ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގައި ތިބި ސަރުކާރު ތަމްސީލުކުރާ ނަން-އެގްޒެކެޓިވް މެންބަރުންގެ ތެރޭގައި ހިމެނޭ އައިޝަތު ސަޖުނީ އިސްތިއުފާ ދެއްވައިފިއެވެ.

މިކަން 'ދަ ޕްރެސް' އަށް އެނގިފައި ވީ ނަމަވެސް މި ކަމާ ގުޅިގެން އަދި ބީއެމްއެލްގެ ބަހެއް ލިބިފައެއް ނުވެއެވެ.

ސަޖުނީ އަކީ މެކްރޯ އިކޮނޮމިކްސްއާއި ފައިނޭންސްގެ ދާއިރާއިން 10 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގައި ތަފާތު މަގާމުތައް ފުރުއްވާފައިވާއިރު، 2017އިން 2019އަށް އެ އޮތޯރިޓީގެ ރިސާޗް ޑިވިޝަންގައި އިސްކޮށް ހުންނެވިއެވެ. އަދި ފެބްރުއަރީ 2019އިން މާޗު 2020އަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ އިކޮނޮމިސްޓެއްގެ ގޮތުގައި ސަޖުނީ މަސައްކަތް ކުރެއްވިއެވެ.

އޭނާ އިކޮނޮމިކްސް އެންޑް ފައިނޭންސްގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލުކުރެއްވީ ސިންގަޕޫރުގެ ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސްއިން ކަމަށްވާއިރު، އެޕްލައިޑް އިކޮނޮމިކްސްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރެއްވީ އެމެރިކާގެ އީސްޓާން މިޝިގަން ޔުނިވާސިޓީންނެވެ.

މިއަހަރު ޖެނުއަރީ މަހު ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ސަޖުނީ އައްޔަން ކޮށްފައި ވަނީ އޭނާ އެ މަގާމުން ވަކި ކުރިތާ ދެ ދުވަސް ފަހުންނެވެ.

ސަޖުނީ ބީއެމްއެލްގެ ބޯދޫން އިސްތިއުފާ ދެއްވާފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ބީއެމްއެލް އިން މާލީ ބަޣާވާތެއް ކުރަން އުޅޭ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

ބީއެމްއެލުން ރުފިޔާ ކާޑުތަކަށް ދެމުން އައި ޑޮލަރު ލިމިޓު މިދިޔަ މަހު 25ގައި އެއްކޮށް އުވައިލުމާއެކު، އެއީ ރައީސް މުއިއްޒުގެ އެންގެވުމާ ހިލާފަށް ކުރިކަމެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި އެއާއެކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އިރުޝާދަށް ބީއެމްއެލުން ވަނީ އެ ނިންމުން ބަދަލު ކޮށްފައެވެ.