ލަންކާ ބޭންކްރަޕްޓް ވި ފަހުން ހަމައެކަށް އެޅެމުން އަންނަ މި ދަނޑިވަޅުގައި ބޭއްވި ފުރަތަމަ އާންމު އިންތިހާބު ކާމިޔާބު ކުރި ކެންޑިޑޭޓް އަނޫރާ ކުމާރާ ޑިސަނަޔަކެ، މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު މާދަމާ ބޭއްވުމަށް ނިންމައިފިއެވެ.

ބޭރުގެ ހަބަރުތައް ގެނެސްދޭ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން އާ ރައީސް ހުވާކުރައްވާނީ މާދަމާ ހެނދުނު ރިޔާސީ ސެކްރެޓޭރިއަޓްގައި ބާއްވާ އާދައިގެ ރަސްމިއްޔާތެއްގައެވެ. ސްރީލަންކާގެ އިލެކްޝަންސް ކޮމިޝަންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އިންތިހާބުގައި މިހާތަނަށް ގުނާފައިވާ މިލިއަން ވޯޓުގެ ތެރެއިން ގާތްގަނޑަކަށް 53 ޕަސެންޓް ވޯޓު ކާމިޔާބު ކޮށްފައި ވަނީ ޑިސަނަޔަކެއެވެ.

ޑިސަނަޔަކެ އިންތިހާބަށް ނިކުމެވަޑައިގަތީ އޭނާ ނިސްބަތްވާ މާޒިސްޓް ޖަނަތާ ވިމުކްތީ ޕެރެމުނާ (ޖޭވީޕީ) ގެ ފަރާތުން ނެޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ) އާ ކޯލިޝަން ހައްދަވައިގެންނެވެ. ޑިސަނަޔަކެ ނިސްބަތްވާ ޕާޓީގެ ސިޔާސަތަކީ، ޓެކްސްތައް ކުޑަކޮށް ވިޔަފާރީ ލަންކާގެ ތެރޭގައި ހިފެހެއްޓުމުގެ ސިޔާސަތަކެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުން، ހުޅުވާލެވިފައިވާ ވިޔަފާރީގެ ސިޔާތަކަށް ވުރެ އެތެރޭގައި ހިފެހެއްޓިފައި އޮންނަ ވިޔަފާރީގެ ސިޔާސަތަކުން ރައްޔިތުންނަށް ކުރާ ފައިދާ ބޮޑުވާނެއެވެ.

އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ޑިސަނަޔަކޭ ގެންގުޅުއްވި ވަރުގަދަ ސިޔާސަތުތަކާ މެނިފެސްޓޯގެ ސަބަބުން އޭނާ އަށް ބޮޑު ތާއިދެއް ލިބިގެން ދިޔައިރު އޭނާ ވަނީވެރިކަން ލިބިވަޑައިގެންފި ނަމަ ލަސްވެގެން 45 ދުވަހުގެ ތެރޭގައި މިހާރު އޮތް ގާނޫނު ހަދާ މަޖިލީސް އުވާލައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އާ މެންޑޭޓާއެކު އާ މަޖިލީހެއް އެކުލަވާލުމަށް ޖާގަ ލިބިގެން ދާނީ އޭރުން ކަމުގައިވެސް އޭނާ ވައުދުވެވަޑައިގެންފައި ވެއެވެ.