މުޅި ލުބުނާނު ހިމެނޭހެން ބޭނުންކުރާ މުވާސަލާތީ އާލާތްތަކާއި ރޭޑިއޯ, ސޯލާ ޕެނަލް ފަދަ އިކެލްޓްރޯނިކް ވަސީލަތްތަކަށް ދިން ސައިބާ ހަމަލާ އަށް ފަހު ހިޒްބުއްލޯ އިން ބޭނުން ކުރާ ރޮކެޓް ލޯންޗަރުތަކަށް އިޒްރޭލުހް ހަމަލާ ދީފިއެވެ.
އިޒްރޭލުން ބުނީ, ޖުމްލަ 100 ލޯންޗަރަކަށް ހަމަލާ ދީ ހަލާކު ކޮށްލާފައި ވާކަމަށެވެ.
މި ހަމަލާތަކުގައި ލިބުނު ގެއްލުންތަކުގެ ތަފްސީލު ހިޒްބުއްލޯ ފަޅިން އަދި ހާމަ ކޮށްފައި ނުވާ އިރު, ލުބުނާނުގައި ހަރަކާތްތެރިވާ ބޭރުގެ އެކިއެކި މީޑިއާތަކުގެ ނޫސްވެރިން ބުނެފައި ވަނީ, ލުބުނާނަށް އަމާޒުވަމުން ދާ ހަމަލާތަކުގައި, ހާއްސަކޮށް ސައިބާ ހަމަލާގައި އެކި މިންވަރަށް ޒަހަމްވެފައި ތިބި މީހުން ފެންނަމުން ދާ ކަމަށެވެ. އެގޮތުން ބައެއް މީހުންގެ އަތުގެ އިނގިލިތައް ނެތް އިރު އަތް ނެތް މީހުނާއި ލޯމަތި ޒަހަމްވެފައި ތިބި މީހުން ފެންނަންމުން ދާ ކަމަށެވެ.
އިޒްރޭލުން ލުބުނާނަށް ދިން ކުއްލި ސައިބާ ހަމަލާގައި 3000 އަށް ވުރެ ގިނަ މީހުން ޒަހަމްވެ 37 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މި ހަމަލާ އާ ގުޅިގެން ވަރުގަދަ ބަދަލެއް ހިފާނެ ކަމަށް ވިދާޅުވެ ހިޒްބުއްލޯގެ ލީޑަރު ހަސަން ނަސްރުއްالله ވަނީ އިޒްރޭލުން ހުރިހާ ރަތް ރޮނގެއް ހުރަސް ކޮށްފި ކަމަށް ވިދާޅުވެފައެވެ.
އޭނާ އެހެން ވިދާޅުވެފައި ވީ ނަމަވެސް ބަދަލު ހިފާނެ ގޮތެއްގެ ވާހަކަ ދައްކަވާފައި ނުވާއިރު ހަމަލާތަކާ ގުޅިގެން އިތުރަށް ވިދާޅުވީ, އެއީ ހަނގުރާމައެއް ކަމަށް ބެލުމުގެ ފުރުސަތު އޮތް ކަމަށެވެ.
މުރާސިލުން ބުނީ އެމޭރުމުން ނަސްރުއްالله ވާހަކަ ދެއްކެވުމުން ހާމަ ވަނީ އިޒްރޭލާ ދެކޮޅަށް އެ ވިދާޅުވާ ޒާތުގެ ވަރުގަދަ ބަދަލުހިފުމެއް ކުރިއަށް ގެންދަވަން ފަސްޖެހިވަޑައިގަތުން ކަމަށެވެ.
އިޒްރޭލުން ލުބުނާނަށް ދިން ސައިބާ ހަމަލާގައި ބޭނުން ކުރި ޕޭޖަރުތައް ގޮވާ ހިނގި ހާދިސާގައި ގިނަ އަދަދެއްގެ ބަޔަކު ޒަހަމްވި ވި, އެ ޕޭޖަރުތަކަކީ ޓައިވާނުގެ ކުންފުންޏަކުން ހަންގޭރީގެ ކުންފުންޏަކަށް ސަބް ކޮންޓްރެކްޓެއް ދީގެން އުފެއްދި ޕޭޖަރުތަކެކެވެ. 1.6 މިލިއަން ޔޫރޯގެ އެ މުއާމަލާތުގައި ހިޒްބުއްލޯ އިން ޕޭޖަރުތައް ގަތުމަށް މެދުވެރި ކޮށްފައި ވަނީ ބަލްގޭރިއާގެ ކުންފުންޏެކެވެ. ނަމަވެސް އެ ކުންފުންޏަކީ ހަމައެކަނި މާލީ މުއާމަލާތުގައި ބައިވެރިވި ކުންފުންޏެއް ކަމަށް މިހާތަނަށް ވަނީ އެނގިފައެވެ.
އިޒްރޭލުން ދެން ގޮއްވާލީ ވޯކީ ޓޯކީ ތަކަކީ ޖަޕާނުގައި އުފައްދާ 'އައިކޮމް' މަރުކާގެ ވޯކީޓޯކީތަކެއް ނަކަލު ކޮށްގެން އުފައްދާފައި ވާ ޓޯކީ ތަކެކެވެ. މިހާދިސާ އާ ގުޅިގެން ޖަޕާނުގެ ކުންފުނިން ވަނީ އައިކޮށް ޓޯކީތަކުގެ ސައްހަކަން ދެނެގަނެވޭނެ ގޮތް ކިޔައިދީ, ލުބުނާނުގައި ގޮވި ޓޯކީތަކަކީ ފޭކްކަން ހާމަކޮށްދީފައެވެ. އެގޮތުން އޮރިޖިނަލް ޓޯކީގައި 'ޖެނުއިން' ކަން ދެނެގަތުމަށް ހަރުކޮށްފައި ހުންނަ ސްޓިކާއެއް ފޭކް ޓޯކީގައި ނެތެވެ.
ލުބުނާނަށް އިޒްރޭލުން ދިން މި ސައިބާ ހަމަލާއާ ގުޅިގެން ދުނިޔޭގެ ޓެކް ކުންފުނިތަކާ މެދު ސުވާލު އުފެދިފައި ވާ މިދަނޑިވަޅުގައި ޓެކްނޮލިޖީ ބޭނުން ކުރާ އެކިއެކި އިންޑަސްޓްރީތަކުން މިހާރު ވަނީ ފިޔަވަޅުތައް އަޅަން ފަށާފައެވެ.
ލުބުނާނެކޭ އެއްގޮތަށް އީރާނަކީވެސް ޕޭޖަރާއި ޓޯކީ ފަދަ އާލާތްތައް ބޭނުން ކުރާ ގައުމަކަށް ވާއިރު, ދާދި ފަހުން އީރާނުގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރު ގޮވާ ވެއްޓުނު ހާދިސާގައިވެސް ޕޭޖަރެއް ގޮއްވާލީ ކަމަށް މިހާރު ދަނީ ތުހުމަތުތައް ކުރަމުންނެވެ. ހަމަ އެހެންމެ އީރާނުގައި ހުންނަވަނިކޮށް ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ އަހަވާރަ ކޮށްލީވެސް އެފަދަ އާލާތެއްގެ އެހީގައި ކަމަށް މިހާރު ބުނަން ފަށައިފިއެވެ.