ރާއްޖޭގެ މަތީ ތައުލީމް ދޭ މަރުކަޒުތަކުން ހިންގާ ކޯސްތަކުގެ ހުރިހާ އިމްތިހާނުންތަކުން 50 ޕަސެންޓް، ފާސްވާންޖެހޭގޮތަށް އެމްކިއުއޭގެ އެކްރިޑޭޝަން އުސޫލަށް ބަދަލުގެނައުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ބުނެފިއެވެ.

އެއޮތޯރިޓީގެ ސީއީއޯ ފިޒާނާ ރަޝީދު ވިދާޅުވީ ކޯސްތަކުގައި ދަރިވަރުންނަށް ހަވާލުކުރާ އެސައިމަންޓްތައް އެހެން މީހުން ލައްވާ ތައްޔާރުކުރުމަކީ މައްސަލައެއް ކަމަށެވެ. މިފަދަ މައްސަލަތަކަށް ހައްލެއް ހޯދިނުމުގެ ގޮތުން މަތީ ތައުލީމް މަރުކަޒުތަކުން ހިންގާ ކޯސްތަކުގެ އިމްތިހާންތަކުން 50 ޕަސެންޓް ފާސްވެގެން ނޫންގޮތެއްގައި އެ ކޯހުން ފާސް ނުވެވޭގޮތް ހެދުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ގޮތަށް އުސޫލު ހަދައިފިނަމަ އެސައިމަންޓްގެބައި ކުޑަވެ، އެސައިމަންޓް ގަތުމުގެ ބައިވެސް ކުޑަވެގެންދާނެކަމަށް ފިޒާނާ ވިދާޅުވިއެވެ.

މި އުސޫލު ވަރަށް އަވަހަށް ގެޒެޓުކުރާނެކަން ހާމަކޮށް ފިޒާނާ ވިދާޅުވީ އެ ބަދަލު ގެނައުމަށް ނިންމާފައިވަނީ މަތީ ތައުލީމް ދޭ މަރުކަޒުތަކުގެ އިސްވެރިންނާ ބައްދަލުކޮށް މަޝްވަރާކުރުމަށްފަހު ކަމަށެވެ.

ބައެއް މަރުކަޒުތަކުން ދަރިވަރުން ހަދަން ދޭ އެސައިމަންޓަށް 40 ޕަސެންޓުން ފެށިގެން 70 ޕަސެންޓާއި ހަމަޔަށް މާކްސް ދޭއިރު ފައިސާއަށް އެސައިމަންޓް ހެދުމުގެ މައްސަލަ ވަރަށް ބޮޑެވެ. "މަތީ ތައުލީމާއި ތަމްރީންދޭ މަރުކަޒުތަކާ ބެހޭގޮތުން ހުށަހަޅާ ޝަކުވާތައް ބެލުމުގައި އަމަލުކުރާނެ ގޮތުގެ" ގަވާއިދުގައިވާ ގޮތުން މިފަދަ ކަމެއް ކޮށްފި ނަމަ އަދަބެއްގެ ގޮތުން 5000 ރުފިޔާއިން ޖޫރިމަނާކޮށް އެ ދަރިވަރަކު ކިޔަވަމުން ދާ މަރުކަޒަކުން އެކަމާމެދު އަޅަން ބޭނުންވާ ފިޔަވަޅެއް އެޅޭނެކަމަށް ބަޔާންކޮށްފައިވެއެވެ.