ލަންކާ ބޭންކްރަޕްޓް ވި ފަހުން ހަމައެކަށް އެޅެމުން އަންނަ މި ދަނޑިވަޅުގައި ބޭއްވި ފުރަތަމަ އާންމު އިންތިހާބު ކާމިޔާބު ކުރި ކެންޑިޑޭޓް އަނޫރާ ކުމާރާ ޑިސަނަޔަކެ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ރާއްޖެއާއި ލަންކާ އާ ދެމެދުގެ ޒަމާންވީ ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމަށް އެކީގައި މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. ލަންކާއަކީ ގާތް އަވައްޓެރި ގައުމެއް ކަން ފާހަގަ ކުރައްވަމުން ރައީސް ވަނީ މިފެށޭ ރިޔާސީ ދައުރަކީ ލަންކާގެ ރައްޔިތުން އެދޭފަދަ ކާމިޔާބު ދައުރަކަށް ވާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.
އިންތިހާބީ ރައީސް ޑިސަނަޔަކެ މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު މާދަމާ ބޭއްވުމަށް ނިންމާފައިވާކަމަށް ބޭރުގެ ހަބަރުތައް ގެނެސްދޭ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. އެގޮތުން އާ ރައީސް ހުވާކުރައްވާނީ މާދަމާ ހެނދުނު ރިޔާސީ ސެކްރެޓޭރިއަޓްގައި ބާއްވާ އާދައިގެ ރަސްމިއްޔާތެއްގައެވެ.
ލަންކާގެ އިންތިހާބު ޑިސަނަޔަކަ ކާމިޔާބު ކުރައްވައިފައި ވާކަން އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް އިއުލާނުކޮށްފައިވާއިރު، އެ އިންތިހާބުގައި ވާދަކުރެއްވި 38 ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓް ވޯޓު ލިބިފައިނުވެއެވެ. އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން ވަނީ ދެވަނަ ބުރަށް ވޯޓު ގުނައިފައެވެ. މިއީ ލަންކާގެ ތާރީހުގައި ވެސް ދެވަނަ ބުރަށް ވޯޓު ގުނަން ޖެހުނު ފުރަތަމަ ފަހަރެވެ.
އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ އަދަދު ގުނަމުން ދިޔަ ފުރަތަމަ ބުރުގައި ލީޑުގައި ތިއްބެވީ 42.31 ޕަސެންޓާ އެކު ވާތުފިޔައިގެ ސިޔާސީ ބޭފުޅެއް ކަމަށްވާ އަނޫރާ ކުމާރާ ޑިސަނަޔަކައެވެ. ދެ ވަނައިގައި 32.76 ޕަސެންޓާ އެކު އޮތީ އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސާއެވެ.
ދެވަނަ ބުރުގައި ވޯޓު ގުނިއިރު ބަލައިފައިވަނީ، އެންމެ ކަމުދާ ކެންޑިޑޭޓުގެ ގޮތުގައި އެހެން ކެންޑިޑޭޓުން ހިޔާރުކޮށްފައިވާ ވޯޓު ކަރުދާސްތަކުގައި ދެވަނައަށް ނުވަތަ ތިންވަނައަށް އެންމެ ކަމުދާ ކެންޑިޑޭޓުގެ ގޮތުގައި ޑިސަނަޔަކަ ނުވަތަ ޕްރަމަދާސަ ހިޔާރުކޮށްފައިވޭތޯއެވެ. އެގޮތުން ކޮށްފައިވާ ނަމަ އެއީ އެ ކެންޑިޑޭޓަކަށް ލިބޭ ވޯޓެއްގެ ގޮތުގައި ގުނުމަށްފަހު ލަންކާގެ އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ޑިސަނަޔަކަ ކަން އިއުލާންކޮށްފައެވެ.
ސްރީލަންކާގެ 17 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ އިރު އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނީ މިއީ އެގައުމުގެ ތާރީހުގައި ވެސް އެންމެ ސުލްހަވެރި އިންތިހާބު ކަމަށެވެ. ނަމަވެސް ރޭ ފުލުހުން ވަނީ "އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް" ބުނެ ކާފިއު އިއުލާނު ކޮށްފައެވެ.