އައްޑޫ ސިޓީ މަރަދޫ ސިއްހީ މަރުކަޒުގެ މުވައްޒަފުންނަށް، ބިރު ދެއްކާ އިންޒާރު ދިން މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މުވައްޒަފުންނަށް ބިރުދެއްކި މައްސަލަ އެއް ހުށަހަޅާފައިވާ ކަމަށާއި، މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަކަމަށެވެ. އެހެންނަމަވެސް މި މައްސަލަ އާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މަރަދޫ ސިއްހީ މަރުކަޒުގެ މުވައްޒަފުންނާއި އެތަނުގެ ހިންގެވުމާއި ހަވާލުވެ ހުންނެވި ސީނިއާ އެޑްމިނިސްޓްރޭޓަރާ ދެމެދު އުފެދުނު މައްސަލަތަކެއްގައި، އެ ރަށުގެ ބަޔަކު ވަނީ ސިއްހީ މަރުކަޒު ކައިރިއަށް އެއްވެ އިހްތިޖާޖުކޮށްފައެވެ.

މަރަދޫ ސިއްހީ މަރުކަޒުގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު އެތަނުގެ ސީނިއާ އެޑްމިނިސްޓްރޭޓަރާ މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ގެންގުޅޭތީ ތަކުރާރުކޮށް އެކަންނުކުރުމަށް މުވައްޒަފުން އެދުމުން ވެސް އިޖާބަނުދިނުމުން މައްސަލަ ލިޔުމުން ކަމާއިބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެންނަން މުވައްޒަފުންވަނީ މަސައްކަތްކޮށްފައެވެ.

މީގެ އިތުރުން އެތަނުގެ ބައެއް މުވައްޒަފުންގެ ފަރާތުން، ގަނާކުރުމުގެ މައްސަލަތަކެއްވެސް ފެންމަތިވެފައިވާއިރު ސޯޝަލް މީޑިއާގައި ދައުރުވަމުން ވީޑިއޯތަކުން އެތަނަށް އިހްތިޖާޖުކުރުމަށް އެއްވި މީހުން ސީނިއާ އެޑްމިނިސްޓްރޭޓަށް އިންޒާރުދޭ މަންޒަރުވެސް ފެނިގެން ދެއެވެ. މީގެ އިތުރުން އެތަނުގެ ބައެއް މުވައްޒަފުންނަށްވެސް މަރުގެ އިންޒާރު ދީފައިވާއިރު އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ދަށުން ހިންގާ ސިއްހީ މަރުކަޒުގައި ހިނގި މި ހާދިސާ އާއި ގުޅިގެން އަދި އެއްވެސް މުވައްޒަފަކަށް ފިޔަވަޅު އަޅާފައެއް ނުވެއެވެ.