ގެއްލިގެން ހޯދަމުން ދިޔަ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު މުހައްމަދު ސާއިފު މާލެއިން ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އުމުރުން 30 އަހަރުގެ، ހއ. ހޯރަފުށި، ހީރާ، މުހައްމަދު ސާއިފް ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވާތީ ފުލުހުން ވަނީ އޭނާ ހޯދުމަށް މަސައްކަތް ކުރާ ކަން ހާމަކޮށް އޭނާ ފެނިއްޖެ ނަމަ ފުލުހުންނަށް ރިޕޯޓް ކުރުމަށް އަންގާ އިއުލާންކޮށްފައެވެ.

ގެއްލިގެން އުޅޭ މީހަކަށް ރިޕޯޓް ކުރި އިރު، ސާއިފު އެންމެ ފަހުން ފެނިފައި ވަނީ ސެޕްޓެންބަރު 24 ވަނަ ދުވަހުގެ ރޭ 9:00 ހާއިރު ހުޅުމާލެ ފޭސް 3 އިން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭރު އޭނާ ލައިގެން ހުރީ މަޑު ފެހިކުލައިގެ އަތްދިގު ގަމީހަކާއި ޖިންސެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ސާއިފް ގެއްލިގެން އުޅޭ ކަމަށް ރިޕޯޓްކޮށްފައި ވާއިރު، ބައެއް ފަރާތްތަކުން ވަނީ މިއަދު ހެނދުނު ވެސް ސާއިފް ބައެއް ފަރާތްތަކަށް ގުޅާފައިވާ ކަަމަށް ބުނެފައެވެ.

ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު މުހައްމަދު ސާއިފު އަކީ ގިނަ ކްލަބުތަކަކަށް ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ.