ރުފިޔާ ކާޑަށް ޑޮލަރު ދިނުން ބީއެމްއެލް އިން ކުއްލި ގޮތަކަށް ހުއްޓާލުމާ ގުޅިގެން، ސިޔާސީ ފަރާތްތަކުން އަދި ސޯޝަލް މީޑިއާގައި ބޮޓް އެކައުންޓު ބޭނުން ކޮށްގެން ސަރުކާރު ވައްޓާލުމަށް މަސައްކަތް ކޮށް މާލީ ބަޣާވާތެއް ހިންގަން އުޅުނު މައްސަލައިގެ ތުހުމަތުގައި މިހާތަނަށް އެއްވެސް މީހަކާ ސުވާލުކޮށްފައި ނުވާނެ ކަމަށް ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވެއްޖެއެވެ.

ޝިފާއު މިފަދައިން ވިދާޅުވެފައިވަނީ މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ޝިފާއު ވިދާޅުވީ އެ މައްސަލާގައި މިވަގުތު ކުރަމުންދާ މަސައްކަތަކީ ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް އެއްކުރުން ކަމަށާއި، ޖިނާއީ ތަހުގީގެއް ކުރެވޭ މިންވަރަށް ކަންކަން ފުރިހަމަވޭތޯ ބަލާނެ ކަމަށެވެ. މި ތަހުގީގާ ގުޅޭ އިތުރު މައުލޫމާތެއް ޝިފާއު ނުދެއްވައެވެ.

ބީއެމްއެލްއިން ރުފިޔާ ކާޑުތަކަށް ޑޮލަރު ދޫކުރުން ހުއްޓާލަން މިދިޔަ މަހު ކުއްލި ގޮތަކަށް ނިންމުމާއެކު ގިނަ ފަރާތްތަކެއް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިކަމާ ގުޅިގެން ސިޔާސީ ފަރާތްތަކުން އަދި ސޯޝަލް މީޑިއާގައި ބޮޓް އެކައުންޓު ބޭނުން ކޮށްގެން ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރިކަމުގެ ތުހުމަތު ފުލުހުން ވަނީ ކޮށްފައެވެ.

މިކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިޔާސީ ފަރާތްތަކުން އަދި ސޯޝަލް މީޑިއާގައި އެތައް ސަތޭކަ ބޮޓް އެކައުންޓު ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމަށް މަގުތަކަށް ނިކުތުމަށާއި އާންމު ހަމަޖެހުން ނަގާލުމަށް ގޮވާލާ ގައުމުގެ މަސްލަހަތު ނަގާލުމަށް ގޮވާލާފައިވާކަން ފާހަގަވެފައި ވާ ކަމަށާއި، ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދީ ހަދައިފައިވާތީ، އެކަމަކީ ގާނޫނީ ސަރުކާރެއް ޣައިރު ގާނޫނީކޮށް ބަދަލުކޮށްލުމަށް ކުރި ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތް ކަމަށެވެ.

ޑޮލަރު ނުދޭން ނިންމި ނިންމުން ބީއެމްއެލް އިން ހަމަ އެދުވަހު ވަނީ ކުރިން އޮތް ގޮތަށް ބަދަލު ކޮށްފައެވެ. ބީއެމްއެލް އިން ބުނީ ރާއްޖެ އިން ބޭރުގެ މުއާމަލާތް ކުރެވޭ ލިމިޓްތަކަށް ގެނެވުނު ބަދަލުތައް ބޭންކްގެ ރެގިއުލޭޓާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އިރުޝާދަށް ބަލައި މިހާރު އަނބުރާ ގެނެސްފައިވާ ކަމަށެވެ.