ސްރީލަންކާގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެ ގައުމުގެ ރިޔާސީ އިންތިހާބު ދެވަނަ ބުރަށް ގޮސްފިއެވެ.

މި އިންތިހާބު ދެވަނަ ބުރަކަށް ގޮސްފައި މި ވަނީ އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ ގިނަ ވޯޓު ނުލިބުމުންނެވެ.

އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން މިހާރު އަންނަނީ ރައީސް ކަމަށް ވާދަ ކުރި ކެންޑިޑޭޓުންގެ ތެރެއިން ވޯޓާސްގެ ދެވަނަ އަދި ތިންވަނަ ޗޮއިސް ގުނަމުންނެވެ. އަދި މި އިންތިހާބުގައި އިސްކަން ދޭ ތަރުތީބުން ތިން ކެންޑިޑޭޓުން ފާހަގަ ކުރުމަށް ފަހު އިއުލާން ކުރުމަށެވެ.

އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ އަދަދު ގުނަމުން ދިޔަ ފުރަތަމަ ބުރުގައި ލީޑުގައި ތިއްބެވީ 42.31 ޕަސެންޓާ އެކު ވާތުފިޔައިގެ ސިޔާސީ ބޭފުޅެއް ކަމަށްވާ އަނޫރާ ކުމާރާ ޑިސަނަޔަކައެވެ. ދެ ވަނައިގައި 32.76 ޕަސެންޓާ އެކު އޮތީ އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސާއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ ޑިސަނަޔަކަ އާއި ޕްރޭމަދާސާ ފިޔަވައި އެހެން ހުރިހާ ކެންޑިޑޭޓުން ނުހޮވޭ ކަމަށެވެ. އަދި ނުހޮވޭ މި ކެންޑިޑޭޓުންގެ ތެރެއިން ތިންވަނަ ކެންޑިޑޭޓަކު ހޮވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ސްރީލަންކާގެ އިންތިހާބީ ގާނޫނުގައި ބުނާ ގޮތުން، އިންތިހާބު ކާމިޔާބު ކުރާ ކެންޑިޑޭޓަކަށް 50 ޕަސެންޓާއި އިތުރު އެއް ވޯޓު ލިބެންޖެހެއެވެ.

އިއްޔެ ބޭއްވި ސްރީލަންކާގެ އިންތިހާބަކީ 2022 ވަނަ އަހަރު އިގްތިސޯދީ ގޮތުން އެންމެ ބޮޑު ކާރިސާއެއް ކުރިމަތިވި ފަހުން އެ ގައުމުގެ ލީޑަރު ގޮތަބަޔާ ރާޖަޕަކްސަ މަގާމުން ދުރުކުރި ފަހުން ބޭއްވި ފުރަތަމަ އިންތިހާބެވެ. ސްރީލަންކާގައި 1982 ވަނަ އަހަރުން ފެށިގެން ބޭއްވި އަށް ރިޔާސީ އިންތިހާބުގެ ތެރެއިން ހުރިހާ އިންތިހާބެއްގައި ވެސް ވޯޓު ގުނުމުގެ ފުރަތަމަ ބުރުގައި ކާމިޔާބު ހޯއްދެވި ބޭފުޅަކު ވަނީ ފެނިގެން ގޮސްފައެވެ.

އެހެންކަމުން މި އިންތިހާބު ވެގެން ގޮސްފައި މިވަނީ ތާރީހީ އިންތިހާބަކަށެވެ.

ސްރީލަންކާގެ 17 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ އިރު އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނީ މިއީ އެގައުމުގެ ތާރީހުގައި ވެސް އެންމެ ސުލްހަވެރި އިންތިހާބު ކަމަށެވެ. ނަމަވެސް ރޭ ފުލުހުން ވަނީ "އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް" ބުނެ ކާފިއު އިއުލާނު ކޮށްފައެވެ.