ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޯޑަށް ޑިރެކްޓަރުން ހޮވައި، ޗެއާޕާސަނަކަށް ރައީސް އޮފީހުގެ ކެބިނެޓް ސެކްރެޓަރީ އަހްމަދު އަލީ ހަބީބު، ނޫވިލާގެ / އައްޑޫ ހިތަދޫ އައްޔަންކޮށްފިއެވެ.
ބީއެމްއެލްގެ ޗެއާޕާސަން ކަމަށް އޭނާ މިއަދު އައްޔަންކުރީ ވަޒީރުންގެ ފެންވަރުގައެވެ. ހަބީބްގެ އިތުރުން ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން ދެން އައްޔަންކުރީ:
- އަލީ އިރުފާން: މިވަގުތު ފިނޭންސް މިނިސްޓްރީގެ ޕަބްލިކް ފައިނޭންސް މޮޑަނައިޒޭޝަން އެންޑް ރިފޯމް ޕްރޮޖެކްޓްގެ ޑިރެކްޓަރުގެ މަގާމް ފުރުއްވަމުން ގެންދަވާ އިރުފާން ވަނީ އިނގިރޭސިވިލާތުގެ ހެރިއޮޓް-ވަޓް ޔުނިވާސިޓީން އެކައުންޓިން އާއި ފިނޭންސްގެ ދާއިރާއިން ބެޗެލާސް ހާސިލްކުރައްވައި، ހަމަ އެ ގައުމުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އިންގްލޭންޑުން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފައި
- މުހައްމަދު ޝާހިދު: މީގެ ކުރިން ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރުކަމާއި މީރާގެ ބޯޑުގެ ސެކްރެޓަރީކަން ކުރެއްވި ޝާހިދު ވަނީ އިނގިރޭސިވިލާތުގެ އީސްޓް ލަންޑަން ޔުނިވާސިޓީން އެކައުންޓިން އާއި ފިނޭންސްގެ ދާއިރާއިން ބެޗެލާސް ހާސިލްކުރައްވައި، މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާސް ހާސިލްކުރައްވާފައި
ހަބީބާއި ޝާހިދާއި އިރުފާންގެ އިތުރުން، ސަރުކާރުގެ ފަރާތުން ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފައި ވަނީ:
- އަލީ ފާރިސް މުހައްމަދު، ގ. ސިނަމާލެ 3 35-04 / މާލެ
- އާދިލް މޫސާ، ފެންއާރު / ބ. އޭދަފުށި
- ޑރ. މަރްޔަމް ސުޒީ އާދަމް، މ. އެމޭޒަން / މާލެ
އަދި އާންމު ހިއްސާދާރުންގެ ފަރާތުން ބީއެމްއެލްގެ ބޯޑަށް އިންތިހާބުކުރި ޑިރެކްޓަރުންނަކީ:
- އަބްދުالله ނަސީމް، ކަރަންކާ ވިލާ / ހއ. ފިއްލަދޫ
- މޫސާ ރަޝީދު، މ. ގަސީމް / މާލެ
- ނަޖީމް އިބްރާހީމް ޒަކަރިއްޔާ، މ. ދާޝީން / މާލެ
ބީއެމްއެލްގެ ބޯޑުގައި ތިއްބެވި ބޯޑު ޑިރެކްޓަރުންގެ ތެރެއިން ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ބޯޑު މެންބަރުކަމުން އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 27 ގައެވެ. އަދި މި މަހުގެ ނުވަވަނަ ދުވަހު ބޭންކްގެ މެނޭޖިން ޑިރެކްޓަރު / ސީއީއޯ ކާލް ސްޓުމްކަ އާއި އިއްޔެ ނަން-އެގްޒެކެޓިވް ޑިރެކްޓަރު އައިޝަތު ސަޖުނީ ވަނީ އިސްތިއުފާދެއްވައިފައެވެ.