ބައިނަލްއަގުވާމީ ތިމާވެށީގެ ދުވަހާ ގުޅުވައިގެން، ރައީސް އިފްތިތާހު ކުރެއްވި ފަސްމިލިއަން ގަސް ޕްރޮގްރާމްގެ ތެރެއިން 5 ލައްކަ ގަސްއިންދުމުގެ މަސައްކަތް ސްޓެލްކޯއިން ފަށާފައި ވާއިރު، އެ މަސައްކަތުގެ ދަށުން އދ. ފެންފުށީގައި 500 ގަސް ސްޓެލްކޯއިން އިންދައިފިއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ ހުސެއިން ފަހުމީ ވަނީ މި މަސައްކަތަށް އދ. ފެންފުށީ ކައުންސިލާ އެ ރަށު ރައްޔިތުން ދިން އެއްބާރުލުން ފާހަގަކުރައްވައި ޝުކުރު އަދާކޮށްފައެވެ.

ސްޓެލްކޯއިން ވަނީ 5 ލައްކަ ގަސްއިންދުމުގެ އަމާޒަށް ވާސިލުވުމުގެ ގޮތުން ކުރިއަށް އޮތް ކޮންމެ މަހަކުވެސް ގަސް އިންދުމުގެ ޕްރޮގްރާމް ސްޓެލްކޯއިން ހިދުމަތް ދޭ ރަށްރަށުގައި ކުރިއަށް ގެންދާނެ ކަމަށް ބުނެފައެވެ.

ފަހުމީ ވިދާޅުވީ އެ ކުންފުނިން ބާއްވާ ގަސް އިންދުމުގެ ޕްރޮގްރާމުގެ ސަބަބުން އެ ކުންފުނިން އުފައްދާ ކާބަން އޮފްސެޓް ކުރުމަށް ހިފާފައިވާ އަމާޒަށްވެސް ވާސިލުވުމަށް މަގުފަހިވާނެ ކަމަށެވެ. އަދި ސްޓެލްކޯގެ އަމާޒަކީ މިއަހަރު ތެރޭގައި 25000 ގަސް އިންދުން ކަމަށާއި އެގަސްތައް އިންދާނީ ސްޓެލްކޯއިން ހިދުމަތްދޭ 33 ރަށުގައި ކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ.

ގަސް އިންދުމަށްފަހު އެ ގަސްތައް ބެލެހެއްޓުމަށްޓަކާ ކޮންމެ ރަށެއްގައި ވެސް 'ގްރީން އޭޖެންޓެއް'ގެ ގޮތުގައި އެކުންފުނީގެ މުވައްޒަފަކު ހުންނާނެ ކަމަށް ސްޓެލްކޯއިން ބުނެފައިވާއިރު، ސްޓެލްކޯއިން މި މަސައްކަތް ކުރަނީ ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެންނެވެ.