އަތޮޅުތަކުގައި އަޅާ ފުރަތަމަ ވަގުފު އިމާރާތް އައްޑޫ ސިޓީގައި އަޅަން ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވީ ރައީސްގެ މެނިފެސްޓޯގައި ހިމެނިފައިވާ އިސްލާމީ ފަންޑު ދިރުވުމުގެ މަސައްކަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އޭގެތެރޭގައި ހިމެނޭ އެންމެ ބޮޑު މަޝްރޫއުއަކީ މާލެ އާއި އަތޮޅުތަކުގައި ވަގްފު އިމާރާތްތައް އެޅުމުގެ މަސައްކަތްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އައްޑޫ ސިޓީގައި އެޅުމަށް ހަމަޖެހިފައިވާ ވަގުފު އިމާރާތުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ.
އަތޮޅުތަކުގައި ވަގްފު އިމަރާތް އެޅުމަށް ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލި ފުރުސަތުގައި ސިޓީ/އަތޮޅު ކައުންސިލްތަކުން 10 ޕްރޮޕޯސަލް ހުށައަޅާފައިވާއިރު ރަށު ކައުންސިލްތަކުން 14 ރަށަކުން ޕްރޮޕޯސަލް ވަނީ ހުށަހަޅާފައެވެ. މީގެތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށައަޅާފައިވަނީ އައްޑޫ ސިޓީ ކައުންސިލުން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މިއީ 30 މިލިޔަން ރުފިޔާގެ މަޝްރޫއެއްކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ކުރިއަށް ގެންދާ ވަގުފުގެ ބޮޑު މަޝްރޫއުއަކީ 200 މިލިޔަން ރުފިޔާގެ މަޝްރޫއެއް ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން އަހަރަކު 30 މިލިޔަން ރުފިޔާ ވަގްފު ފަންޑަށް ލިބޭނެކަމަށެވެ. އަދި އައްޑޫ ސިޓީގައި އިސްލާމީ ކަންކަން ކުރިއެރުވުމަށް ސަރުކާރުގެ ބަޖެޓަށް ބަރޯސާ ނުވެ ކުރިއަށް ގެންދެވޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މިސްކިތްތައް މަރާމާތުކުރުމާއި، ދީނީ މުބާރާތްތައް ބޭއްވުމާއި އެ ރޮނގުން އިތުރަށް މަސައްކަތް ކުރުމަށް ފުރުސަތު ލިބޭނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިހާރު ރާއްޖޭގައި ހިންގަމުންދާ ހަމައެކަނި ވަގްފު އިމާރާތަކީ މާލޭގައި ހުންނަ ދާރުލްއިމާނެވެ. އެތަނުން އަހަރަކު 6 މިލިޔަން ރުފިޔާ ވަގްފް ފަންޑަށް ލިބެއެވެ.