ފަސް ލައްކަ ރުފިޔާ ލިބޭ ގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސްޓާޓްއަޕް ގްރާންޓް ހުޅުވާލައިފިއެވެ.

ބީއެމްއެލް އިން ބުނީ ސްޓާޓްއަޕް ގްރާންޓަށް އެދި ހުށަހަޅާ ޕްރޮޕޯސަލްތަކުން ދެ ވިޔަފާރިއެއް ހޮވާނެ ކަމަށާއި، އޭގެ ތެރެއިން ކޮންމެ ވިޔަފާރިއަކަށް 500،000 (ފަސް ލައްކަ) ރުފިޔާ ދޭނެ ކަމަށެވެ.

ބީއެމްއެލްގެ ސްޓާޓްއަޕް ގްރާންޓަކީ އުފެދެމުން އަންނަ ވިޔަފާރިވެރިންނަށާއި، ރާއްޖޭގައި އަލަށް ވިޔަފާރި އެއް ފެށުމަށް ނުވަތަ ހިންގަމުންދާ ވިޔަފާރިއެއް ކުރިއެރުވުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި ބީއެމްއެލް އިން 2022 ވަނަ އަހަރު އިފްތިތާހު ކުރި ގްރާންޓެކެވެ.

ބީއެމްއެލް އިން ބުނީ މި ގްރާންޓު ކުރިއަށް ދާނީ ދެ މަރުހަލާއަކަށް ބަހާލައިގެންކަމަށާއި، ފުރަތަމަ މަރުހަލާއަކީ ހުށަހަޅާފައިވާ ބިޒްނަސް ޕްލޭންތައް އިވެލުއޭޓް ކުރުން ކަމަށެވެ. އަދި ދެވަނަ މަރުހަލާގައި ކުރިއަށް ދާނީ އެންމެ ފާހަގަކޮށްލެވޭ 10 ފަރާތް ޝޯޓްލިސްޓް ކޮށް ޝޯޓްލިސްޓްވި ފަރާތްތަކުން އެފަރާތުގެ ވިޔަފާރިއާ ގުޅޭ ޕްރެސެންޓޭޝަނެއް އިވެލުއޭޝަން ކޮމިޓީއަށް ހުށަހެޅުން ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

މީގެއިތުރުން ބީއެމްއެލް އިން ބުނީ މި ގްރާންޓު ލިބޭ ދުވަހުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި ހުށަހެޅި ބިޒްނަސްގެ މަސައްކަތް ފަށަން ޖެހޭނެ ކަމަށާއި، މިކަމަށް އެހީއަކަށް ފައިނޭންޝަލް އެޑްވައިސް ބޭންކުން ފޯރުކޮށްދޭނެ ކަމަށެވެ.

މި ގްރާންޓަށް އަންނަ މަހުގެ 17 ވަނަ ދުވަހުގެ ރޭ 11:59 ގެ ކުރިން [email protected] ހުށަހެޅުމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ. މި ގްރާންޓާ ބެހޭ އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓުން ލިބޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.