ސައިކަލުގައި ސިނަމާލެ ބްރިޖާއި ހައިވޭ ހުރަސްކޮށް ސާފްބޯޑެއް އުފުލި މީހަކަށް ފިޔަވަޅު އަޅައިފިއެވެ.

ފުލުހުން ބުނީ ގަވާއިދާ ހިލާފަށް މުދާ އުފުލުމުގެ މައްސަލައިގައި ސިނަމާލެ ބްރިޖާއި ހައިވޭ ހުރަސްކޮށް ސާފްބޯޑެއް އުފުލި މީހަކާމެދު ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އަދި މިފަދަ އަމަލުތަކުގެ ސަަބަބުން އަމިއްލަ މީހާއަށާއި އެހެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާނެތީ މިފަދަ އަމަލުތައް ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

މި މައްސަލައިގައި މިފަރާތް ވަނީ 750ރ. އިން ޖޫރިމަނާ ކޮށްފައެވެ. ހައިވޭ މަތިން ދުއްވި ސައިކަލެއްގެ ފަހަތު ސީޓުގައި ސާފްބޯޑެއް ހިފަހައްޓައިގެން އިން މީހަކު ފެންނަ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފައެވެ.

މި މައްސަލައިގެ އިތުރުން ދާދި ފަހުން ވަނީ ސައިކަލުގައި ބްރިޖާއި ހައިވޭ ހުރަސްކޮށް މާގަސްތަކެއް އުފުލި މީހަކަށްވެސް ފުލުހުން ފިޔަވަޅު އަޅާފައެވެ. ސައިކަލުގެ ކުރިއަށް އަދި ފަހަތަށް ބައިވަރު މާގަސްތަކެއް އަރުވައިގެން ބްރިޖާއި ހައިވޭގައި ދުއްވާފައި މީހަކު ދިޔަ މި ވީޑިއޯވެސް ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފައެވެ.