ދިވެހިރާއްޖެ އާއި ސްރީލަންކާގެ މެދުގައި އޮތް ތާރީހީ ގުޅުންތައް އާލާކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ލަންކާގެ އާ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެ ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި ލަންކާ އާ ދެމެދުގެ ޒަމާންވީ ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމަށް އެކީގައި މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޕޯސްޓާ ގުޅިގެން ޑިސަނަޔަކެ ވަނީ ރައީސް އަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ތާރީހީ ގުޅުންތައް އާލާކުރުމުގައި، އަދި މި ސަރަހައްދުގެ ކަންކަމުގައި އެއްބާރުލުން ދިނުމުގައިވެސް، ރާއްޖެއާ އެކު މަސައްކަތް ކުރައްވާނެ ކަމަށް ޑިސަނަޔަކެ ވިދާޅުވިއެވެ.

ޑިސަނަޔަކެ ވަނީ މިއަދު މަގާމުގެ ހުވާ ކުރައްވައި ކެބިނެޓްގެ ބައެއް މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވަން ފައްޓަވާފައެވެ.

ސްރީލަންކާގައި ހޮނިހިރު ދުވަހު ނިމިގެން ދިޔަ އިންތިހާބަކީ 17 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ އިންތިހާބެކެވެ. މި އިންތިހާބުގައި ޑިސަނަޔަކެ ވަނީ 5,740,179 ވޯޓު ހޯއްދަވާފައެވެ. ދެވަނަ އަށް ދިޔަ ކެންޑިޑޭޓަށް ލިބުނީ، 4,530,902 ވޯޓެވެ.