އައިޑީކާޑު އަދި ޕާސްޕޯޓު ހެދުމާއި ދޫކުރުމުގެ ހިދުމަތް މި 5 އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފެށޭނެ ކަމަށް ސިޓީސް، ލޯކަލް ގަވާންމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް ވަނީ އައިޑީކާޑާއި ޕާސްޕޯޓު ހެދުން ފަދަ މާލޭގައި ދެމުންދާ ބައެއް ހިދުމަތްތައް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާ ގާތުން ދެއްވާނެ ކަމަށް ވަޑައިގެންނެވި ވައުދު ރައީސް ޑރ. މުހައްމަދު މުއިއްޒު ފުއްދަވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ގއ. ވިލިނގިލީގައި އައިޑީކާޑު ހެދުމުގެ ހިދުމަތް ފެށުމަކީ އޭގެ ހެއްކެއް ކަމުގައި އާދަމް ޝަރީފް ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ މަރުކަޒުކުރެވިފައިވާ މިފަދަ ހިދުމަތްތައް ކައުންސިލްތަކުން ހިންގޭނެ ނިޒާމެއް ގާއިމްކުރުމަކީ ރައީސް މުއިއްޒުގެ ޒައާމަތުގައި ކައުންސިލްތައް ބާރުވެރި ކުރެވޭނެ ކަމުގެ ހެއްކެއް ކަމަށެވެ.

ރާއްޖޭގެ ހުރިހާ އަތޮޅަކުން އައިޑީކާޑު އަދި ޕާސްޕޯޓް ހެދުމާއި ދޫކުރުމުގެ ހިދުމަތް ރައީސް މުއިއްޒުގެ މި ދައުރުގައި ފެށޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އައިޑީކާޑު ޕްރިންޓް ކުރެވޭ ގޮތް ސަރުކާރުން ގއ. ވިލިނގިލީގައި ހަމަޖައްސާފައި ވާއިރު، މިއީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށެއްގައި އައިޑީކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ފެށި ފުރަތަމަ ރަށެވެ. މީގެ ކުރިން އައިޑީކާޑު ޕްރިންޓް ކުރުމުގެ މަސައްކަތް ކުރަމުން އައީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ އޮފީހުގަ އެވެ.