މަގުތައް ޒީނަތްތެރި ކުރުމަށް، ހުޅުމާލޭގެ 17 ސަރަހައްދެއްގައި ބަހައްޓާ މޮނިއުމަންޓްތައް ޑިޒައިންކުރުމުގެ ފުރުސަތު، ދިވެހި އާޓިސްޓުންނާއި، ޑިޒައިނަރުން އަދި އާކިޓެކްޓުންނަށް ހުޅުވާލައިފިއެވެ.

ހުޅުމާލެ ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ މި މުބާރާތުގެ މަގްސަދަކީ، ދިވެހި ފަންނުވެރިންގެ ބައިވެރިވުމާއެކު، "ދިވެހިންގެރާއްޖެ" ތީމްއާ ގުޅޭ ގޮތަށް، ރާއްޖޭގެ ސަގާފަތާއި، އިސްލާމީ ތާރީހު އަދި ދިވެހިންގެ އާދަކާދަ ރަމްޒުކޮށްދޭ ބިނާތަކެއް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓުން ކަމަށެވެ.

އެގޮތުން، ޕްރޮފެޝަނަލް އާޓިސްޓުންނާއި، ޑިޒައިނަރުން އަދި އާކިޓެކްޓުންގެ އިތުރުން އެ ދާއިރާތަކުން ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް ބައިވެރިވެވޭ ގޮތަށް ބާއްވާ މި މުބާރާތުގައި ވަކިވަކި ފަރުދުންނަށް ނުވަތަ 5 މީހުންގެ ގްރޫޕަކުންވެސް ޑިޒައިންތައް ހުށަހެޅޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. ޑިޒައިން ހުށަހެޅޭނީ އުމުރުން 18 އަހަރުވެފައިވާ ފަރާތްތަކަށް އެކަނިއެވެ.

އަދި އެ ި ކޯޕަރޭޝަނަށް ލިބޭ ހުށަހެޅުންތަކުގެ ތެރެއިން، އެންމެ ފުރިހަމަ ޑިޒައިން ހުށަހަޅާ ފަރާތަކަށް އެއްލައްކަ ރުފިޔާގެ (100،000ރ.) ފައިސާގެ އިނާމެއް ލިބޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ޑިޒައިން ހުށަހެޅުމުގެ ސުންގަޑިއަކީ އޮކްޓޯބަރު 30، 2024 ގެ 15:00 އެވެ. ޑިޒައިންތައް ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް، [email protected] އަށެވެ. މުބާރާތާ ގުޅޭ އިތުރު މައުލޫމާތު މި ކޯޕަރޭޝަންގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި އީމެއިލް މެދުވެރިކޮށް ވެސް އިތުރު މައުލޫމާތު ސާފުކުރެވޭނެ ކަމަށްވެސް އެޗްޑީސީން ބުނެއެވެ.