ދިވެހި ރާއްޖެ އިސްތިހާރު ކުރުމަށް ހޮލީވުޑާއެކު ފިލްމެއް ހެދުމުގެ މަސައްކަތް ކުރަމުން ދާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިފަދައިން ވިދާޅުވެފައި ވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ސައީދު ވިދާޅުވީ ރާއްޖޭގައި އިންވެސްޓް ކުރުން ޕްރޮމޯޓް ކުރުމަށް މި ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ދާކަމަށާއި އެކަން ހާސިލުކުރުމަށް ހޮލީވުޑާއެކު ފިލްމެއް ހަދަން މަސައްކަތް ކުރަމުން ދާކަމަށެވެ.

ސައީދު ވިދާޅުވީ ފައިންޑިން ނީމޯ ސްޓޯރީ ލިޔުއްވި ފަރާތަށް ސިޓީ އެއް ފޮނުވި ކަމަށާއި އެ މަސައްކަތުގެ ތެރެއިން ހޮލީވުޑްގެ ސްޓާޓްއަޕް ކުންފުންޏަކާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފައިވާކަމަށެވެ. ސައީދު ފާހަގަކުރެއްވި ގޮތުގައި މި ކުންފުނީގެ ބޭފުޅުން ރާއްޖެ މިހާރު ވަނީ އައިސްފައެވެ. އަދި އެ ކުންފުނިން ރާއްޖެއަށް ދެވަނަ ދަތުރެއް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ސައީދު ވިދާޅުވީ ކްރިއޭޓިވް އިކޮނޮމީ ނުވަތަ ފަންނުވެރިންނާއި އުފެއްދުންތެރިންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ އަމާޒުތަކަށް ވާސިލްވުމަށް ހޮލީވުޑާ ގުޅިގެން ހަދާ ފިލްމު މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ.

މީގެއިތުރުން މި ބައްދަލުވުމުގައި ސައީދު ވަނީ ޗައިނާއާއި ރާއްޖެއާއި ދެމެދު ސޮއިކުރި ފްރީ ޓްރޭޑް އެގްރިމަންޓް (އެފްޓީއޭ) އަށް އަންނަ އަހަރުން ފެށިގެން އަމަލު ކުރާނެ ކަމަށްވެސް ފާހަގަކުރައްވާފައެވެ. ސައީދު ވިދާޅުވީ އެފްޓީއޭ އަށް އަމަލު ކުރަން ފެށުމުން، ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ. އެގޮތުން ޗައިނާއިން ރާއްޖެއަށް އެތެރެކުރާ 91 ޕަސަންޓު މުދަލަށް [ބާވަތްތައް] ޑިއުޓީ ދައްކަން ނުޖެހޭނެ ކަމަށާއި، ޑިއުޓީ ނުދައްކާ ދިވެހި ރުފިޔާއިން ޗައިނާ އިން މުދާ ގަނެވޭ ގޮތް ވުމުން، ދިވެހި ވިޔަފާރިތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.