ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާ އިން އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް ބައްސާމް އަދީލް، އަމިން އެވެނިއުއިން ދެ ފުލެޓު ގަތްކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނީ، ކޮވިޑުގެ ދުވަސްވަރު ފީފާ އިން އެހީގެ ގޮތުގައި ދިން އެއް މިލިއަން ޑޮލަރުން ފުލެޓު ގަތް މައްސަލައިގައި ބައްސާމާއި އިތުރު ބައެއްގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެފްއޭއެމްގެ ފަައިސާއިން 3،084،000 ރުފިޔާ ބައްސާމް އަމިން އެވެނިއުއިން ދެ ފުލެޓު ގަތުމަށް ބޭނުން ކޮށްފައިވާ ކަމަށެވެ. 2021 ވަނަ އަހަރުގެ އޭޕްރީލް 14 ގައި ބައްސާމް އަމިން އެވެނިއުއަށް އެއް މިލިއަން ޑޮލަރު ޖަމާކުރިކަމަށް ފުލުހުން ބުނެފައިވާއިރު، އެ އަދަދަށްވާ ވަރަށް ދިވެހި ރުފިޔާ އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރި ކަމަށް ދައްކަން ލިޔެކިޔުންތަކެއް ވެސް ތައްޔާރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ފުލުހުން ވަނީ ބައްސާމުގެ އިތުރުން އަމިން އެވެނިއުގެ ވެރިފަރާތް ކަމަށްވާ އަމިން ކޮންސްޓްރަކްޝަން އާއި، އެފްއޭއެމްގެ އޭރުގެ ފައިނޭންސް ހެޑް މުހައްމަދު އަގީލް އަދި އެފްއޭއެމްގައި އޭރު އިސްކޮށް އުޅުނު ހަސަން ވަހީދުގެ މައްޗަށް ދައުވާކޮށްދޭން ޕީޖީ އަށް ފޮނުވާފައެވެ.

މަނީ ލޯންޑާ ކުރުމާއި ކޮރަޕްޝަނާއި އަދި ޖިނާއީ އިތުރު ކުށްތަކެއް ކޮށްފައިވާކަމުގެ ތުހުމަތުގައި ރާއްޖޭގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނެރުނު އަމުރެއްގެ ދަށުން އެފްއޭއެމް ހައުސް ބަލާ ފާސްކުރުމާއި ގުޅިގެން ކުރެވުނު ތަހުގީގުގެ މައްޗަށް ބެލުމަށްފަހު ފީފާއިން ވަނީ ބައްސާމް ނުވަ މަސްދުވަހަށް ސަސްޕެންޑުވެސް ކޮށްފައެވެ.