ލުބުނާނުގެ އެތަން މިތަނުގައި އެއްފަހަރާ ޕޭޖަރުތަކެއް ގޮވާ 9 މީހަކު މަރުވިތާ 24 ގަޑިއިރު ނުވެ ވޯކީ ޓޯކީތަކާއި މޯބައިލް އަދި ސޯލާ ޕެނަލްތަކެއް ގޮއްވާލުމުގެ ހާދިސާއެއް އިއްޔެ ލުބުނާނުގައި ވަނީ ހިނގާފައެވެ.
މި ހަމަލާގައި އިއްޔެ އެކަނި 20 މީހަކު މަރުވެ 450 މީހަކު ޒަހަމްވެފައި ވާއިރު، ޖުމްލަ 40 އެއްހާ ގޮވުން ލުބުނާނުގެ އެކި ސަރަހައްދުތަކުން ފެނިގެން ގޮސްފައި ވެއެވެ.
އިއްޔެ ނޫން އިހަށް ދުވަހު ޕޭޖަރުރައް ގޮއްވާލި ހާދިސާގައި 3000 އެއްހާ މީހުން ޒަހަމްވެ 9 މީހަކު މަރުވި އެވެ.
އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑާއި އިޒްރޭލުގެ އަސްކަރިއްޔާ ގުޅިގެން ދުރާލައި ރާވައިގެން ދިން މިހަމަލާއާ ގުޅިގެން މުޅި ލުބުނާނަށް ސިހުން ގެނުވާފައި ވާ އިރު، ހަމަލާތައް އަމާޒުވެފައި ވަނީ ހަމައެކަނި ހިޒްބުއްލޯގެ މެންބަރުންނަކަށް ނޫނެވެ. ކުޑަކުދިންނާއި އާންމުންނަށް ވެސް ހަމަލާ އަމާޒުވިއެވެ.
އާންމު ގޭގޭގަ އާއި ހޮސްޕިޓަލްތަކާއި ސްކޫލް މަދަރުސާތަކާއި ބާޒާރު ފަދަ ތަންތަނުގައި އާންމުން އެ ފަދަ ޑީވައިސްތައް ހިފައިގެން އުޅެނިކޮށް ވަނީ ގޮވާފައެވެ.
މި ހަމަލާތަކާ ގުޅިގެން އެއީ ސީދާ އިޒްރޭލުން ކުރި ކަމެއް ކަމަށް ޔަހޫދީން ނުބުނި ނަމަވެސް ހަނގުރާމައިގެ އާ މަރުހަލާއެއް ފެށިއްޖެ ކަމަށާއި، އާ ވަސީލަތްތަކާއި ބާރުތަކާއެކު އިޒްރޭލުގެ ސަމާލުކަން އުތުރަށް ހުއްޓިފައި ވާ ކަމަށް އިޒްރޭލުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ވަނީ ބުނެފައެވެ. އޭނާ އިޝާރާތް ކުރާ އުތުރަކީ ލުބުނާނު ހިމެނޭ ސަރަހައްދެވެ.
ޓައިވާނުގެ ކުންފުންޏެއްގެ ކޮންޓްރެކްޓެއްގެ ދަށުން ހަންގޭރީގައި އުފައްދާ ލުބުނާނަށް ފޯރުކޮށް ދީފައިވާ ޕޭޖަރުތައް ލުބުނާނަށް ގެންދިޔައީ މީގެ 5 މަސް ދުވަސް ކުރިން ކަމަށް އަލްޖަޒީރާގައި ރިޕޯޓް ކޮށްފައި ވެއެވެ. މި ހާދިސާ އާ ގުޅިގެން އަލްޖަޒީރާގެ ހަންގޭރީ މުވައްޒަފުން ވަނީ، އެ ޕޭޖަރު އުފެއްދި ކަމަށް ބުނާ ކުންފުނީގެ އޮފީސް ހުންނަ ތަނަށް ގޮސް ވީޑިއޯ ކޮށް ހަދާފައެވެ. އަލްޖަޒީރާ އިން ބުނީ، އޮފީސް ހުންނަތަން ކަމަށް ބުނެ ދީފައި ވާ އެޑްރެހަކީ ފަޅު ގެއެއް ކަމަށާއި އެތާނގެ ބޭރުން ތިރީބުރީގެ ބިއްލޫރިގަނޑެއްގައި އޭ4 ސައިޒްގެ ކަރުދާސް ގަނޑެއްގައި އޮފީހުގެ ނަން ޖަހާފައި އޮތް ކަމަށެވެ. އެއް ވެސް މީހަކު ނުފެނި އަދި މީހެއްގެ ހިލަމެއްވެސް ނުވާ އެތަނުގެ ވެރި ފަރާތަށް ގުޅުމން ފޯނުވެސް ނުނަގާ ކަމަށާއި، އެ އިމާރާތުގައި ދިރިއުޅޭ މީހަކާ ދިމާވެ ސުވާލު ކުރުމުން، އެއީ ރަޖިސްޓްރީ ކުރަން ނަންބޯޑު ޖަހާފައި އޮތް ތަން ކަމަށް ބުނެފައި ވެއެވެ.
މި މައްސަލައިގައި ޓައިވާނުގެ މައި ކުންފުނިން ބުނެފައި ވަނީ، ޕޭޖަރު އުފެއްދީ ހަންގޭރީގެ ކުންފުންޏާ ހަވާލުކޮށްގެން ކަމަށެވެ.
ލުބުނާނުގެ ތާރީހުގައި ސަލާމަތީ ރޮނގުތައް ފޫއަޅުވާލައި ދިން މި ހަމަލާ އަކީ ހިޒްބުއްލޯ އަށް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ.