3 ރަށެއްގައި މުޅިން އަލަށް 30 ޓަނުގެ އައިސްޕްލާންޓާއި، 50 ޓަނުގެ އައިސް ސްޓޯރޭޖްގެ މަސައްކަތް ކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާ ހަވާލުކޮށްފިއެވެ.

މިއަދު ފިޝަރީޒް މިނިސްޓްރީ އާއި މިފްކޯއާ ދެމެދުގައި އެއްބަސވްުމުގައި ސޮއީ ކޮށްފައި ވަނީ، ދ. މީދޫ، ދ. ބަނޑިދޫ އަދި ށ. ފުނަދޫގައި 30 ޓަނުގެ އައިސްޕްލާންޓާއި، 50 ޓަނުގެ ސްޓޯރޭޖްގެ މަސައްކަތް ކުރުމަށެވެ.

މި އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނި ހިންގެވުމާއި މިވަގުތު ހަވާލުވެ ހުންނެވި ޗީފް ފައިނޭންޝަލް އޮފިސާ (ސީއެފްއޯ) އިލްޔާސް ހަނީފް އެވެ. އަދި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ފައިނޭންޝަލް ކޮންޓްރޯލާ އީނާޒް ނަސީރު އެވެ.

މިފްކޯއީން ބުނީ، މި ތިން ރަށުގައި ގާއިމް ކުރާނީ ޓިއުބު އައިސް އުފައްދާ 3 އައިސް ޕްލާންޓް ކަމަށެވެ.

މިއީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ކުރިއަށް ގެންދާ 24 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށް ވެސް މިފްކޯއިން ބުނެއެވެ. ކޮންމެ އައިސް ޕްލާންޓެއްގެ އަގަކީ 8 މިލިއަން ރުފިޔާ ކަމަށާއި މަސައްކަތުގެ މުއްދަތަކީ 8 މަސް ދުވަސް ކަމަށް ވެސް މިފްކޯއިން ބުނެއެވެ.