ވިސްނުމެއްގައި ހުރެ މަންޝާ ވެސް ނިކުތީ ބަދިގެއަށް ދާށެވެ. ރޭގަ ހިނގާދިޔަ ކަންތަކާ މެދު މުނީރައްތަ ވިސްނާނެ ވަރު އޭނާގެ ހިތަށް އެރުމުން އެކަމާ ވަރަށް ދެރަވިއެވެ.
އީމާން ބަދިގެއަށް ވަނީ ފެން ފޮދެއް ބޯށެވެ. ފެން ބޮއިގެން އީމާން ފެންޑާތެރެއަށް ދިޔައީ މަންޝާ ކައިރިން ލާފައެވެ. ބަދިގެތެރޭގައި އަވަދިނެތި މަދީހާ މަސައްކަތް ކުރަން ހުރިތަން ފެނުމުން މަންޝާ އޭނާގެ މަންމައަށް އެހީވާން ގާތްވިއެވެ. "ނޫން ދަރިފުޅާ.. ތި ބަހައްޓާ... މަންމަ ކޮށްފާނަން... ދަރިފުޅު ދޭ ކޮަޓަރިއަށް..." މަދީހާ ވާހަކަ ދައްކަ ދައްކަ ހުއްޓާ އައިސް ފިލުވަން ނަގާފަ ހުރި ރޯ މަސް ކޮތަޅު ނަގައިގެން ބޭރު އަށި ކައިރިއަށް މަންޝާ ނިކުތީ މަސް ކޮށާށެވެ.
"މަންމާ ކޯއްޗެއް ހަދަންތަ ތިއުޅެނީ.. ކިހިނެއް މަސް ކޮށަންވީ؟..." މަދީހާއަށް ގޮވާލަމުން މަންޝާ އަހާލީ މަސްކޮށަން ވަޅި ނަގަމުންނެވެ.
"ކުޅި މަސްހަދަން ކުދިކޮށް މަސްތައް ކޮށާލާ... ދަރިފުޅަށް ތިކަން ކުރެވޭތަ؟... ގިނަ މީހުން ބަނޑުބޮޑުއިރު މަހުން ނުބައިވަސް ދުވާތީ އުޅޭނީ..." ބަދިގެއިން ބޭރަށް މަދީހާ ނިކުތީ ބޯ ތައްޓެއް ހިފައިގެންނެވެ. މަންޝާ ކައިރީ އެތަށި ބެހެއްޓުމަށްފަހު އެއަށް މަސްތައް އަޅާށޭ ބުނެ މަދީހާ އަނެއްކާވެސް ވަނީ ބަދިގެ ތެރެއަށެވެ. އުނދުން މައްޗަށް އުދާފަ ހުރި ކިރުގަރުދިޔަ ތެލި ބާލާށެވެ.
މަސްކަނޑަމުން ދިޔައިރު މަންޝާއަށް އޭނާގެ މަންމަ އެބުނި ކަހަލަ ކަމެއް ފާހަގައެއް ނުވިއެވެ. ކުދިކޮށް މަސްތައް ކޮށާ ނިންމާލުމަށްފަހު ފެންފޮދަކުން އަތް ދޮވެލައިގެން ތެދުވެ އެތަށި އޭނާގެ މަންމައާ ހަވާލުކޮށްލިއެވެ. އަދި އަތް ދޮވެގެން އެބަ އަންނަމޭ ބުނެ މަންޝާ ނިކުތީ ބޭރު ވަޅު ކައިރިއަށެވެ. މޫނު މައްޗަށް ވެއްޓިފައި ހުރި އިސްތަށިތައް އަތުގެ ނުފުށުން އެއްކައިރިއަށް ޖައްސަން މަސައްކަތް ކޮށްލި ވަގުތު އޭނާގެ އަތުންމަސް ވަސް ދުވިއެވެ. މަންޝާގެ ނޭފަތް އެތެރެއަށް ފުންކޮށް ދަމާލީ އެ ދުވި ވަހުން މަންޝާއަށް ހިތްހަމަޖެހުމެއް ލިބުމުންނެވެ. އެހެންވެ މަންޝާ އަތް ސައިބޯނިލައިގެން ދޮންނަ ހިޔާލެއް ނުކުރިއެވެ. އަނބުރާ ބަދިގެއަށް ވަނެވެ. ދޭތެރެއަކުން އަތުން ވަސްބަލާލަ ބަލާލަ އިނީ ކާމޭޒުގައި ކައިރީ ހުރި ގޮނޑިއެއްގައި އިށީނދެގެންނެވެ.
"މަންމާ.. މުނީރައްތަ މިއަދު އެއްވެސް އެއްޗެއް ނުކައި ދޯ އެއޮތީ... މަންމަ ދޭބަލަ މުނީރައްތައާ ވާހަކަ ދައްކަން..." މަންޝާ ކުއްލިއަކަށް ކަމެއް ހަނދާންވެގެން ބުނާ ފަދައަކުން ވާހަކަ ދެއްކިއެވެ. މޭޒުމަތީ ކޮށާފަ ހުރި ކެރެޓް ކޮޅެއް އަނގަޔަށް ލާ ހަފާލިއެވެ.
"މަންމަ ދެބުރަކަށް ގޮސްފިން... މުނީރާވެސް އަފްނާންވެސް ކޮޓަރިން ނުނިކުމެ އެތިބީ... މަންމައަކަށް ނޭނގެ ހަދާނެ ގޮތެއް...ދަރިފުޅަށް ކެރޭނެތަ އެމީހުންނާ ވާހަަކަދައްކަން ދާން.. މަންމައަކަށް ނޭނގެ ކޮން ވާހަކައެއް ކަމެއް ދައްކާނީކީވެސް... ދެން މިރޭ ފުރަން ދާންވީމަ ވާ ގޮތެއް އެނގިދާނެތާ... ކޮންމެ ގޮތެއްވިޔަސް ދެދުވަސްތެރޭ ސްކޫލުތައްވެސް ހުޅުވޭނެ..." ކުޅިމަސް ހަދަން މަދީހާ ފިޔާ މީރުކުރަންހުރެ ވާހަކަ ދެއްކީ ތެލީ ތެރެއަށް ދޭފަތް ލާ ހަލުވަމުންނެވެ.
މަންޝާ އަތުން ވަސްބަލަބަލާ އިނުމުން މަދީހާ އަހާލިއެވެ. "މަންޝާ އަތުން އަދިވެސް މަސްވަސް ނުފިލަނީތަ؟... އެހެރަ މާމާ ލެމަން އިން ނިކަން އަތް ދޮވެބަލަ... "
މަންޝާ ނޫނެކޭ ބުނަމުން އެ ގޮނޑިން ތެދުވެ ބޭރަށް ނިކުތެވެ. ފެންޑާތެރެއަށް ވަނުމަށް ފައިވާން ބޭލި ވަގުތު މަންޝާ އިސް އުފުލާލީ ކުރިމަތިން މީހަކު ފެނުނުހެން ހީވުމުންނެވެ. އޭރު އަފްނާނުގެ ކޮޓަރިއަށް މުނީރާ ވަންނަނީއެވެ. ކޮޓަރީގެ ދޮރު ލައްޕާ ތަޅުލި އަޑަށް މަންޝާގެ ފިޔަވަޅު އަވަސް ކޮށްލިއެވެ. އެ ކޮޓަރިއާ އަރާ ހަމަވުމުން ދޮރު ކައިރީ މަޑުކޮށްގެން ހުރީ އެތެރެއިން އެމީހުން ދައްކާ ވާހަކަ އަޑު އިވޭތޯއެވެ.
*** *** *** *** *** ***
ކޮޓަރި ތެރެއަށް މުނީރާ ވަދެ ދޮރު ތަޅުލި އަޑަށް އަފްނާން ބޯ ހިއްލާ ބަލާލިއެވެ. މުނީރާ ފެނުމުން އަނބުރާ ބާލީސް ތެރެއަަށް މޫނު އޮބާލިއެވެ. އަފްނާނު އޮތީ ބަނޑުން އެނދުގައި އޮށޯވެގެންނެވެ. ކޮޓަރިން ނުނިކުމެ އެހެން އޮންނަތާ ކޮން އިރެއް ހެއްޔެވެ. މުނީރާ އަތް އުފުލާލީ އަފްނާނުގެ ބުރަކަށީގައި ފިރުމާލާށެވެ. އޭނާގެ އަމިއްލަ ދަރިފުޅާ ދޭތެރޭ އޭނާގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. ނަމަވެސް މުނީރާގެ އަތް ހުއްޓުނެވެ. މުށްކަވާލެވުނެވެ. އިތުރަށް ހަސަނު ދެކެ ރުޅި އަންނަ ގޮތް ވިއެވެ. އަނގައިން ބަހެއް ނުބުނެ ހިނދުކޮޅަކު މުނީރާ ހުރީ އޭނާގެ ލަގޮޮނޑީގައި ރިއްސާތީއެވެ. ދެލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް އޭގެ މަގާމު ދޫކޮށް މުނީރާގެ ކޯތާފަތް ތެތްމަމުން ފޭބީ އެއްވެސް ހިފެހެއްޓުމެއް ނެތިއެވެ.
"އަފޫ...." ކުރަކިވެފައިވާ އަޑަކުން މުނީރާ އޭނަގެ ހުރި ހަމައެކަނި އަންހެން ދަރިއަށް ގޮވާލިއެވެ.
އަފްނާނުގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން ދެންވެސް ވާހަކަ ދައްކަން ފެށީ މުނީރާއެވެ. "އަފޫ.. ކީއްވެ އެވަރުކަމެއް ހިނގި އިރު މަންމަ ކައިރީ ނުބުނީ... މަންމަ ކައިރީ ބުނިނަމަ..." ހިތްވަރުކޮށްފައި ވާހަކަ ދައްކަން މަސައްކަތް ކުރި މުނީރާއަށް ފުރަތަމަވެސް ކުރެވުނީ ޝަކުވާއެކެވެ.
"މަންމަ ހިއެއް ނުކުރަން ބައްޕަ އެއީ އެކަހަލަ މީހެއް ކަމަކަށް... ބައްޕަ އެހާ ނުބައި ވެދާނެ ކަމަކަށް... ދަރިފުޅާ.. ނިކަން މަންމައަށް ކިޔައިދީބަލަ.. ބައްޕަ ކިހިނެއްތަ ހެދީ..." އަފްނާން ދޭނެ ޖަވާބެއްގެ އިންތިޒާރުގައި މުނީރާ އިނީ ހިމޭނުންނެވެ. މަޑުމަޑުން އަފްނާނު އެނދު މަތިން ބޯ ހިއްލާލިއެވެ. އަދި އޭނާގެ މަންމަގެ މޫނަށް ބަލާލިއެވެ
މުނީރާގެ ކޯތާފަތް ތެންމަމުން ފޭބި ކަރުނަތައް އޭނާގެ ދަތްދޮޅި ދަށުން އައިސް އަފްނާން އޮތް ގޮދަޑި މައްޗަށް ތިކި ޖެހެމުން އަަފްނާން އިސް އޮބާލިއެވެ. އަނގައިން ބަހެއް ބޭރުކުރާކަށް އަފްނާނަކަށް ނުކެރުނެވެ. އެއަށް ވުރެ އޭނާ މިހާރުވަނީ ލަދުގަނެ ކުރެވުނު ކަންތަކުން ދެރަވެފައެވެ. އޭނާގެ އަމަލުތަކުން މަންމަގެ ހިތް ކުދިކުދި ކޮށްލެވުނުކަން އަފްނާނަށް ނުވިސްނުނީތީ އޭނާގެ އަމިއްލަ ނަފްސަށް މަލާމާތް ކުރެވުނެވެ.
"ދަރިފުޅު ސައި ވެސް ނުބޮންތަ؟... މަންމަ ސައި ހިފައިގެން މި އަންނަނީ... ނުކައި ތިހެން އޮންނާކަށް ނުވާނެ..." މުނީރާ ވާހަކަ ދެއްކީ ލޯތްބާ އެކުގައެވެ. އަޅައިގެން ހުރި ބުރުގަލުގެ ކަނުން މުނީރާގެ ލޯ ފުހެލިއެވެ. އަފްނާން އަދިވެސް އިނީ ހިމޭނުންނެވެ. އޭނާ ވާހަކަ ދައްކަން ބޭނުން ނުވާ ކަހަލައެވެ. ބައްޕަ އެދުނު ގޮތަށް ދޮގު ހަދަން ބޭނުން ނުވާތީ ހިމޭނުން އިނުމަކީވެސް އެއަށްވުރެ ރަނގަޅު ގޮތެއް ކަން އޭނާއަށް ވިސްނުނެވެ.
ނިއުޅުވާފައިވާ އަފްނާނުގެ އިސްތަށިގަނޑުގައި ފިރުމާލަމުން މުނީރާ އެނދުމަތިން ތެދުވީ ސައި ހަދައިގެން އަފްނާނު ގާތަށް އަންނާށެވެ. ނަމަވެސް އެވަގުތު މުނީރާގެ ފިޔަވަޅު ހުއްޓުނީ އެނދުގެ ހެޑްބޯޑްމަތީ އޮތް ފޯނު ވައިބްރޭޓްވާ އަޑަށެވެ. ފޯނު ނަގާ އޭގެ ސްކްރީނަށް ބަލާލުމަށްފަހު މުނީރާއާ ދިމާއަށް އަފްނާނު ބަލާލި ގޮތުންވެސް އެ ގުޅަނީ ކާކުކަން މުނީރާ ދެނެގަތެވެ. އަފްނާނު އަތުގައި އޮތް ފޯނު ޖަހައިގަތް އިރު މުނީރާގެ ދެލޮލުން އަލިފާން ކަނި ބުރާ ކަހަލައެވެ.
ކަންފަތުގައި ފޯނު ޖައްސައިގެން ބަހެއް ނުބުނެ ހިމޭނުން މުނީރާ ހުރީ ހަސަނު ވާހަކަ ދައްކާތޯއެވެ. "ދަރިފުޅާ... އަފޫ... މަންމަ ކައިރީ ބުނޭ އެއީ ބައްޕަ ކުރިކަމެކޭ... އޭރުން މަންމަ ދަރިފުޅުދެކެ ރުޅިއެއް ނާންނާނެ... މަންމަ ކޮބާ؟... މަންމައާ ވާހަކަ ދައްކައިފިންތަ؟... ރަނގަޅަށް ކޮއްކޮމެންނަށް ބަލާތި... ބައްޕަ ގެއަށް ލާރި ވެސް ފޮނުވާނަން... އަފޫއަށް ގުޅާނަން... އަފޫ...އަފޫ...." ހަސަނު ދައްކަމުން ދިޔަ ވާހަކަތައް އަޑު އަހަން ހުރި މުނީރާގެ ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލައެވެ.
އަފްނާނާ ދިމާއަށް ކަޅިޖަހާނުލާ ބަލަން ހުރެވުނީ އެލިބުނު ޚަބަރުން ބުނާނެ އެއްޗެއް ނޭނގުނީމައެވެ. މުޅި ކޮޓަރިތެރެއަށް ވަށައިގެން މުނީރާ ކަޅި ހިންގާލީ ކޮޓަރީގައި ވާ ސާމާނުތައް އެނބުރޭހެން ހީވާތީއެވެ. އެނދު ކައިރިއަށް މުނީރާގެ ފޫ ތިރިކޮށްލުމަށްފަހު ފޯނަށް ޖަވާބުދޭން އަނގަ ހުޅުވާލީ އެނދުމަތީގައި އަތް ވިއްދާލަމުންނެވެ.
"ކަލޭގެ ލަދާ ހަޔާތާ ކޮބާ؟... މީގެ ފަހުން މި ކުއްޖާއަށް ކަލޭ ގުޅައިގެން ނުވާނެ... ދެ ބަފައިން ތަތްތެޅިގެން މަގޭ ލޮލުގަ އަނދުން އަޅުވާފަ ގަތްގަނޑު ނިކަން ދެކެބަލަ... އަފްނާނު ތަރުބިއްޔަތު ކުރުމުގަ އަހަރެންގެ ފަރާތުން އެއްވެސް އުނިކަމެއް ހުރިކަމަކަށް އަހަރެން ގަބޫލެއް ނުކުރަންް... ބަލަ ކަލޭގެ ހިއްސުތަކާ ބުއްދިއާ ހުރީ ސަލާމަތުން ނޫންތަ... ކަލޭ އަމިއްލަ ދަރި ގަޔަށް އަރާ އިރު ކަލޭ އެހެން އަންހެނެއްގެ ގަޔަށް ނާރާ ހުންނާނެ ކަމަކަށް މަ ގަބޫލެއް ނުކުރަން... ކަލޭ އެރޭ ދިމާކުރީ މަންޝާގެ ކޮޓަރިއަށް ވަންނާކަށްނު.. އަހަރެން ގޮސް ފުރަތަމަ ބެލީ އެތަން... އެރޭ އަފްނާނު ކޮޓަރި ބަލާކަށް ހިތަކުވެސް ނެތް.. އެކަމު ކޮޓަރި ތެރެއިން އިވެމުން ދިޔަ އަޑުން ނުބަލާ ކެތްނުކުރެވުނީ.. ބުނެއެއްނު ވަގަކަށް ހާސް ދުވަހޭ ވެރިއަކަށް އެއް ދުވަހޭ.. މިއަދު މީ މަގޭ ދުވަސް... ކަލޭމެންގެ ތިކުޅިގަނޑު އަދި ހުއްޓައެއް ނުލާނެ.. އެއް ފުޅަށްމަތިން ފުންމާލި ބަކަރި އަނެއް ހަތް ފުޅަށް މަތިން ފުންމާނެ... ނޫނޭ.. މުޅި އުމުރު ދުވަހު ފުންމަ ފުންމަ ހުންނާނީ... ހަބަރު ދާރު މީގެ ފަހުން މި ނަންބަރަށް ކަލޭ ނުގުޅާތި... މަމި ދިނީ އިންޒާރެއް... ހަނދާން ބަހައްޓާތި..." ހިތުގައި އުތުރި އަރަމުން ދިޔަ ވާހަކަތައް އެއްފުންޏަކަށް ހަސަނާ ދިމާއަށް ގޮވާލުމަށްފަހު މުނީރާ ފޯނު ކަނޑާލިއެވެ. އަދި ދެލޯ އަޅާލަމުން އަފްނާނާ ދިމާއަށް ބަލާލީ ރުޅިވެރި ނަޒަރަކުންނެވެ.
އިސްއުފުލާލަމުން މުނީރާއާ ދިމާއަށް އަފްނާނު ބަލާލީ ކުށްވެރިޔަކު ފަދައިންނެވެ. އޭނާގެ މަންމައަށް ހުރިހާ ކަމެއް ފަޅާ އަރައިފިކަން އެނގިއްޖެއެވެ. އަފްނާނަށް ކުރެވުނު ކުށުގެ އަދަބު ލިބިގަނެގެން ވިޔަސް މަންމަގެ މައާފް ހޯދަން އޭނަ ބޭނުން ވިއެވެ. ހިތްވަރުކޮށްފައި އަފްނާނު ފުރަތަމަ ފަހަރަށް ވާހަކަ ދައްކަން އަނގަ ހުޅުވާލިއެވެ.
"މަންމާ.. އަޅުގަނޑަށް މާފް...." އަފްނާނުގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް މުނީރާގެ އަތުން ހޫނު އެތިފަހަރެއް އަފްނާނުގެ ކަންކަށި މައްޗަށް އަރުވާލިއެވެ. މުނީރާއާ ދިމާއަށް އަފްނާން ބަލާލީ ކޮލުގައި އެއް އަތުން ފިރުމަމުންނެވެ. "އަމައެއް ހުރިކަން މިއިން ދުވަހަކު ހަނދާންވިތަ؟... އަދި މަންމާއޭ ކިޔައިފިއެއްނު... ހުރޭ ކުޅި ދައްކާލާނަން...." އަފްނާނާ ދިމާއަށް ޝަހާދަތް އިނގިލި މަޅަމުން މުނީރާ ވާހަކަދެއްކީ ދެލޯ ކާއްޓެއްހެން ބޮޑުކޮށްލަމުންނެވެ.
މުނީރާގެ ނަޒަރު ކޮޓަރި ތެރެއަށް ވަށައިގެން ހިންގާލި އެއްޗެއް ހޯދާށެވެ. އަލަމާރި ކައިރީ ހުރި ފިހިގަނޑު ނަގާ އަތަށް ހެޔޮވަރުކޮށްލަމުން އަފްނާނު ކައިރިޔަށް ގޮސް ބަންޑުން އޮތް އަފްނާނުގެ ބުރަކަށީގައި އަޅުވާލިއެވެ. ޖެހުނުލެއް ބާރުކަމުން ފިހިގަނޑުގެ އެލްމިނިއަމް ހޮޅިދަނޑި ދެބުރިއަށް ބިނދުނެވެ. އެ ވަގުތު މަންމާއޭ ކިޔާ އަފްނާނު ރޮއިގަތެވެ.
"ކީއްކުރަން މަށަށް ތިގޮވަނީ... ހަސަނަށް ގޮވާ..." މުނީރާ އައިސްފައި ހުރި ރުޅީގައި ފުލުފުލުން ދެތިން ބުރު އަފްނާނު ގައިގާ އެ ފިހިގަނޑުން ޖެހިއެވެ. އަފްނާނު ގައިން ނަގަމުން ދިޔަ ތޫނު ތަދަށް ކެތް ނުކުރެވިގެން ބާރަށް ރޮއި ހަޅޭއްލަވަމުން ދިޔައެވެ. މުނީރާ އައިސްފައިވާ ރުޅީގެ ވަރުބާލަމުން ދިޔައީ އަފްނާންގެ ބުރަކައްޓަށެވެ.
ކުއްލިއަކަށް ކޮޓަރި ދޮރު ހުޅުވާލަމުން މަންޝާ އެތެރެއަށް ވަނީ ދެލޯ މުދުނަށް ލައިގެން ހުރެއެވެ. އިވުނު އަޑުތަކުންނާއި ފެނުނު މަންޒަރުން މަންޝާވެސް ހުރީ ބިރުގެންފައެވެ. ނަމަވެސް އެނދުމަތީ ބަންޑުން ތެޅިތެޅި އޮތް އަފްނާން ފެނުމުން އެދިމާއަށް މަންޝާ ލެފިގަތެވެ. އޭރު މުނީރާ އަތުގައި އޮތް ފިހިގަނޑު އަލަމާރިއާ ދިމާއަށް ހޫރާލުމަށްފަހު ކޮޓަރިން ނިކުތުމަށް ހިނގައިގަތީ ދުރުދުރުގައި ބޮޑެތި ފިޔަވަޅު އަޅަމުންނެވެ. މުނީރާގެ ހަތަރެސް ފައި ރޫރޫ އަޅަމުން ދިޔައެވެ. ދޮރުން ބޭރަށް މުނީރާ ނިކުތުމުން މަންޝާ އަފްނާންގެ ބުރަކަށީގައި ފިރުމާލިއެވެ.
"އާހް... އައްދޯ.... ނޫން ދޮނާ..... އާހް..." ކުއްލިއަަަކަށް ތެޅިގަންނަމުން އަފްނާން ގެނައި ހަރަކާތުން އޭނާގެ ބުރަކައްޓަށް ތަދުވާކަން އެނގިގެން މަންޝާ ބަލާލީ މުނީރާ ހޫރާލި ފިހިގަނޑަށެވެ. ޓައިލްސް މަތީ އޮތް ފިހިގަނޑުގެ ހޮޅިދަނޑި ވަނީ ހަތަރު ދިމާލަކުން ބިނދިފައެވެ. ދެލޯ ބޮޑުކޮށްލަމުން މަންޝާ އަފްނާނު ގާތު އޭނާގެ ބުރަކަށި ދައްކާލާށޭ ބުނެ އެ ކޮޓަރީގެ ދޮރު ތަޅުލިއެވެ.
*** *** *** *** ***
ތިން މަސްދުވަހުގެ ޗުއްޓީއަކަށް ފަހު ރިޔާޒް އޮފީހަށް ނިކުތް މީ ފުރަތަމަ ދުވަހެވެ. އޭނާ އޮފީހަށް ހާޒިރުވާނެ ދުވަހަކަށް ބަލަބަލާ، އޭނާގެ އެކުވެރިން ތިބީ ރިޔާޒަށް މަރުހަބާ ކިޔަން ވަރަށް ތައްޔާރުވެގެންނެވެ. އޮފީހަށް ރިޔާޒް އައުމުން އެންމެން ރިޔާޒަށް މަރުހަބާ ކިއުމަށް އޮފީހުގައި ހެނދުނުގެ ސައެއް ބޭއްވިއެވެ.
ކޮފީތަށިން އެތިފޮދެެއް ބޯލަމުން ރިޔާޒް އޮފީސްތެރެއަށް ނަޒަރު ހިންގާލިއެވެ. އެންމެންވެސް ތިބީ ރިޔާޒް އޮފީހަށް އައުމުން އެކަމާ ވަރަށް އުފަލުންނެވެ. އޮފީހަށް އަލަށް ވައްދާފަ ތިބި އަންހެން މުވައްޒަފުންނަށް ރިޔާޒް ތައާރަފް ކޮށްދިނުމުގައި އިސްކޮށް އުޅުނީ އޭނާގެ ޕާޓްނަރ މުނާޒެވެ.
"ހެހެހެ... ކަލޭ އަދިވެސް ތިކަންތައް ހުއްޓާ ގޮތެއް ނުވިދޯ.. އޮފީހަށް އަލަށް ކުއްޖަކު އަންނައިރަށް ފްލާޓް ކުރާނެ..." މަލާމާތުގެ ރާގަކަށް ރިޔާޒް އެހެން ބުނެލީ މުނާޒާ ދިމާކޮށްލާށެވެ. މޭޒު ދޮށުގައި ސައިބޯން ތިބި އެންމެން ކަހަލަ ގޮތަކަށް އެއްފަހަރާ ހޭން ފެށިއެވެ.
"ހާދަ ކަމެއް ނުވެޔޭދޯ.. ރިޔާޒް ކީއްވެ ސައި ނުބޮނީ.. މިހިރީ މަސްހުންޏާ ރޮއްޓާ.. ނިކަން ކާލަބަލަ....." މެދު އުމުރުގެ ފިރިހެނެއް ކަމަށްވާ ރަޝާދު ވާހަކަ ދެއްކީ އަނގަޔަށް ރޮއްޓާ އެކީ މަސްހުނި ކޮޅެއް ލަމުންނެވެ.
"ނޫނޭ... ކޮފީއެއް އޯކޭވާނެ.. އަހަރެން މިއައީ ގެއިން ވަރަށް ގަދައަށް ސައި ބޮއިގެން... ވައިފްއާ އެކީ ސައިނުބޮއެ އައިސްފިއްޔާ އޭނާ ހުންނާނީ ނުކައި..." މީރާގެ ނަން ދުލަށް ގެންނަން ޖެހުމުން ރިޔާޒްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
"އޭއި މަ އަޑުއެހިން ވާހަކައެއް.. އެއީ ތެދެއްތަ؟... އިޒް ޝީ އެކްސްޕެކްޓިންގް..." އޮފީހުގެ ރިސްޕްޝަންގަ އުޅޭ ޝާމާ އަހާލި ސުވާލުން އެންމެންގެ ސަމާލުކަން ހުއްޓުނީ ރިޔާޒްގެ މޫނަށެވެ.
"ހެހެހެ...އާން .. މީރާ ބަނޑުބޮޑު..." ރިޔާޒްގެ ޖަވާބާ އެކީ އޮފީހުގެ ހުރިހާ މުވައްޒަފުން ރިޔާޒަަަށް ހޫނު މަރުހަބާ ކިއެވެ. އަދި މިއަދު އޮފީސް ނިންމާފަ ކާންދޭން ޖެހޭނެކަމަށް އެމީހުން ބުންޏެވެ. އެހެންކަމުން ސައި ކޮޓަރިން ނުކުމެފަ ރިޔާޒް މީރާއަށް ގުޅާލީ މިއަދު ގެއަށް ދެވޭނީ ލަހުންކަމަށް ބުނާށެވެ.
"ހަލޯ... ހާދަ އަވަހަކަށް ތި މިސް ވީ.. އޮފީސް ކިހިނެއްތަ؟..." މީރާ ވާހަކަ ދެއްކި އިރު އޭނާ ހުރީ ވަރަށް ހިތްހަމަޖެހިފައިކަން ރިޔާޒަށް އެނގުނެވެ.
"މީރާ.... ޝާމާއަށް އެނގިއްޖެ މީރާ ޕްރެގްކަން... މިހާރު މުޅި އޮފީހުގަ އޮތީ އެވާހަކަ... މީރާގެ އެފްބީ ސްޓޭޓަސްއެއް ފެނިގެން އޭނާއަށް އެނގުނީ... އެހެންވެ މިއަދު އޮފީސް އެންމެނަށް ކެއުމެއް ދޭން ޖެހޭތީ ތަންކޮޅެއް ލަހުން ގެއަށް ދެވޭނީ..." ރިޔާޒްގެ އުޒުރު ހާމަ ކުރުމުން މީރާ ހިނިގަނޑެއް ޖަހާލިއެވެ.
"އެކަމަކު ޑޮކްޓަރަށް ދައްކަން ޖެހެނީ މިއަދު... އޯކޭ ވާނެ... އަހަރެން މަންމަ ނޫނީ ދޮންތައާ އެކީ ދާނީ... ނެކްސްޓް ޓައިމް ރިޔާ ދާން ވާނީ..." ޅަ ގޮތަކަށް މީރާ އެހެންބުނުމަށްފަހު ފޯނު ބޭއްވީ ރިޔާޒް މިވަގުތު ބިޒީ ވެއްޖެކަމަށް ބުނުމުންނެވެ.
*** *** *** *** *** ***
އަފްނާނުގެ ބުރަކަށީގައި ބޭސް އުނގުޅާ ދިން އިރުވެސް އަފްނާނުގެ ގިސްލުމާއި ރުއިން ނުހުއްޓެއެވެ. އަފްނާނުގެ ދޮން މޫނު ވަނީ ރަތްވެ ދުޅަވެފައެވެ. ބުރަކަށީގައި ހުރި ފިއްގަނޑު ތަކުގައި އަތް ޖައްސާލާ ކޮންމެ ފަހަރަކު ޗޫސް ދަމާލައެވެ. "އަފޫ... ދެން ނުރޮއި..." އަފްނާނުގެ ރުއިން ހުއްޓާތޯ މަންޝާ ވާހަކަ ދެއްކީ ވަރަށް ލޯބިންނެވެ. ނަމަވެސް އިތުރަށް އަފްނާނަށް ހިތްވަރުދޭން ބުނާނެ އެއްޗެއް މަންޝާއަކަށް ނޭނގުނެވެ.
"ދޮނާ... ދޮނާ... މަންމަ އަފޫއަށް މާފް ކުރާނެތަ؟... އަފޫ ވަރަށް ދެރަވޭ... ލަދުވެސް ގަނޭ... އިނގޭ އެއީ ގޯސް ކަމެއްކަން... އެކަމު ދެން އެހެނެއް ނޫޅޭނަން...." ގިސްލެވޭތީ އަފްނާނު ވާހަކަ ދައްކަމުން ދިޔައީ ތަންތަންކޮޅަށް ހުއްޓަމުންނެވެ.
"އަފޫ... ދެންހިނގާ ސައިބޯން... ދޮނާ އެބައަންނަން ކާން ހަދައިގެން... ކައިގެން ބޭސްކެއިމަ ދެން ތަދު ކުޑަވާނީ... އަފޫގެ ހެދުންތައް ފޮއްޓަށް އެޅީތަ.. ދޮނާ އެއްޗިހި ޕެކް ކޮށްދެންތަ؟... މިރޭ ފުރަންވާއިރަށް ރެޑީވާން..." މަންޝާ ދެއްކި ވާހަކައަށް އެއްބަސްވުމުގެ ގޮތުން އަފްނާނު ބޯޖަހާލިއެވެ.
"ދެން ނުރޯތި... އެބަ އަންނަން ކާ އެއްޗެއް ހިފައިގެން.... ބޭސްތައް ހިކެން ދެން ނުތެދުވެ ތިހެން އޮވޭ..." މަންޝާ އެހެން ބުމުމަށްފަހު ކޮޓަރިން ނުކުތީ އަފްނާނަށް ކާން ހަދާށެވެ.
ކާ އެއްޗިހި ތަބަކަކަށް ލައިގެން އެކޮޓަރިއަށް ގެނައުމުން އަފްނާނު އެނދުގައި ކާން އިނެވެ. އެވަގުތު އަލަމާރި މަތީގައި އޮތް ހުސްފޮށި ނަގައިގެން އަފްނާނުގެ އަންނައުނުތައް ފޮށްޓައް އަޅާ ދަތުރަށް ތައްޔާރުވާން މަންޝާ އެހީތެރިވިއެވެ. ބަތް ސަމްސަލަކަށް ފަހު ސަމްސަލެއް އަފްނާނު ކަމުން ދިޔައީ ކާ ހިތަކުން ނޫނެވެ. މަންޝާގެ އެދުމަށެވެ.
ހުރިހާ އެއްޗެއް ފޮއްޓަށް އަޅާ ބަންދުކުރީ އަފްނާނުގެ އަތްދަބަހަށް ލާންޖެހޭ ސާމާނުތައް ވެސް ލައި ދިނުމަށްފަހުގައެވެ. ފޮށީގެ ޒިބުއަޅުވަން ގުދަށް އޮތް މަންޝާ ތެދުވެ ހިންދެމިލީ އަރިކަށީގައި ރިހުމެއް ހުރުމުންނެވެ. ތެދުވެ އުނަގަނޑުގައި އަތް ވިއްދާލި ވަގުތު މަންޝާގެ ބަނޑަށް ގޮތެއް ވާހެން ހީވުމުން އަފްނާނަށް ފުރަގަސްދިނީ އަފްނާނަށް ކަމެއް ފާހަގަ ވެދާނެތީއެވެ.
"އަން.. ދެން ނުކެވޭނެ..." އަފްނާނު އޭނަ ކާން އިން ބަތް ތަށި ތަބަކުތެރޭ ބެހެއްޓުމަށްފަހު ޕެނެޑޯލް ގުޅައެއް ފެންފޮދަކާ އެކީ ދިރުވާލިއެވެ.
ތަބަށް ހިފައިގެން އަވަހަށް އެކޮޓަރިން މަންޝާ ނިކުތެވެ. ބަދިގެއަށް ދިއުމުގެ ބަދަލުގައި މަންޝާ ވަނީ އެ ކޮޓަރި ކުރިމައްޗަށް ވާގޮތަށް ހުރި އޭނާގެ ކޮޓަރިއަށެވެ. މަންޝާގެ ބަނޑު ކޮންމެވެސް ވަރަކަށް ފުއްޕާލިހެން ހީވުމުން ކޮޓަރި ދޮރު ލައްޕާ ތަޅުލިއެވެ. ކޮޓަރިތެރޭ ހުރި ގޮނޑިއެއްގެ މަތީ އަތުގައި ހުރި ތަބަށް ބެހެއްޓުމަށްފަހު ލޯގަނޑު ކުރިމަތީ ހުރެ އޭނާގެ ބަނޑަށް ބަލާލިއެވެ. ހަމަހުގެ ބަނޑެއްހާ މަންޝާގެ ބަނޑު ގަޔާދުރަށް ވަނީ ފުއްޕާފައެވެ.
މަޑުމަޑުން އޭނާގެ ބަނޑުގައި ފިރުމާލިއެވެ. އެވަގުތު މަންޝާގެ ނޭފަތުގައި ޖެހުނީ ބެރެބެދި މަލުގެ މީރުވަހެވެ. ރީތިވާ މޭޒުމަތީ އޮތް މާބޮނޑި ނަގާ އެމާތަކުން ވަސްބަލާލިއެވެ. އެމާ ތަކަކީ ވަރަށް ތާޒާ މާތަކެއް ކަމުން ދެންމެ އެކޮޓަރިއަށް ޒިބާން އައިސްފިކަން މަންޝާއަށް އެނގުނެވެ. އެހެނީ ބެރެބެދިމާ ގެނެސްދޭނީ މަންޝާގެ ޒިބާނެވެ. އިސާހިތަކު މަންޝާގެ ބަނޑަށް ލުއިވެ ބަނޑު ކުޑަވާން ފެށިއެވެ. އަރިކައްޓަށް އަރާފައިވާ ތަދު ކުޑަވަމުން ދިޔައެވެ.
ބެރެބެދި މާބޮނޑީގެ ތެރެއިން ވެއްޓުނު ގަނޑުކޮޅު ނަގަމުން މާބޮނޑި އަނބުރާ ރީތިވާ މޭޒުމަތީ ބޭއްވިއެވެ. އޭރު އެ މޭޒުމަތީގައި ރަތްކުލައިގެ ކަރުދާހަކުން ޕެކްކޮށްފައިވާ ޕާރުސަލެއް އޮތެވެ. ގަނޑުކޮޅުގައިވާ ލިޔުންކޮޅު މަންޝާ ކިޔާލިއެވެ. "މަން... މި ހެދުން ލައިގެން ހަވީރު ފަހެއް ޖަހާއިރަށް ބެރެބެދި ގަސްކައިރިއަށް އާދޭ... އިންތިޒާރުގަ ޒިބާން..."
އެނދުމަތީގައި އޮތް މަންޝާގެ ފޯނު ނަގާ ގަޑިއަށް ބަލާލީ ތައްޔާރުވާން ވަގުތުއޮތްތޯއެވެ. އޭރު ގަޑިން ހަތަރެއް ޖަހާ ބޮޑުވެއްޖެއެވެ. އެހެންކަމުން ފުރަތަމަ މަންޝާ ދިޔައީ އަފްނާނަށް ކާން ހަދައިގެން ގެނައި ތަބަށް ބަދިގެއަށް ލާށެވެ. ބަދިގޭ ކާމޭޒުމަތީ ތަބަށް ބެހެއްޓުމަށްފަހު ތަށީގައި ހުރި ބަތްތައްް ކުނިކޮތަޅަށް އަޅާ، ސިންކުތެރެއަށް އެތަށިތައް ލިއެވެ. ބަދިގެއިން ނުކުންނަން ހިނގައިގަތް ވަގުތު އަނބު ގަސްދޮށުގައި ހުރި ޖޯލީގައި އޮށޯވެގެން އޮތް މަދީހާ މަންޝާއަށް ގޮވާލިއެވެ.
މަދީހާ އެގޮވަނީ ކީއްވެގެންކަން މަންޝާއަށް އެނގުނެވެ. ޖެހިގެން ހުރި ހުސް ޖޯލީގައި މަންޝާވެސް އިށީނެވެ. "އަފްނާން ކިހިނެއް؟... ދެންމެ މުނީރާ އެ މަންޖެ ގައިގަ ތެޅީތަ؟... ނަސީބެއް އަމާ ގޭގަ ނެތްކަން... ބޭރަށް އަފްނާނު ރޯ އަޑު ރީއްޗަށް އިވޭ... މުނީރާވެސް ކީއްކުރާކަށްތަ އަފްނާނު ގައިގަ ތެޅީކީ؟..." ދެބުމަ ގޮށްޖަހައިގެން އޮވެ މަދީހާ ވާހަކަދެއްކި އިރު ރާގުގަނޑު ހުރިގޮތުން މަންމަ ހުރީ ނުރުހިފައިކަން މަންޝާއަށް އެނގުނެވެ.
"މަންމާ... ކަމުގެ ހަގީގަތް އެނގުނީމަ މުނީރާއްތައަށް ވެސް އެހެންވެދާނެ... ލޮލަށް ފެންނަ ކޮންމެ ކަމަކީ ހަގީގަތެއްނޫން... މުނީރާއްތައަށް ވެސް މިވަގުތު ބޭނުންވާނީ މަންމަގެ އަޅާލުން... ހަސަންބެ މާލެ ނުދާނެހެން ހީވަނީ... އެހެންވެއްޖިއްޔާ މުނީރާއްތަ އެކަނި ގޭގަ ހުރުމަކީ ރަނގަޅުކަމެއް ހެން މަންމައަށް ހީވޭތަ؟.." މަންޝާ އެދެއްކި ވާހަކަތަކުން މަދީހާގެ ސިކުނޑިއަށް ބާރުކޮށްލައިފިއެވެ.
"މަންޝާ ތިބުނަނީ އެއީ އަފްނާނު ވެސް... ތިބުނަނީ.. އެދެބަފައިން... ނުވާނެ އެހެނެއް..." ފުންމައިގެން މަދީހާ ޖޯލިން ތެދުވީ އޭނާއަށް މަންޝާ އެބުނަން އުޅޭ އެއްޗެއް ދޭހަ ވުމުންނެވެ.
"އެހެންވެޔޭ މިބުނަނީ މަންމަ މުނީރާއްތަ އާ ވާހަކަ ދައްކަން ދާށޭ... މި ވަގުތު މުނީރާއްތައަށް އެންމެ ބޮޑަށް ބޭނުންވާނީ މަންމަގެ އަޅާލުމާއި އޯގާތެރިކަމެއް ނޫންތަ؟..." މަދީހާ ހުރީ ފެންކަޅިވެފައެވެ. މުނީރާ ގާތަށް ދާން މަދީހާ ހިތަށް އެރީ ދެނެވެ. އަވަހަށް ގޭތެރެއަށް ވަނުމަށް އޭނާގެ ފިޔަވަޅު އަވަސްކޮށްލިއެވެ.
ގޭތެރެއަށް ވަންނަން މަދީހާ ހިނގައިގަތުމުން ހިތްހަމަޖެހުމުގެ ނޭވާއެއް މަންޝާ ދޫކޮށްލީ މުނީރާއްތައަށް ވެސް އަޅާލުން ލިބޭނެކަން އޭނާއަށް ޔަގީންވުމުންނެވެ. ޖޯލީގައި އިރުކޮޅަކު އޮތުމަށްފަހު ކައްޓެއް ޖެހިހެން މަންޝާ އެތަނުން ތެދުވިއެވެ. ޒިބާނާ ބައްދަލުކުރަން ދާންޖެހޭކަން ހަނދާންވުމުން މަންޝާ އަވަސްވެގަތީ ކޮޓަރިއަށް ވަދެ ފެންވަރައިގެން ރީތިވާށެވެ.
ފެންވަރައިގެން ނިކުމެ ރީތިވާ މޭޒުމަތީ އޮތް ރަތްކުލައިގެ ޕާރުސަލް ކަނޑާލީ އިސްތަށިގަނޑު ހިއްކާލަން ބޮލުގައި ތުވާލިީ އޮޅާލަމުންނެވެ. އެއީ ހުދުކުލައިގެ ދިގު ހެދުމެކެވެ. މޭމަތީގައި ވަނީ ރަތްކުލައިގެ އެސްތަކެއް ހަރުކޮށްފައެވެ. މޭދަށުން ހުދުކުލައިގެ ރިބަން ފަށެއް ގެންގޮސް ފަހަތަށް ބަންދެއްހެން އައްސާލާ ގޮތަށް އިން ހެދުމެކެވެ. ބަނޑު މައްޗަށް ވަނީ ކުދި ރޫތަކެއް ޖައްސާފައިކަމުން އެހެދުން މަންޝާގެ ބަނޑުން ތިރިއަށް ހުންނާނީ ވަރަށް ދޫކޮށެވެ.
ހެދުން ލުމަށްފަހު އިސްތަށިގަނޑުގައި ފުނާ އަޅާ، އޮމާން ކޮށްލިއެވެ. ބޮލުގެ އެއް އަރިން އިސްތަށިގަނޑު ފަޅާލުމަށްފަހު ނިތްކުރި މައްޗަށް ކުދި އިސްތަށިކޮޅުތަކެއް ވައްޓާލިއެވެ. ތުންފަތް އޫކޮށްލަމުން ރަތްކުލައިގެ ލިޕްސްޓިކެއް ތުނބުގައި ޖައްސާލީ ހެދުމާ ގުޅުވާފައެވެ. އަލަމާރި ކައިރީ ހުރި ހުދު ކުލައިގެ ބޫޓަށް މަންޝާ އެރީ އެ ހެދުމުގެ ދިގު ފަސްބައި ބިމުގައި ކޭއްތުނަ ނުދޭށެވެ. ލޮލުގައި އަނދުން އަޅާ ކުލަ ގަދަކޮށްލުމަށްފަހު އެސްފިޔަތައް އަވަސް މިނެއްގައި ތަޅުވާލަމުން ލޯގަނޑަށް ބަލާލީ އިތުރު ފުރިހަމަ ކަމެއް ގެންނަން ހަދާނެ ގޮތަކާ ދޭތެރޭ ވިސްނާށެވެ.
މޭޒުމަތީ އޮތް ބެރެބެދި މާބޮނޑިން މަލެއް ވަކިކޮށްލުމަށްފަހު ޓިސް ދައްޗެއްގެ އެހީގައި ބޮލުގެ އެއްފަރާތަށް ހަރުކޮށްލިއެވެ. ލޯގަނޑު ކުރިމަތީ ހުރެ ދެފަރާތަށް އެނބުރެމުން ފަރިބަލާލުމަށްފަހު ކޮޓަރިން ނިކުތީ އޭރު ގަޑިން ހައެއް ޖަހަން ފަނަރަ މިނެޓަށް ވެފައި ހުރީމައެވެ.
ނަސީބު ރަނގަޅުކަމުން ގޯތިތެރޭގައި އެއްވެސް މީހަކު ނެތް ވަގުތެކެވެ. ގެއިން ނިކުންނަށް މަންޝާއަށް ފަސޭހަވިއެވެ. މީހަކު ކޮށްފާނެ ސުވާލަކާ ދޭތެރޭ ވިސްނާކަށް ނުޖެހުނެވެ. މިކަމުން މަންޝާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. މަޑު ހިނގުމެއްގައި މަންޝާ ދިޔައީ ފުއްޓަރާ ދިމާއަށެވެ. މަގެއްގެ މަތިންވެސް މީހަކު ފެންނަން ނެތުމުން ޖެހިލުންވެ މަންޝާ ބިރުގަންނާކަށް ނުޖެހުނެވެ. މަންޝާއަށް ނޭނގޭ ކަމަކީ އެހެދުމުގައި ހުރިއިރު އިންސާނުންގެ ލޯތަކަށް މަންޝާ ފޮރުވިފައިވާ ކަމެވެ. އަދި އެހެން އިންސާނުންވެސް މަންޝާއަށް މިވަގުތު ނުފެންނާނެކަމެވެ.
ބެރެބެދިމަލުން ފުރާ އެ ގަސް ވަނީ ރަތްވެފައެވެ. އެ ގަސްދަށަށް ވެސް ވަނީ ބެރެބެދި މާތަށް ފައިބާފައެވެ. ހީވަނީ މުޅިން އެހެން ދުނިޔެއަކަށް ދެވުނު ހެންނެވެ. އިރު އޮއްސުމާ ގާތްވަމުން އައި ވަގުތަކަށް ވެފައި އެމަންޒަރު ވަރަށް ވެސް ރީއްޗެވެ. ޒިބާން ފެނޭތޯ ވަށައިގެން މަންޝާ ހޯދާލިއެވެ. އަތިރި މައްޗަށް ނުކުމެވެން ހުރި ފަރާތުން އުދަރެހުގައި ކުރެހިފައިވާ ވިއްސާރަ ދުނީގެ ފުރިހަމަ ރީތި ކުލަތައް މަންޝާގެ ލޮލުގައި އަޅައިގަތެވެ. އެ ހަތްކުލަ ގަދައަށް ފާޅުވާ ގޮތަށް މަންޝާއަށް ފެނުނު މީ ފުރަތަމަ ފަހަރެވެ.
ނޭނގޭ ބާރަކުން މަންޝާއަށް އެދިމާއަށް ދެވުނެވެ. ރާޅުޖަހާ ހިސާބަށް ނިކުތް އިރު މަންޝާގެ ލޮލުގައި އަޅައިގަތީ ދޮންވެލިގަނޑުމަތީ އުޑުފައިން އިށީނދެގެން އިން ޒިބާނެވެ. ލައިގެން ހުރި ބޫޓުގެ ކަށި ދޮންވެލިގަނޑަށް ގެނބޭތީ ހިނގާކަށް ފަސޭހައެއް ނުވިއެވެ. އެހެންކަމުން ބޫޓު ބާލައިގެން އެއް އަތުން ހެދުން އުފުލާލަމުން ކުރިއަށް ހިނގައިގަތް އިރު މަންޝާ ހީވަނީ ހިޔާލީ ވާހަކަތަކުގައި ބުނާ ކަހަލަ ޕްރިންސަސްއެއް ހެންނެވެ.
(ނުނިމޭ)