރެއްގެ ކުއްޖެއްކަން އެނގިގެން މިހެން މި ބުނަނީ... ޒިބާނަށް ތި މަންޝާއެއް އެނގިގެން މާގިނަ ދުވަހެއް ވީކީ ނޫން.. އެވަރުން މީހުންގެ ގޮތް ކިޔަން އެނގޭތަ..." ދޮރު ކުރިމަތިން އިވުނު އަޑަށް އެންމެން ދޮރާ ދިމާއަށް ބަލާލިއެވެ. ދޮރު މަތީ ހުދު ފޭއްޔެއްގައި ހުރި ސައިބްރޯތުގެ ލޮލުން ވެސް ފާޅުވަމުން ދިޔައީ ރުޅިވެރި ކަމެވެ.
ޒިބާން އިސްޖަހާލިއެވެ. ބައްޕަ ކުރިމަތީގައި ހަރުކަށިކޮށް ވާހަކަ ދައްކާކަށް ޒިބާން ބޭނުމެއް ނޫނެވެ. ނަމަވެސް ވަށްކަޅިން އޭނާ ބަލާލީ ތަޒްކިޔާއާ ދިމާއަށެވެ. ތަޒްކިޔާގެ މޫނުމަތިން ފާޅުވީ ހައިރާން ކަމެވެ. ސައިބްރޯތު އެބުނީ ހާދަ ބޮޑު އެއްޗެކެވެ. ތަޒްކިޔާއަށް އޭނާ ހެދީ ތެދުކަން ޔަގީނެވެ. އޭނަ ހެދީ ތެދުކަން ސާބިތުކުރަން ތަޒްކިޔާ ބޭނުން ވިއެވެ. ނަމަވެސް މިކަމުގެ ސަބަބުން ޒިބާނަށް އެފަދަ މަޖުބޫރު ކަމެއް މެދުވެރިވެގެން އޭނައާ ކައިވެނިކުރާކަށް ތަޒްކިޔާއެއް ނޭދެއެވެ.
"ތި މަންޝާއަކީީ ތިހާ ވަފާތެރި މީހަކަށް ވީ އިރު ކައިވެންޏެއް ކޮށްގެން ހުރެ އޭނާގެ ފިރިމީހާއަށް ބޭވަފާތެރިވީކަން ޒިބާން ހަނދާން ނެތުނީތަ؟... އެހެންވީއިރު ޒިބާނަށް ބޭވަފާތެރިވާން އޭނަ ފަސްޖެހޭނެތަ؟... އެވަރުގެ އަންހެނަކާ ހެދި މޮޔަވާތީ އަހަރެން އަޖައިބުވަން... މަންޝާގެ ފަރާތުން ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެ.. އޭނާ ކިހިނެއް އަހަރެމެންގެ ތެރޭގައި އައިސް އުޅޭނީ... މީ ދެނަސްލެއްގެ ބައެއްކަން ޒިބާނަށް އިނގެއެއްނު..."
ސައިބްރޯތު ގޭތެރެއަށް ވަދެ ބިއްލޫރި މޭޒު ކައިރިއަށް ހުއްޓުނެވެ. އޭރު ޒިބާން ހުރީ މަންޝާއަށް ދޭން ތައްޔާރު ކުރި ބޭސްފުޅި ހިފައިގެންނެވެ. ޒިބާންގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. އޭނާގެ އާއިލާގެ ފަރާތުން ޒިބާންގެ ލޯތްބަށް އެއްބާރުލުމެއް ނުލިބޭނެކަން އެނގުނެވެ.
"ބައްޕާ... އަހަރެންނަށް އެނގޭހާ ވެސް އެއްޗަކީ މަންޝާ އަހަރެން ދެކެ ވަނީ ހަގީގީ ލޯބިކަން... އަހަރެންގެ ހަގީގަތް އެނގި ހުރެ އޭނަ އަހަރެން ދެކެ ލޯބިވީ... މިކަމުން އެނގެނީ އޭނަ އެހެން އިންސާނުންނާ ތަފާތުކަން... އަހަރެންގެ ދަރިފުޅަށްޓަކައި ބައްޕަ މިކަމާ ގަބޫލުވޭ... މަންޝާއާ ނުލާ އަހަންނަކަށް ނޫޅެވޭނެ... ބައްޕަ ބުނި ގޮތަށް ތިން ދުވަހު މި ހުރީނު.. ދެން އަހަރެން މަންޝާ ކައިރިއަށް ދާން ހުއްދަދީ..." ޒިބާންގެ ހިތުގައި އުތުރި އަރަމުން ދިޔަ އިހްސާސްތައް ހިފެހެއްޓޭ ގޮތެއް ނުވިއެވެ.
"އަހަންނަކީ އެއް އިރަކުވެސް ދޮގު ހަދާ މީހެއް ނޫން.. ޒިބާން ފޮނުވާނަން.. އެކަމަކު ދެވޭނީ ތަޒްކިޔާ އާ ކައިވެނި ކުރާ މަތިން... އަހަރެމެންގެ އާއިލާއަށް މި ކަހަލަ ކަންކަމުން ލިބޭނެ ގެއްލުން ޒިބާނަށް އަދި ނޭނގެނީ... އެ މީހުންނަށް އަހަރެމެން އަންދާލެވޭނެ.. އަބަދަކު މަންޝާއާ އެކީ ތިހެން ނޫޅެވޭނެ... އިންސާނުންގެ ބާރު ދައްކާ ދުވަސް އަންނާނެ..." ސައިބްރޯތު ބޭނުންވީ ޒިބާނަށް އެކަމުގެ ގެއްލުމާއި ޖިންނީންގެ ނަސްލަށް ވެދާނެ ގެއްލުން ބުނެދޭށެވެ.
"ބޭބޭ... ތިހެން ނުހަދާ... އަހަރެން ބޭނުމެއް ނޫން ޒިބާންގެ ނުރުހުމުގަ މިކައިވެނި ކުރާކަށް... ޒިބާން ލޯބި ވަނީ މަންޝާ ދެކެ ކަމަށްވަންޏާ އަހަރެންނާ ކައިވެނިކޮށްގެން ޒިބާނަށް އުފަލުގަ އުޅޭވޭނެތަ؟... ނުވިތާކަށް އަހަންނަށް ވެސް އެކަމުން ހިތްހަމަޖެހުމެއް ނުލިބޭނެ... ޒިބާން މަންޝާ ދެކެ ވާ ލޯތްބަށް އަހަަރެން އިޚްތިރާމް ކުރަން... އޭނަ ވަނީ ތެދުވެރި ލޯތްބެއް..." ޒިބާންގެ ދިފާއުގައި ރައްދުގައި ސައިބްރޯތާ މުޚާތަބުކޮށް ވާހަކަ ދެއްކީ ތަޒްކިޔާއެވެ. ތަޒްކިޔާގެ މިއަމަލުން ޒިބާނަށް ހައިރާންކަމެއް ލިބުނެވެ. ޒިބާނާއި މަންޝާގެ މި ގުޅުމަށް އެއްބަސްވެ އޭނާގެ ދިފާއުގައި ތަޒްކިޔާ ވާހަކަ ދެއްކުމުންނެވެ. ޒިބާންގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔަތަން ސަކޭރާއަށް ފެނުނެވެ.
"ތަޒްކީ... އެކަމަކު ދަރިފުޅު ޒިބާން ދެކެ ލޯބިވާކަން ދައްތައަށް އެނގޭ... ތަޒްކީގެ ލޯބި ތި ގުރުބާން ކުރަނީ ކީއްވެ؟..." ސަކޭރާ ބޭނުންވީ ތަޒްކިޔާގެ ނިޔަތް އެންމެންގެ ތެރޭ ހާމަ ކުރާށެވެ. ތަޒްކިޔާ އަކީ ސަކޭރާ ބުނި ފަދަ ރަނގަޅު ކުއްޖެއް ކަން ޒިބާނަށް ސާބިތުކޮށް ދޭން އޭނާ ބޭނުންވިއެވެ.
"އެކަމަކުވެސް ވަރިހަމަ... މީ އަހަރެންގެ އެންމެ ފަހުގެ ނިންމުން... ޒިބާނާ އެކީގަ މިކަމުގައި އެހީވާން އަހަރެން އެންމެ ގާތުގަ ހުންނާނަން..." ތަޒްކީޔާ މިހެން ބުނި އިރު ޒިބާން ހުރީ ކަޅި ޖަހާނުލާ ތަޒްކިޔާއާ ދިމާއަށް ބަލާށެވެ.
*** *** *** *** *** ***
ނިދިފައި އޮތް ރިޔާޒަށް ހޭލެވުނީ އޭނާގެ ފޯނު ރިންގް ވާތީއެވެ. އޮފީހުން އައި ގޮތަށް ހެދުން ވެސް ބަދަލުނުކޮށް ރިޔާޒަށް މީރާ ކައިރީ އެހެންއޮވެ ނިދުނީއެވެ.
"ހަލޯ... ރިޔާޒް... ދިހަ ދުވަހުގެ ޗުއްޓީ އިނީ ހަމަޖެހިފަ... އެވާހަކަ ބުނެލަން މިގުޅީ... ކުރިންވެސް ގުޅިން.... ފޯނު ނުނަގާތީ ލަސްކޮށްލާފަ އަނެއްކާ މިގުޅީ..." އެޗްއާރުގައި މަސައްކަތްކުރާ އަންހެން މުވައްޒަފަކު ވާހަކަ ދެއްކިއެވެ. ޗުއްޓީ އެހާ އަވަހަށް ހަމަޖައްސައި ދިނީތީ ޝުކުރު އަދާކުރުމަށްފަހު ރިޔާޒް ފޯނު ބޭއްވިއެވެ.
ފޯނު ބޭއްވުމަށްފަހު ރިޔާޒް މީރާއާ ދިމާއަށް ބަލާލިއެވެ. އެވަގުތު މީރާ ލޯ ހުޅުވާލިއެވެ. މީރާގެ ނިތްކުރީގައި ރިޔާޒް އަތް ޖައްސާލީ ހުންއައިސްފައި ހުރިތޯ ބަލާށެވެ. "ވަރަށް ކުޑަކޮށް ހުން އެބަހުރި ދޯ... ދާންވީނު ފެންވަރާލަން... ދެމީހުން އެކީ ތަނަކަށް ކާން ދާނީ.. މީރާގެ ފޭވަރިޓް ރެސްޓޯރަންޓަށް ދާނީ... ދޭ އަވަހަށް ރީތި ވާން..."
މީރާ އެނދުން ތެދުވެ ފާޚާނާއަށް ވަނީ ގައިދޮވެލާށެވެ. ރިޔާޒް ތެދުވެ އޭނާ ލައިގެން ހުރި ގަމީހުގެ ގޮށްތައް ނައްޓާލިއެވެ. އަލަމާރިން ހުސް ކޮނޑެއް ނަގާ އެ ކޮނޑުގައި ގަމީސް އަޅުވާލިއެވެ. އަލަމާރި ތެރެއިން ޓީޝާޓެއް ނަގާ ގަޔަށް މަހާލި ވަގުތު ކޮޓަރި ދޮރުގައި މީހަކު ޓަކި ޖަހާލި އަޑު އިވުނެވެ. ރިޔާޒް ދޮރު ހުޅުވާލީ ގަޔަށް މަހާލި ޓީޝާޓް ތިރިކޮށްލަމުންނެވެ. ދޮރުމަތީ ހުއްޓިގެން ހުރި އާމިނައާ ދިމާއަށް ބަލާލަމުން ރިޔާޒް ވާހަކަ ދެއްކިއެވެ. "ކީކޭ މަންމާ... ކިހިނެއްވީ..."
"ކިހިނެއްވީހޭ... ކީއްކުރަން އެ ފޮތްތައް މިގެއަށް ވެއްދީ... އެއީ ކާކު ދިން އެއްޗެއްތަ... އަނެއްކާވެސް އެއްކަލަ ކުޅިގަނޑު ފައްޓަން ދޯ އެ އުޅެނީ... އަހަރެންގެ ހިތުން އެދުވަހުގެ ބިރުވެރިކަން ފިލައިގެން ނުދޭ...." އާމިނައަށް އެހިސާބަށް ވާހަކަ ދެއްކުނު އިރު ރޮވެން ފަށައިފިއެވެ.
ރިޔާޒްގެ މަންމައަށް ވަމުން ދިޔަ ގޮތްތައް ފެނި ޖެހިލުން ވިއެވެ. އާމިނަ އެބުނި ދުވަހަކީ ރިޔާޒަށް ވެސް ހިތުން ފޮހެލަން އުނދަގޫ ދުވަހެކެވެ. ކޮޓަރިން ނިކުމެ ކޮޓަރީގެ ދޮރު ލައްޕާލަމުން ރިޔާޒް އޭނާގެ މަންމައާ ވާހަކަ ދެއްކިއެވެ.
(ނުނިމޭ)